ރާއްޖޭގެ މޫސުމާބެހޭ އިދާރާ ކަމަށްވާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (އެމްއެމްއެސް) މެޓް އޮފީހުގެ ހިދުމަތް ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި އިއްޔެ ފަށައިފި އެވެ.
މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މާފަރު މީޓިއޮރޮލޮޖިކަލް އޮފީހުގައި އެވިއޭޝަން މީޓިއޮރޮލޮޖިކަލް ހިދުމަތްތައް އިއްޔެ ފަށާފައިވާ ކަމަށެވެ.
އެ ހިދުމަތް ގާއިމް ކުރުމަކީ މާފަރު އިންޓަނޭޝަނަަލް އެއާޕޯޓަށް ބޭނުންވާ "ވެދާ ސަޕޯޓް"ގެ އެހީތެރިކަން އިތުރަށް ހަރުދަނާކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަށަވަރު އަދި ވަގުތުން ވަގުތަށް ބޭނުންވާ މޫސުމީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަންދޭ ކަމަށެވެ.
މާފަރު އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަނާ ގުޅިގެން އެ އެއާޕޯޓުގައި ރާއްޖޭގެ މޫސުން ބަލާ ހަވަނަ އޮބްޒަވޭޓަރީ ހެދުމުގެ މަސައްކަތް ފެށީ މިމަހުގެ ކުރީކޮޅު އެވެ.
އެ އޮބްޒަވޭޓަރީ ހެދުމާއެކު، މާފަރު އެއާޕޯޓުގެ މޫސުމީ ނިޒާމް އދ. ގެ ދުނިޔޭގެ މޫސުމާބެހޭ ޖަމިއްޔާ ޑަބްލިއުއެމްއޯގެ "ގްލޯބަލް ބޭސިކް އޮބްޒަވޭޝަން" މިންގަނޑުތަކަށް ފެތޭ ގޮތަށް ހިދުމަތް ދެވޭނެ މަގު ތަނަވަސްވާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.
ޔުނައިޓެޑް ނޭޝަންސް މަލްޓިޕާޓީ ޓްރަސްޓް ފަންޑް (ޔޫއެންއެމްޕީޓީއެފް) އާއި ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިއުއެމްއޯ) ގުޅިގެން އުފައްދާފައިވާ ސިސްޓަމެޓިކް އޮބްޒަވޭޝަން ފައިނޭންސިން ފެސިލިޓީގެ ދަށުން ރާއްޖޭގެ މޫސުމާ ބެހޭ ބައެއް އޮބްޒަވޭޝަން ސްޓޭޝަންތައް ގްލޯބަލް ބޭސިކް އޮބްޒަވޭޝަން ނެޓްވޯކްގެ ފެންވަރަށް އަޕްގްރޭޑް ކުރުމަށް ހިންގާ ޕްރޮޖެކްޓް ފެށީ މިދިޔަ އަހަރު އެވެ.
މެޓް އޮފީހާއި ޔުނައިޓެޑް ނޭޝަން އެންވަޔަރަމެންޓް ޕްރޮގްރާމް (ޔޫއެންއީޕީ) އާ ގުޅިގެން ހިންގާ އެ ޕްރޮޖެކްޓަކީ ހަތަރު އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.
އެ ޕްރޮޖެކްޓުގެ ދަށުން، ރާއްޖޭގައި މިހާރު ހުރި ހަތަރު މެޓް އޮފީސް ނުވަތަ އޮބްޒަވޭޓަރީތަކުގައި ބަހައްޓާފައިވާ މޫސުމާ ބެހޭ އާލާތްތަކުގެ ފެންވަރު ރަނގަޅުކޮށް، މާފަރުގައި އިތުރު މެޓް އޮފީހެއް ހެދުމުގެ މަސައްކަތް ކުރަން ވަނީ ނިންމައިފަ އެވެ.
ރާއްޖޭގެ މޫސުން ބަލާ އޮބްޒަވޭޓަރީތައް މިހާރު ހުންނަނީ ހުޅުލެ އާއި ހދ. ހަނިމާދޫ އާއި ލ. ކައްދޫ އާއި ގދ. ކާޑެއްދޫ އަދި އައްޑޫ ގަމުގަ އެވެ. އަދި އޭގެ އިތުރުން ރާއްޖޭގެ 20 ރަށެއްގައި އޮޓޮމޭޓެޑް ވެދާ ސްޓޭޝަންތަކާއި ދިޔަވަރު ބެލުމަށް ހަނިމާދު އާއި ހުޅުލެ އަދި އައްޑޫ ގަމުގައި ޓައިޑް ސްޓޭޝަންތައް ހުރެ އެވެ.
އައްޑޫ ގަމުގައި ހުންނަ ވައިގެ މަތީ ފަށަލަތަކުން މޫސުމާބެހޭ މައުލޫމާތު އެއްކުރާ ނިޒާމު (ރޭޑިއޯސޮންޑޭ) މަރާމާތުކޮށް އަލުން ބޭނުންކުރަން ފެށުން ވެސް އެ ޕްރޮޖެކްޓްގެ ތެރޭގައި ހިމެނެ އެވެ.