ތައިލެންޑުގައި އެކްސިޑެންޓުވި މީހާގެ ހާލު އަންނަނީ ރަނގަޅުވަމުން

ތައިލެންޑުގައި މިދިޔަ ހަފުތާގައި ހިނގި އެކްސިޑެންޓުގައި ޒަހަމްވި ދިވެހި މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް، އޭނާގެ އާއިލާއާ ގާތް މީހަކު މިއަދު ބުނެފި އެވެ.


ބެންކޮކް އެއާޕޯޓުން ހޮޓަލަށް ދިޔަ މަގުމަތީގައި މިދިޔަ އަންގާރަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަހަމްވީ އަހުމަދު ސައީދު، 44، އެވެ. އޭނައާއެކު ކާރުގައި އިން އެއްބަނޑު އެއްބަފާ ބޭބެ އަށް ވެސް ކުދިކުދި އަނިޔާތަކެއް ލިބުނެވެ.

އޭނާގެ އާއިލާއާ ގާތް މީހަކު ބުނީ ބެންކޮކުގެ ރަމަތިބޮޑި ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ސައީދުގެ ބޮލުގެ އޮޕަރޭޝަންކޮށް ކަނދުރާގެ އޮޕަރޭޝަނެއް ވެސް ކޮށްފައިވާ ކަމަށެވެ. އެ އޮޕަރޭޝަންތަކަށް ފަހު ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.

"މިހާރު ހޭ ވެސް އަރައިފި. ވާހަކަ ވެސް ދައްކާ. އެކަމަކު ގިނައިރު އަދި ވެސް ނިންދަވާފައި ބާއްވަނީ. އެކްސިޑެންޓުވި ހާލަތާ ބަލާފައި ވަރަށް ބޮޑަށް އިމްޕްރޫވްވެފައި ވަނީ،" މި ވަގުތު ތައިލެންޑުގައި ހުރި އެ މީހާ ބުންޏެވެ.

ފުރާނަ ސަލާމަތްކުރުމަށް އެންމެ ފުރަތަމަ ކުރީ ސިކުނޑީގެ އޮޕަރޭޝަނެކެވެ. ޑޮކްޓަރުން އެންމެ ފުރަތަމަ ލަފާކުރި ވަރަށް ވުރެ އޭނާގެ ސިކުނޑި އަށް ލިބުނު ގެއްލުން ކުޑަ އެވެ. ކަނދުރާގެ އޮޕަރޭޝަން ކުރީ އޭގެ ފަހުންނެވެ.

އެކްސިޑެންޓް ވުމާ އެކު ސައީދުގެ އާއިލާގެ ގިނަ ބަޔަކު މިހާރު ވަނީ ބެންކޮކަށް ގޮސްފަ އެވެ. އޭނާގެ އަންބަކާއި ދެ ކުދިން ތިބެ އެވެ.