ރާއްޖެ މަތީގައި މި ދުވަސްވަރު އުފެދެމުންދާ ވިއްސާރަ ވިލާ ގިނަވުމުގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ. 

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ހުޅަނގު މޫސުމާ ގުޅިގެން މި ދުވަސްވަރު ރާއްޖެ ސަރަހައްދުގައި ގިނަ އަދަދަކަށް ވިއްސާރަ ވިލާ އުފެދެމުން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ދައްކާ ކަމަށެވެ. 

އެހެންވެ، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ބައެއް ރަށްރަށް ބޯކޮށް ވާރޭވެހި، ގުގުރުން ވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ. 

މެޓް އޮފީހުން ބުނި ގޮތުގައި، އާންމު ގޮތެއްގައި ވައިޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުންނެވެ. ދެކުނުގެ އަތޮޅުތަކުގައި ގަޑިއަކު ފަސް މޭލާއި 22 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވެ އެވެ. 

ރާއްޖޭގެ ދެކުނުގައި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ. 

މޫސުން ގޯސް ދުވަސްވަރަކަށް ވާތީ މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ. 

މޫސުމީ ލަފާކުރުންތަކުން މިވަގުތު ދައްކާ ގޮތުގައި، ކުރިއަށް އޮތް ހަފުތާގެ ގިނަ ދުވަސްތަކުގައި ވަރަށް ވިއްސާރަ ކުރާނެ އެވެ. ސްކޫލްތަކުގެ މިޑް-ޓާމް ބްރޭކާ ދިމާވާ އެ ހަފުތާގައި މާލެއަށް އެންމެ ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވެނީ އަންނަ އާދިއްތަ ދުވަހާއި ބުދަ ދުވަހު އެވެ.

ދިވެހި ނަކަތް ކަލަންޑަރުގައިވާ ގޮތުން މިއަދަކީ ހުޅަނގު މޫސުމުގެ 12 ވަނަ ނަކަތް، އުތުރަ ނަކަތުގެ ހަތަރުވަނަ ދުވަހެވެ.  އިހުގެ އާންމު ބަހުރުވައިން ނަމަ މި ނަކަތުގައި ހަޅަޖަހާނެ އެވެ. މީގެ މާނައަކީ ވައި ބާރުވެ ކަނޑުތައް ގަދަވާނެ އެވެ.

ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެންދަނީ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. ހުޅަނގު މޫސުން ދެމިގެންދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާ ފަށާ ދުވަސްވަރެވެ.