މިއަދުން ފެށިގެން އަންނަ ބުދަދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު  ބަޔަކަށް ބޯކޮށް ވާރޭވެހި ބައެއް ރަށްރަށުގައި ފެންބޮޑުވުމަކީ އެކަށީގެންވާ ކަމަކަށް ވާތީ ރައްކާތެރިކަމުގެ ފިޔަވަޅުަތައް އަޅަން މޫސުމާ ބެހޭ އިދާރާއިން މިއަދު އިލްތިމާސްކޮށްފި އެވެ.

ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓެއްގައި މެޓުން ބުނީ ބުދަދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ވެސް ލަފާކުރެވޭ ކަމަށެވެ. 

އެ އިލްތިމާސާ އެކު ޕޯސްޓްކުރި ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި ރާއްޖެ ސަރަހައްދު މިހާރު ވެސް އޮތީ ބޯ ވިލާތަކުން ފުރިފަ އެވެ.

މެޓުން މިގޮތަށް ލަފާ ކުރިއިރު އިއްޔެއާއި ރޭ ވެސް ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި ބައެއް ރަށްތަކުގައި ފެންބޮޑުވި އެވެ. އޭގެ ތެރެއިން އެއް ރަށަކީ ގއ. ކޮލަމާފުށްޓެވެ. އެ ރަށުގައި ރޭ ފެންބޮޑުވެ ބައެއް ގެތަކަށާއި މުއައްސަސާތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވި އެވެ.

ވިއްސާރައިގެ ސަބަބުން ރަށުން ކަރަންޓުގެ ހިދުމަތް ވެސް ރޭ މެދުކެނޑުނެވެ.

އެންޑީއެމްއޭއިން މިއަދު ބުނީ، ށ. ޅައިމަގަށް ނަގޫރޯޅިއެއް އަރައި ހަތަރު ވަރަކަށް ގޭގެ ފުރާޅަށާއި ބައެއް ގުދަންތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

"މި ހާދިސާގައި ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ގޮސް ފަރުވާދެމުންދާއިރު، ނަގޫރޯޅީގެ ސަބަބުން ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކައުންސިލުން ދަނީ ކުރަމުން،" އެންޑީއެމްއޭއިން ބުންޏެވެ.

މެޓްގެ އޮފިޝަލަކު އިއްޔެ ވިދާޅުވީ، ވަޔާއި ކަނޑު އެވްރެޖު ގޮތެއްގައި މަޑުވި ނަމަވެސް ވިލާގަނޑުގައި ގަދަވުން އެކަށީގެންވާ ކަމަށެވެ. އަދި އަންނަ އަންގާރަ ދުވަހުން ފެށިގެން ވަޔާއި ކަނޑުތައް ގަދަވާން ފަށާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

ދިވެހި ނަކަތް ކަލަންޑަރުގައިވާ ގޮތުން މިއަދަކީ ހުޅަނގު މޫސުމުގެ 16 ވަނަ ނަކަތް، ވިހާ ނަކަތުގެ ހަތްވަނަ ދުވަހެވެ. މި ނަކަތުގައި އާންމު ގޮތެއްގައި މޫސުން ރަނގަޅުވާނެ އެވެ.

ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެންދަނީ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. ހުޅަނގު މޫސުން ދެމިގެންދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާ ފަށާ ދުވަސްވަރެވެ.