ޝަމާއުގެ އަމާޒު ވެސް މި ފަހަރު މޭޔަރު ކަމަށް

ކުރިއަށް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރު ކަމަށް، މިހާރުގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ވެސް ކުރިމަތިލައްވާނެ ކަން އިއުލާން ކުރައްވައިފި އެވެ.


މޭޔަރުގެ މަގާމަށް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައި، ސޯޝަލް މީޑިއާ މެދުވެރިކޮށް ޝަމާއު ވިދާޅުވީ އެ ފިޔަވަޅު އޭނާ ނެންގެވީ އެމްޑީޕީގެ އިސްވެރިންނާއި ބައެއް އާއްމުންނާ މަޝްވަރާ ކުރުމަށް ފަހު އެ މީހުންގެ އިރުޝާދުގެ މަތިން ކަމަށެވެ. އަދި އެމްޑީޕީގެ މެމްބަރުންނާއި އާއްމުންނާ މެދު ޔަގީންކަން އެބައޮތް ކަމަށާއި އެހެންވެ، އެ ނިންމުމާމެދު ފަހުން ހިތާމަ ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ އޮންނާނީ މި މަހުގެ 31 ގަ އެވެ. އެމްޑީޕީން މޭޔަރު ކަމަށް ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައި ވަނީ ޝަމާއުގެ އިތުރުން މިހާރުގެ މޭޔަރު ޝިފާ މުހައްމަދާއި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަފްޝަން ލަތީފާއި ހެންވޭރު ދެކުނު ދާއިރާ މިހާރު ތަމްސީލް ކުރައްވާ އަހުމަދު ނިޔާޒާއި އަހްމަދު ރަޝީދު (ބްރޯ) އެވެ.

މޭޔަރަކަށް ކުރިމަތިލައްވާނެ ކަން އިއުލާންކުރައްވައި ޝަމާއު ކުރެއްވި ޓުވީޓް

ޝަމާއު ވިދާޅުވި ގޮތުގައި ވޭތުވެ ދިޔަ 13 އަހަރު އޭނާ މަސައްކަތް ކުރެއްވީ އިންސާފުވެރިކަމާއި އިޚްްލާސްތެރިކަމާއެކު، ދެފުށްފެންނަ ގޮތަށެވެ. އަދި އެކަން އާއްމުން ބަލައިގަންނާނެކަމަށް ޔަގީންކަން ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުން ފަހުރުވެރިވާނެ ކަމުގެ ލާމަރުކަޒީ ނިޒާމެއް ހިންގޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދެން،" ކައުންސިލްގައި ދެ ވަނަ ދައުރެއް ފުރިހަމަކުރައްވަމުން ގެންދަވާ ޝަމާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނިޒާމަށް ބޮޑެތި ބަދަލުތައް ގެންނަ އުނދަގޫ މި ދުވަސްވަރު އޭނާގެ ތަޖުރިބާ މުހިއްމުވާނެ ކަމަށް ގަބޫލު ކުރައްވަ އެވެ. އަދި ދެން ވެސް މަސައްކަތް ކުރައްވާނީ، "މާލެ އަކީ އަހަރުމެން"ގެ ޝިއާރުގެ ދަށުން މާލެ ފެހިކޮށް، ދިރިއުޅެން ފަސޭހަތަނަކަށް ހަދައިދިނުމަށް ކަމަށް ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހާ އެކު ކުރިއަށް އޮތް އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލަށް 19 ކައުންސިލަރުން އިންތިޚާބު ކުރަން ޖެހޭނެ އެވެ. މި އިންތިޚާބުގައި ސިޓީތަކުގެ މޭޔަރުން އިންތިހާބު ކުރާނީ ރައްޔިތުންގެ ވޯޓަކުންނެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން ކައުންސިލުތަކުގެ ރައީސުންނާއި މޭޔަރުން ހޮވަނީ ކައުންސިލަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.