މާލޭގައި ހުންނަ ވެސްޓަން ޔުނިއަން ޓްރާންސްފާ އޮފީހަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ރޭ ވަދެ، ބިދޭސީ ހަތަރު މީހަކު ބަނުމަށް ފަހު ފޭރުނު ބައެއް ފައިސާ ފުލުހުން ހޯދައިފި އެވެ. އެކަމަކު މި ބޮޑު ފޭރުމުގައި ބައިވެރިވި ވަގުން އަދި އަތެއް ނުވެ އެވެ.
މިހާތަނަށް ފުލުހުންނަށް ފެނުނީ ވަގުންގެ އަތުން ވެއްޓުނު ނުވަތަ ފިލަން ދުވުމުގެ ތެރޭގައި ދޫކުރެވުނު ފައިސާ ކަމަށް ބެލެވެ އެވެ.
ވިލާގެ ފަރާތުން، ހެންވޭރު ދަނޑު ކައިރީގައި، ހިންގަމުން އަންނަ ވެސްޓަން ޔޫނިއަން ޓްރާންސްފާ އޮފީހަށް ރޭ 1245 ހާ އިރު ވަދެގަތީ ދިރާގުގެ މުވައްޒަފުންނަށް ހެދިގެން ތިބި ބައެއް ކަމަށްވެ އެވެ. އެކަމަކު އެއީ ކިތައް މީހުން ކަމެއް ފުލުހުންނެއް ނުބުނެ އެވެ.
އޮފީހަށް ވަނުމުގެ ކުރިން ބަނދެފައި ބޭތިއްބި ބިދޭސީ ހަތަރު މީހުންނަކީ އެތަނުގެ ސެކިއުރިޓީ ގާޑުން ކަމެއް ނުވަތަ އޮފީހުގެ އެހެން މުވައްޒަފުން ކަމެއް، އެއްވެސް ފަރާތަކުން މީޑިއާއަށް އަދި ސާފުކޮށެއް ނުދެ އެވެ
ވަގުން ގެންދިޔަ ފައިސާގެ ތަފްސީލެއް ވިލާ އާއި ފުލުހުންގެ ފަރާތުން ލިބޭ ގޮތެއް އަދި ނުވެ އެވެ. އެކަމަކު ބަންދު ދުވަސްދުވަހު ވެސް ވަކި ގަޑިތަކެއްގައި އެތަނުން ހިދުމަތް ދޭތީ، މިދިއަ ބަންދު ދެ ދުވަހު ވެސް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާނެ ކަމަށް ލަފާކުރެ އެވެ.
އެއް ބަޔަކު ބުނާ ގޮތުގައި ފޭރުނު ފައިސާތައް ދަބަސްތަކަކަށް އަޅައިގެން ގެންދިއުމުގެ އިތުރުން ބައެއް ވަގުންގެ ޖީބަށް ވެސް ފައިސާ ބޮޑިތައް ޖަހައިގެން ދިޔަ ކަމަށްވެ އެވެ. އޭގެ ތެރެއިން ބައެއް ބޮޑިިތައް މަގުމަތިން ފެނިގެން ފުލުހުންނަށް، ބައެއް މީހުން ހަވާލުކުރި ކަމަށް ވެސް، ބައެއް މީހުން ބުނެ އެވެ.
މިހާތަނަށް ފެނުނު އެންމެ ގިނަ ފައިސާ ހޯދީ، ވަގުން ދުވެފައި ގޮސް ވަން، ވެސްޓަން ޔޫނިއަން އޮފީހާ މާ ދުރުގައި ހުންނަ ހ. ތާޅަފިލިގޭގެ ލިފްޓް ގޮޅިންނެވެ. އެގޮތުން ފައިސާ އަޅާފައި ހުރި ދަބަހެއްގެ އިތުރުން ލިފްޓް ގޮޅީގެ ތެރެއިން ބިންމަތީގައި ވެސް، ފަސް ސަތޭކަ ރުފިޔާގެ އެތައް ބޮޑިއެއް ހުއްޓާ ފެނިފައިވެ އެވެ.
ދިހަ ބުރިއަށް ހަދަން ފަށައި، އެކަމަކު މިހާތަނަށް ތިން ބުރި ނިންމާފައި ހުރި ތާޅަފިލި ގެއަށް ވަގުން ވަދެ ފިލީ ޖެހިގެން ހުރި އެހެން އިމާރާތްތަކެއްގެ ބޭނުން ހިފައިގެން ކަމަށް، ބައެއް މީހުން ބުނެ އެވެ.
ގެއްލުނު އަދަދެއް، ފެނުނު މިންވަރެއް ހާމައެއް ނުކުރޭ
ރާއްޖޭގައި ވަޒީފާ އަދާކުރާ ބޭރުގެ ވަރަށް ގިނަ ބަޔަކު އެމީހުންގެ ގައުމަށް ފައިސާ ފޮނުވަން ވެސްޓަން ޔޫނިއަން ބޭނުންކުރެ އެވެ. އެ އޮފީހުގެ އިތުރުން ވިލާ ޓްރެވަލްސްގެ ބައެއް ޓިކެޓިންގެ ހިދުމަތް ވެސް އެ ތަނުން ފޯރުކޮށްދެ އެވެ. އެހެންކަމުން ވަގުން ގެންދިޔައީ ހަމައެކަނި ވެސްޓަން ޔޫނިއަނަށް ލިބުނު ފައިސާ ކަމެއް ނުވަތަ ވިލާ އިން އެތަނުގައި ހިންގާ އެހެން ވިޔަފާރިތަކުން މިދިއަ ދެ ދުވަހު ލިބުނު އާމްދަނީ ވެސް އޭގެ ތެރޭގައި ހިމެނޭކަން ނުވަތަ ނޫން ކަމެއް އަދިއެއް ނޭނގެ އެވެ.
މި މައްސަލާގައި ވިލާ ޓްރެވަލްސް އާއި ވެސްޓަން ޔޫނިއަނުން މީޑިއާއާ އަދި އެއްވެސް މައުލޫމާތެއް ހިއްސާއެއް ނުކުރެ އެވެ.
"ފޭރުނު ފައިސާގެ ބޮޑު ބައެއް ހޯދުނު ނަމަވެސް ފޭރުނު ސައްހަ އަދަދެއް އެތަނުން [ވިލާ އިން] އަދި ނުދޭ،" ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.
ބޮޑު ފޭރުމުގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާ އިރު ވެސްޓަން ޔޫނިއަންގެ އޮފީހުގެ ބޭރާއި އެތެރޭގައި ގިނަ އަދަދެއްގެ ސީސީޓީވީ ކެމެރާ ބަހައްޓާފައިވެ އެވެ.