މެދުފަންތީގެ 1،300 ފްލެޓް ވިއްކަން ހުޅުވާލަނީ

ޗައިނާގެ ކުންފުންޏަކުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ 1،344 ފްލެޓް ވިއްކަން އަންނަ މަހުގެ ތެރޭގައި ހުޅުވާލަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.


ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެށި މި މަޝްރޫއު ހަވާލުކުރީ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީމެކް) އާ އެވެ. މިއީ، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި 1،000 ފްލެޓް އަދި އޭގެ ފަހުން ވެސް ހުޅުމާލޭގައި 700 ފްލެޓްގެ މަޝްރޫއަކާއި އަތޮޅުތަކުގައި ވެސް ބޯހިޔާވަހިކަމުގެ ބައެއް މަޝްރޫއުތައް ހިންގި ކުންފުންޏެކެވެ.

ލ. އަތޮޅުގައި ލިންކް ރޯޑުގެ މަޝްރޫއު ވެސް ކުރިއަށް ގެންދިޔައީ އެ ކުންފުނި ހިއްސާވެގެންނެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު އޮތީ ސީމެކުން އަޅަމުން ދިޔަ 1،300 ފްލެޓުގެ މަސައްކަތް ހުއްޓިފައި ކަަމަށެވެ. އެކަމަކު ވާހަކަ ދައްކައިގެން ހައްލުތަކެއް ހޯދައި ފްލެޓްތަކުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

"މިޑް ރޭންޖުގެ އެ ފްލެޓްތަކުގެ އަގުތަކެއް އަދި ކަނޑައެއް ނޭޅޭ. އަންނަ ފެބުރުއަރީ ހިސާބުގައި މާކެޓަށް ހުޅުވާލާނަން އަޅުގަނޑުމެން ވިސްނަނީ،" ސުހައިލް ވިދާޅުވި އެވެ.

އެ ފްލެޓްތައް ނިންމޭނެ ކަމަށް ލަފާކޮށްފައި ވަނީ އަންނަ އަހަރުގެ ޖުލައި މަހަށެވެ. ސޯޝަލް ހައުސިންގެ ގޮތުގައި ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 7،000 ފްލެޓްގެ ތެރެއަށް އިތުރުވެގެންދާ މެދު ފަންތީގެ މި ފްލެޓްތަކަކީ ބޯހިޔާވަހިކަމަށް އަނެއްކާވެސް ލުޔަކަށް ވެގެންދާނެ ކަމަށް އެޗްޑީސީން ދެކެ އެވެ.

ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގައި އިމާރާތްކުރަން ފެށި 7،000 ފްލެޓް ނިމޭނެ ކަމަށް ލަފާކޮށްފައި ވަނީ މި އަހަރުގެ ފަހުކޮޅެވެ.