ހއ. ހޯރަފުށީގައި އެއް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.
ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮގްރާމް ފައްޓަވައި ދެއްވީ، އެ ރަށަށް ނިސްބަތްވާ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ. މި ރަސްމިއްޔާތުގައި އެ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމް ވެސް ބައިވެރިވެ ވަޑައިގަތެވެ.
ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ އެއްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމް ފެށީ އެރަށު ރައްޔިތުންނާއި ހއ. އުލިގަމާއި ތުރާކުނު ރައްޔިތުންގެ އިތުރުން ކައިރި ރިސޯޓްތަކުގެ އެހީތެރިކަމާ އެކުގައި ކަމަށެވެ. އަދި އެރަށުގެ އާބާދީ މިހާރު އޮތް މިންވަރުން ކޮންމެ ރައްޔިތަކު 30 ގަސް އިންދައިފި ނަމަ އެއް ލައްކައަށް ވުރެ ގިނަ ގަސް އިންދޭނެ ކަމަށާއި ގަސް އިންދުމުގެ ހަރަކާތްތައް ކުރިއަށް ދާނީ ހަފުތާ ބަންދު ދުވަސްތަކުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ބަލަނީ ރޯދަ މަސް އަންނަންވާއިރަށް އެއްކޮށް ނިންމާލެވޭނެ ކަމަށް،" ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގަސް އިންދަނީ އެރަށުގައި އެއާޕޯޓް އަޅަން ހިއްކާފައިވާ ސަރަހައްދުގަ އެވެ.