މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ކުރިއަށް އޮތް ތިން ދުވަހު ވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.
ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުގެ އޮފިޝަލަކު "މިހާރު"އަށް ވިދާޅުވީ މިވަގުތު ލަފާކުރުންތަކުން ދައްކާ ގޮތުގައި ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި މާދަމާއިން ފެށިގެން ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"މިއީ ހަމަ އާންމުކޮށް މި ދުވަސްވަރު ކުރާ މޫސުމީ ވިއްސާރަ. ވިއްސާރަ އަލިވާން ފަށާނެ ސީދާ އިރެއް މިވަގުތު ލަފާކުރަން ދަތި،" އޮފިޝަލް ވިދާޅުވި އެވެ.
ކަނޑުތައް ގަދަވާނެތީ، ކަނޑުދަތުރުފަތުރު ކުރުމުގައި މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މިއަދު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ އެވެ. ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭއިރު، ވިލާގަނޑުގައި 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެ އެވެ.
މޫސުމީ ލަފާކުރުންތަކުން ދައްކާގައި ގޮތުގައި މި ހަފުތާގައި ރާއްޖެއަށް އެންމެ ބޮޑަށް ވިއްސާރަކުރާނީ މާދަމާ އެވެ.
ދިވެހި ނަކަތް ކަލަންޑަރުގައިވާ ގޮތުން މިއަދަކީ ހުޅަނގު މޫސުމުގެ ނުވަވަނަ ނަކަތް އަހުލިހައިގެ ފަހު ދުވަހެވެ. އަދި މާދަމާ މާ ނަކަތް ފެށޭއިރު، އަހުލިހައިގައި ވިއްސާރަވުމުން އެ ނަކަތުގައި ވެސް ވިއްސާރަވާނެ ކަމަށް ބެލެވެ އެވެ.
ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެންދަނީ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. ހުޅަނގު މޫސުން ދެމިގެންދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާ ފަށާ ދުވަސްވަރެވެ.