ތިމާވެށީގެ އެކި ކަންކަމާ ބެހޭ ގޮތުން ހުށައަޅާ ކަންކަމަށް ފުރުސަތު ދެއްވުމުގެ ގޮތުން، އެޕޮއިންޓްމަންޓަކާ ނުލައި އާއްމުންނާ ބައްދަލުކުރައްވަން އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު ފައްޓަވައިފި އެވެ.
ޑރ. ހުސެއިން ވިދާޅުވީ ކޮންމެ އާދިއްތަދުވަހެއްގެ ހެނދުނު 9:00-10:00 އަށް ކުރިއަށް ގެންދަވާ ގޮތަށް އޭނާ ދެއްވަން ފެއްޓެވި މި ފުރުސަތުގައި މިއަދު އާންމުންގެ ދެ މީހަކު ބައްދަލުކުރި ކަމަށެވެ.
އެމީހުން ހުށައެޅި ތިމާވެށީގެ މައްސަލަތަކާ ގުޅޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށް ވެސް، އޭނާ ވިދާޅުވި އެވެ.
އެ ދެ މީހުންނާ ވެސް މިނިސްޓަރު ބައްދަލުކުރެއްވީ ވަކިވަކިންނެވެ.
"ވަރަށް ބައިވަރު ވާހަކަ ދައްކާފައި، ކަންބޮޑުވާ ކަންތައްތަކާ ގުޅޭ ކަންކަން ހިއްސާކުރެއްވި. ވަރަށް އުފެއްދުންތެރި ބައްދަލުވުމަކަށް މި ވެގެން ދިޔައީ،" މިނިސްޓަރު ވިދާޅުވި އެވެ.
ޑރ. ހުސެއިން ވިދާޅުވީ އޭނާ އޮފީހަށް ނުކުންނަވާ ނަމަ ކޮންމެ އާދިއްތަ ދުވަހެއްގެ ހެނދުނު އާންމުންނަށް އެ ފުރުސަތު ދެއްވާނެ ކަމަށެވެ. އަދި މާލޭގައި ނޫޅުއްވާ ނަމަ ސްޓޭޓް މިނިސްޓަރުން މެދުވެރިކޮށް އެ ބައްދަލުވުންތައް ކުރިއަށްގެންދިއުމުގެ ވިސްނުން ވެސް ގެންގުޅުއްވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިނިސްޓަރުން އާއްމުކޮށް ބައްދަލުކުރައްވަނީ ޖަމިއްޔާތަކާއި ނޫނީ ސަރުކާރުގެ އިދާރާތަކުގެ ވެރިންނާ ކަމަށެވެ. އެހެންކަމުން ވަކި ދުވަސްތަކެއްގައި، ކުރިއާލައި އެއްވެސް އެޕޮއިންޓްމަންޓެއް ނެތި އާއްމުންނާ ބައްދަލުކުރެވޭ ގޮތަށް ހެދުމަކީ ވަރަށް ހެޔޮ ބަދަލަކަށް ވެގެންދާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑރ. ހުސެއިން ވިދާޅުވީ އެ ބައްދަލުވުންތަކުގައި ހުށަހަޅާ މައްސަލަތަކުގެ ޖަވާބު، އެ މައްސަލައެއް ހުށަހެޅި މީހަކަށް ފަހުން ދެއްވާނެ ކަމަށެވެ.