މާފަރު "ހަލާކު" ކޮށްލުމާ ގުޅިފައިވަނީ ފައިސާގެ ނުފޫޒު!

އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) ގެ އެހީގައި ތަރައްގީކޮށްފައިވާ ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ ބޮޑުކުރަން ހުއްދަ ދިނުމާ ގުޅިފައިވަނީ ފައިސާގެ ނުފޫޒު ކަމަށް ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ، ސޭވް މޯލްޑިވްސް އިން ތުހުމަތުކޮށްފި އެވެ.


މާފަރުގެ އެންވަޔަރްމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހެދުމަށް ފަހު އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ އެ އެއާޕޯޓްގެ ރަންވޭ ބޮޑުކުރަން ފަޅު ހިއްކުމުގެ ހުއްދަ ނުދޭން ނިންމައިފަ އެވެ. އީޕީއޭއިން އެގޮތަށް ނިންމީ މާފަރުގެ ތިމާވެއްޓަށް ލިބިދާނެ ގެއްލުންތަކަށް ބެލުމަށް ފަހު އެވެ.

ނަމަވެސް އެންވަޔަރްމެންޓް މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވަނީ އެ ޕްރޮޖެކްޓް ހިންގުމުގެ ހުއްދަ އިއްޔެ ދެއްވައިފަ އެވެ.

މިއީ އީއައިއޭއަކަށް އަމަލު ނުކުރަން މި ސަރުކާރުން ނިންމި ފުރަތަމަ ފަހަރެވެ. ކުރީ ސަރުކާރުން އެގޮތަށް އަމަލު ކުރުމުން ފާޑުކިޔުއްވި ބޭފުޅުންގެ އަމަލްތައް ވެސް އެ މިސްރާބަށް ހުރުމުން، ތިމާވެށީގެ ހިމާޔަތްތެރިން ވަނީ ކަންބޮޑުވެފަ އެވެ.

ސޭވް މޯލްޑިވްސްގެ ހަރަކާތްތެރިއެއް ކަމަށް ވާ ހުމޭޒާ އަބްދުލް ގަފޫރު (ހުމޭ) ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތިމާވެށި ހިމާޔަތުގައި ދައްކަވާ ވާހަކަފުޅާއި ސަރުކާރުން އަމަލުކުރާ ގޮތާ ދިމާނުވާ ކަމަށެވެ. މާފަރު އެއާޕޯޓްގެ މައްސަލައަކީ ހެއްކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްބަޔަކު ނޫނެކޭ ބުނީމަ އަނެއް ބަޔަކު އެކަން މިކުރަނީ. އޭގެ ސަބަބުން ހުރިހާ ގެއްލުމެއް މިލިބެނީ ތިމާވެއްޓަށް. މާފަރު މީހުންނަށް ވެސް ނޭނގޭނެ ލިބޭނެ ގެއްލުން،" ހުމޭ ވިދާޅުވި އެވެ.

ފަޅު ހިއްކައިގެންނާއި ރަށުން ބައެއް ނަގައިގެން މާފަރުގެ ރަންވޭ ބޮޑުކުރަން ހުއްދަ ނުދޭން އީޕީއޭން ނިންމީ އީއައިއޭއިން ސީރިއަސް މައްސަލަތަކެއް ފާހަގަވުމުންނެވެ.

ރަންވޭ ބޮޑުކުރަން ބިން ހިއްކުމުން މާފަރަށް ލިބިދާނެ ގެއްލުންތައް:

• ރަށް ވަށައިގެންވާ ފަރަށް ބޮޑެތި ގެއްލުންތަކެއް

• 22،000 ގަސްގަހާ ގެއްސަން އަސަރު ކުރާނެ

• ވެލާ ބިސް އަޅަން އަރާ ސަރަހައްދު ނެތިދާނެ

• ރަށުގެ ފަޅު އެއްކޮށް ހިއްކުމުން އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް

މާފަރުގެ ރަންވޭ އަށް ވެލައެއް އަރައި ބިސް އެޅި މަންޒަރު ފެންނަ ފޮޓޯއެއް މިދިޔަ އަހަރުގެ އޭޕްރިލް މަހު ސޯޝަލް މީޑިއާގައި އާންމުވި އެވެ. އެ ވެލާ މޫދަށް ދޫކޮށްލި ނަމަވެސް އޭގެ ފަސް ދުވަސް ފަހުން ފެނުނީ މަރުވެފައި އޮއްވަ އެވެ.

