ސްކޫލުތައް ކައިރީ ޓްރެފިކް ބަލަހައްޓަން އިތުރު ސަމާލުކަމެއް ދޭނެ: ފުލުހުން

ދިރާސީ އާ އަހަރުގެ ކިޔެވުން މާދަމާ ފަށާއިރު ސްކޫލްތައް ކައިރީގައި މިހާރަށް ވުރެ ބޮޑަށް ޓްރެފިކް ކަންކަން ބަލަހައްޓަން ހަރަކާތްތެރިވާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


ފުލުހުން ބުނީ ސްކޫލްތައް ހުޅުވުމުން މާލޭގެ ޓްރެފިކަށް އަންނާނެ ބަދަލުތަކާ އެއްގޮތަށް ފުލުހުންގެ މަސައްކަތްތަކަށް ވެސް ބަދަލު އަންނާނެ ކަމަށެވެ. އެގޮތުން ސްކޫލްތައް ހިމެނޭ ސަރަހައްދުތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓާނެ ކަމަށް ބުންޏެވެ.

ޓްރެފިކް ކަންކަން ބަލަހައްޓަން ފުލުހުން ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން ފުލުހުން ބުނި ގޮތުގައި އެންމެނަށް ސަލާމަތްތެރި އަދި ރައްކާތެރި އަމާން ތަނެއްގެ ގޮތުގައި މަގުތައް ބާއްވަން ފުލުހުން 24 ގަޑިއިރު މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުންނަ ވެހިކަލްތަކުގައި، ހާއްސަކޮށް ސައިކަލްގައި، މިދުވަސްކޮޅު ސްޓިކާ ޖެހުން އިތުރު ކަމަށް ބުނެ އާންމުން ގެންދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އެ މީހުން ބުނާ ގޮތުގައި މި ސަރުކާރުން ސްޓިކާ ޖަހާނީ ޕާކް ކުރާނެ ތަންތަން ދެއްކުމަށް ފަހު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވައުދުވެވަޑައިގެންފަ އެވެ.

މާލޭގެ މަގުތަކުގައި ޕާކްކުރަން ހުރި ދަތިތަކާއި ގަވާއިދާ ހިލާފަށް ޕާކުކުރުމުން ދިމާވާ ދަތިތަކަށް ހައްލު ހޯދަން، ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކާ މަޝްވަރާކުރާނެ ކަމަށް، ފުލުހުން ވަނީ ބުނެފަ އެވެ.