ނ. މާފަރުގައި ތަރައްގީ ކުރަމުން އަންނަ އެއާޕޯޓްގެ ރަންވޭއަށް ވެލައެއް އަރައި، އެތަނަށް މިއަދު ބިސް އަޅައިފި އެވެ.

ސޯޝަލް މީޑިއާގައި މިހާރު އާންމުވެފައިވާ ފޮޓޯ އިން ފެންނަ ގޮތުގައި ވެލާ އަރައި ބިސް އަޅާފައިވަނީ އެއާޕޯޓްގެ ރަންވޭގެ ތާރުގަނޑު މައްޗަށެވެ.

އާންމުކޮށް ވެލާ ބިސް އަޅާނީ ހޭޅިފަށުގެ ދޮންވެލިގަނޑު ކޮނުމަށް ފަހު އެ ތަންތަނަށެވެ. އަދި މާފަރު އެއާޕޯޓް އަޅަމުންދާ ސަރަހައްދަކީ ކުރިން އާންމުކޮށް ވެލާ އަރައި އުޅޭ ސަރަހައްދެއް ކަމަށްވެ އެވެ. އެކަމަކު ރަންވޭ އެޅުމާ ގުޅިގެން ވެލާ ބިސްއަޅާނެ ތަނެއް ނެތީ ކަމަށް ބެލެވެ އެވެ.

ސިންގަޕޫރު ކުންފުންޏަކާ ހަވާލު ކޮށްގެން މާފަރުގައި އަޅަމުންދަނީ އިންޓަނޭޝަނަލް އެއާޕޯޓެކެވެ. އެތަން ތަރައްގީ ކުރަނީ 2.2 ކިލޯ މީޓަރުގެ ރަންވޭއަކާ އެކު، ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާބޯޓު ވެސް ޖެއްސޭ ފެންވަރަށެވެ.