މި އަހަރު ވެސް ވަނީ މާފަރު އެއާޕޯޓް ސަރަހައްދަށް ވެލައެއް އެރި އެވެ.

"ރާއްޖެއަށް މި ލިބޭ ގެއްލުންތައް މޮނީޓާއެއް ވެސް ނުކުރޭ. ކާކުތޯ ބަލަނީ އިހަށް ދުވަހު ކުރި ކަންތަކުން މިއަދުވި ގެއްލުން؟ ރަށު ރައްޔިތުންނަށް ދޯ ފެންނަނީ؟" ހުމޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާފަރު އެއާޕޯޓް ކަންތަކުގައި އުޅެނީ ފައިސާގެ ނުފޫޒެވެ. މިނިސްޓަރު އިސްކަން ދެއްވަން ޖެހޭނީ ބޭރުގެ އިންވެސްޓަރުގެ މަސްލަހަތައްތޯ ނުވަތަ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ މަސްލަހަތަށްތޯ ނޫން ނަމަ ދިވެހި ރައްޔިތުންނަށްތޯ ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ތިމާވެށީގެ ކަންކަމުގައި ބަސް ބުނަން ތިބީ މުއައްސަސާތޯ ނޫނީ އިންވެސްޓް ކުރަން އަންނަ ވިޔަފާރިވެރިންތޯ ސުވާލު އުފެދޭ. ކެބިނެޓް މިނިސްޓަރުން ޖަވާބުދާރީ ވަނީ ބޭރުގެ އިންވެސްޓަރުންނަށްތޯ،؟ މަޓީއަށްތޯ؟ ނޫނީ ރައްޔިތުންނަށްތޯ ސުވާލު އުފެދޭ،" ހުމޭ ވިދާޅުވި އެވެ.

"މިނިސްޓަރު ބޭރުގެ ފޯރަމްތަކަށް ވަޑައިގެން ދައްކަވާ ވާހަކަތަކާއި އަމަލު ކުރައްވާ ގޮތް ތަފާތު. ނަގާ ޑިޝިޝަންތައް ތަފާތު. މި ފެންނަނީ ވިޔަފާރީގެ ނުފޫޒް."

ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ސަރުކާރުގެ އިދާރާ އީޕީއޭ މިނިވަން ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. އަދި އީއައިއޭ ރިޕޯޓްތަކަށް ބެލުމެއް ނެތި ކުރީ ސަރުކާރުން އަމަލު ކުރި ގޮތަށް މި ސަރުކާރުން އަމަލު ނުކުރާނެ ކަމަށް ބުނެ ވައުދު ވެސް ވި އެވެ.

ހުމޭ ވިދާޅުވި ގޮތުގައި ރާއްޖޭގެ ތިމާވެއްޓާ މެދު އުފެދިފައި ހުރި ކަންބޮޑުވުންތައް ސީދާ ރައީސާ ވާނީ ހިއްސާކުރައްވައިފަ އެވެ. ނަމަވެސް ތިމާވެށީގެ ހިމާޔަތުގައި ސަރުކާރުން ކުރާ ކަންކަމަށް ބަދަލެއް އަންނަތައް ނުފެންނަ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"ދިވެހިންނަށް ރާއްޖޭގެ ރަށްތައް ސަލާމަތެއް ނުކޮށްދޭ،" ހުމޭ ވިދާޅުވި އެވެ.