މި ކުރިމަތިލަނީ ރައްޔިތުން ބާރުވެރި ކުރުމުގެ އާ މަރުހަލާ އަކަށް: ރައީސް

ދައުލަތް ހިންގުމުގެ ނިޒާމަށް ދާދި ފަހުން ގެނައި ބޮޑެތި ބަދަލުތަކުގެ ތެރެއިން، މިއަދު މި ފެށި އާ އަހަރާ އެކު ދެން އޮތީ ރައްޔިތުން ބާރުވެރި ކުރުމުގެ މުޅިން އާ މަރުހަލާއެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.


ރައީސް ފޮނުއްވި އާ އަހަރުގެ ތަހުނިއްޔާގެ މެސެޖުގައި އެ ވިދާޅުވަނީ ލާމަރުކަޒީ ގާނޫނަށް މިދިޔަ ޑިސެމްބަރު މަހު މި ސަރުކާރުން ބޭނުން ވެގެން ގެނައި އިސްލާހުގެ ދަށުން ލޯކަލް ކައުންސިލްތަކުން އިސްވެ ރަށްރަށް ހިންގުމަށް ދީފައިވާ ބޮޑެތި ބާރުތަކުގެ ވާހަކަ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން، ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމާއި ކަންކަމަށް އިންވެސްޓު ކުރުމުގެ ބާރު ކައުންސިލްތަކަށް މިހާރު ލިބެ އެވެ. ޚާއްސަކޮށް ކައުންސިލްތަކަށް މާލީ ބާރުތަކެއް ސަރުކާރުން ވަނީ ދޫކޮށްފަ އެވެ. އަންނަ އަހަރުގެ ބަޖެޓުގައި ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

ރައީސްގެ އާ އަހަރުގެ މެސެޖުގައި ބޮޑަށް އަލިއަޅުވައިލެއްވި ކަމަކީ ލާމަރުކަޒީ ހިންގުމަށް ގެނައި މުހިންމު ބަދަލަށް ކަމަށް ވާއިރު، އެމަނިކުފާނު ވިދާޅުވީ، ދިވެހިން، ދެން ދެކެން ފަށާނީ، މުޖުތަމައުގައި އަންހެނުންނަށް ހައްގުވާ މަގާމު ލިބިދީ، އެ މީހުން ބާރުވެރިވެ، މާ އުފާވެރި ދުވަސްތަކެއް ކަމަށެވެ.

"މީގެ 16 ދުވަސް ކުރިން، އަޅުގަނޑު ތަޞްދީޤުކުރި، ލާމަރުކަޒީ ޤާނޫނު އިޞްލާޙު ކުރުމުގެ ބިލް މިހާރު އެ ވަނީ ޤާނޫނަކަށް ވެފަ އެވެ. އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުން، ފުރިހަމަ މާނައިގައި ރާއްޖެ ލާމަރުކަޒީ ވެގެން ދާނެ އެވެ. ޖަޒީރާ ވަންތަ ރާއްޖެއެއްގެ ގޮތުގައި، ރާއްޖެ ތަރައްޤީ ކޮށްދިނުމަށް ރައްޔިތުން އެދުނު އެދުމާ އެއްގޮތަށް، އެކަން ކުރުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު، ރައްޔިތުންގެ އަތްމައްޗަށް ދީ، މާލީ ގޮތުންނާއި އިދާރީ ގޮތުން، ކައުންސިލްތަކަށް މިހާރު އެ ވަނީ ފުރިހަމަ މިނިވަންކަން ދެވިފަ އެވެ،" ރައީސް ވިދާޅުވި އެވެ.

