ލިޔެކިޔުން ނެތުމުން، ހަ ދިވެއްސަކު ލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް

ލިޔެކިޔުން ނެތި ސްރީ ލަންކާގައި އުޅުނު ހަ ދިވެއްސަކު އެ ގައުމުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.


ފޮރިން މިނިސްޓްރީން ބުނީ ލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް ހަ ދިވެއްސަކު ގެންގޮސްފައިވާ ކަމަށާއި ކޮލަމްބޯގައި ހުންނާ ރާއްޖޭގެ އެމްބަސީގެ މުވައްޒަފުން އެ މީހުންނަށް ކޮންސިއުލާ ހިދުމަތްތައް ދެމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

"ސްރީލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ގެންދިޔަ ހަ ދިވެއްސަކަށް ކޮޅުނބުގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީން ގެންދަނީ ކޮންސިއުލަ އެހީތެރިކަން ފޯރުކޮށްދެމުން. އެމްބަސީގެ ކޮންސިއުލަ ސްޓާފުން މިވަގުތު ޕޮލިސް ސްޓޭޝަންގައި ދަނީ ހަރަކާތްތެރިވަމުން،" ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވި އެވެ.

އެކަމަކު ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު އުމަރު ރައްޒާގު "މިހާރު" އަށް މިރޭ ވިދާޅުވީ އެ ހަ މީހުން ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެމީހުން ފުލުހުންގެ މަރުކަޒަކަށް ގެންދިޔައީ އާއްމު އުސޫލުން ސުވާލުކުރި އިރު ލިޔެކިއުން ނެތުމުން ކަމަށެވެ. އެމީހުންނަށް އެހީތެރިވުމަށް ރާއްްޖޭގެ އެމްބަސީގެ މުވައްޒަފުން ގޮސް، ފުލުހުންގެ މަޒުކަޒުގައި އެބަތިބި ކަމަށާއި ވަރަށް އަވަހަށް އެމީހުންގެ ކަންތައް ހަމަ ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.