"މި ފެށުނު އަހަރުގައި ވެސް ދައުލަތުގެ ކޮންމެ މުއައްސަސާ އަކުން، އަދި ދައުލަތުގެ މަޤާމެއްގައި ހުރި ކޮންމެ މީހަކު މެ، ގަދައަޅައި މަސައްކަތް ކުރަންވީ، ރައްޔިތުންގެ މަޞްލަޙަތު އިސްކޮށް، ޤާނޫނުގެ ވެރިކަން ދަމަހައްޓައި، ޞުލްޙަޔާއި އަމާންކަމުގެ މާޙައުލެއްގައި، ތަރައްޤީގެ މުޅިން އައު މަރުޙަލާ އަކަށް ރާއްޖެ ގެންގޮސް ދިނުމަށެވެ،" ރައީސް

ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުން ބާރުވެރި ކުރުމަށް ބޮޑު އިސްކަމެއް ދެއްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި، އެ މުހިންމު ބަދަލުތަކާ އެކު، ތަރައްގީގެ ރާސްތާގައި ދިވެހި އުންމަތް، ހަލުވި ފިޔަވަޅުތަކެއް އަޅަން ފެށުމަކީ އެމަނިކުފާނުގެ އުންމީދެކެވެ.

"މި ފެށުނު އަހަރުގައި ވެސް ދައުލަތުގެ ކޮންމެ މުއައްސަސާ އަކުން، އަދި ދައުލަތުގެ މަޤާމެއްގައި ހުރި ކޮންމެ މީހަކު މެ، ގަދައަޅައި މަސައްކަތް ކުރަންވީ، ރައްޔިތުންގެ މަޞްލަޙަތު އިސްކޮށް، ޤާނޫނުގެ ވެރިކަން ދަމަހައްޓައި، ޞުލްޙަޔާއި އަމާންކަމުގެ މާޙައުލެއްގައި، ތަރައްޤީގެ މުޅިން އައު މަރުޙަލާ އަކަށް ރާއްޖެ ގެންގޮސް ދިނުމަށެވެ،" ރައީސްގެ މެސެޖުގައި ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރު ދެމިއޮންނާނީ، ފުދުންތެރި އަދި ބާއްޖަވެރި ދިރިއުޅުމަކަށް ރައްޔިތުން ކުރާ އުންމީދުތައް ހަގީގަތަކަށް ހަދައި ދިނުމުގައި ކަމަށެވެ. އަދި ވިދާޅުވި ގޮތުގައި، މި ފެށި 2020 ގައި ވެސް ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ، އިޖުތިމާއީ އަދާލަތު ގާއިމްކޮށް، ރަައްޔިތުންނަށް އުފާވެރި، ފާގަތި ދިރިއުޅުމެއް ހޯދައި ދިނުމަށެވެ.

"ރައްޔިތުންގެ އިންސާނީ ޙައްޤުތައް ޙިމާޔަތް ކޮށްދީ، ޤާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ޙައްޤުތައް، ހަމަހަމަކަމާއި ޢަދުލުވެރިކަމާ އެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، މިދިޔަ 2019 ވަނަ އަހަރުގައި ވަނީ، މުޅި ރާއްޖޭގައި ސުލްހަވެރިކަން ގާއިމް ކޮށްދީފަ އެވެ. އެއީ ސިޔާސީ ދެބަސްވުންތަކާއި އަރައިރުންތަކުން އެކަހެރިވެ، އާއިލީ އަދި އިޖުތިމާއީ ގުޅުންތަކުން އުފާވެރިކަން ހޯދައި ދިން އަހަރެކެވެ.

"ބައިނަލްއަޤްވާމީ މުޖްތަމަޢުގެ އިޙްތިރާމާއި ޤަދަރު ރާއްޖެ އަށް ލިބުނު އަހަރެކެވެ. އިޤްތިޞާދީ ގޮތުން ވެސް ރާއްޖެ ކަޑައްތުކުރީ، ފާގަތި އަދި ފުދުންތެރި ދުވަސްތަކެކެވެ،" ނިމުނު އަހަރުގެ ކާމިޔާބީއާ ގުޅޭ ގޮތުން ކުރު ގޮތަކަށް ރައީސްގެ އާ އަހަރުގެ މެސެޖުގައި ވިދާޅުވި އެވެ.