އެސްޓީއޯން ބޭއްވި ހަފްލާއެއްގައި އެ ކުންފުނީގެ މުވައްޒަފުންތަކެއް ބައިވެރިވަނީ-- މިހާރު ފޮޓޯ: ނިޝާން އަލީ
15 ޖެނުއަރީ 2020 - 16:23
ކުރީގެ ސަރުކާރުން ފެށި "ހިޔާ" މަޝްރޫއުގެ ދަށުން އެސްޓީއޯ އިން ހުޅުމާލެ ފޭސް ދޭއްގައި އަޅާ ދެ ޓަވަރުގެ މަސައްކަތް މިއަހަރު ތެރޭ އަލުން ފެށޭނެ ކަމަށް އެ ކުންފުނީގެ މޭނޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.
އެސްޓީއޯ ޓަވަރުތަކުގެ މަސައްކަތް ހުއްޓާލާފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރުގަ އެވެ. އެއީ އެ ޕްރޮޖެކްޓު ހަވާލުކުރި ޗައިނާގެ އެމްސީޖީ ޗައިނާ - މިލީނިއަމް ޑިވެލޮޕްމެންޓް ގްރޫޕަށް ލޯނު ލިބުން މަޑު ޖެހިފައިވާތީ އެވެ. އަމްރު ވިދާޅުވީ އެ ކުންފުންޏާއެކު ލޯނު ފައިނޭންސިންގެ އެއްބަސްވުމެއްގައި ވެސް އެސްޓީއޯ އިން ސޮއިކޮށްފައިވާ ކަމަށެވެ.
އެސްޓީއޯ އަށް 55 އަހަރު ފުރުން ފާހަކުރުމަށް ބޭއްވި ހަފުލާގައި އަމްރު ވިދާޅުވީ ފްލެޓުތައް ހެދުން މަޑުޖެހުނަސް ވަރަށް އަވަހަށް އެ ކަމަށް ބޭނުންވާ ލޯނު ހަމަޖެހި މަސައްކަތް ފެށޭނެ ކަމަށެވެ.
އަލުން މި މަސައްކަތް ފަށާއިރު ފްލެޓުތަކަށް ބޮޑެތި ބަދަލުތައް ގެނައުމަށް ވެސް އެސްޓީއޯ އިން ވަނީ ނިންމައިފަ އެވެ. އެގޮތުން، ފްލެޓް ލިބޭނެކަން ޔަގީންވެފައި ތިބި މުވައްޒަފުންނަށް ކުރިއަށް ވުރެ ހެޔޮ އަގުގައި މިހާރު ފްލެޓުތައް ލިބޭނެ ކަމަށް އަމްރު ވިދާޅުވި އެވެ.
މީގެ އިތުރުން އެއް ކޮޓަރީގެ އެޕާޓްމެންޓު ލިބުނު މުވައްޒަފުންނަށް ދެ ކޮޓަރީގެ އެޕާޓްމަންޓުތައް އެސްޓީއޯ އިން ވަނީ މިހާރު ހަމަޖައްސައިފަ އެވެ. އަމްރު ވިދާޅުވީ މިކަމުގެ ސަބަބުން ޖާގަ ބޮޑުވެފައި އިތުރު 36 ފްލެޓް އެޅޭނެ ކަމަށެވެ.
"މިހާރު ފްލެޓް ލިބިފައި ތިބި ބޭފުޅުންގެ އިތުރުން މިހާރު އަޅުގަނޑުމެންނަށް 36 ފްލެޓެއް ހޯދިއްޖެ. ކުރިން އަޅުގަނޑުމެންނަށް ނުލިބޭ އެ ޖާގައެއް. އަޅުގަނޑު ގަބޫލުކުރަނީ ވަރަށް އަވަހަށް މި ލޯނުގެ ފައިނޭންސް ހަމެޖިހިގެން ގޮސް މަސައްކަތް ބާރު ސްޕީޑުގައި ފެށިގެންދާނެ ކަމަށް،" އަމްރު ވިދާޅުވި އެވެ.
އެސްޓީއޯގެ އަހަރީ ދުވަހާ ގުޅިގެން ބޭއްވި ހަފުލާގައި އަމްރު ވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެ ކުންފުނީގެ ހުރިހާ ކުރިއެރުމަކީ ވެސް މުވައްޒަފުންގެ ސަބަބުން ލިބެމުން އަންނަ ކުރިއެރުމެއް ކަމަށެވެ. އަދި އެ މުވައްޒަފުން ކުރަމުން އަންނަނީ ގައުމީ މަސައްކަތެއް ކަމަށާއި އެ މީހުންގެ ފަރާތުުން އިބްރަތް ހާސިލްކުރައްވާ ކަމަށް އަމްރު ވިދާޅުވި އެވެ.
"މި ކުންފުނިން މިކުރަނީ ގައުމީ މަސައްކަތެއް. މި ކުންފުނީގެ ކުރިއެރުމުން އެނގެނީ ތިބޭފުޅުން ގައުމު ބިނާކުރުމަށް ކުރަމުން އަންނަ ބުރަ މަސައްކަތް. ތިބޭފުޅުން ތި ކުރާ މަސައްކަތުން އަޅުގަނޑު އިބުރަތް ހާސިލް ކުރަން،" އަމްރު ވިދާޅުވި އެވެ.
މި ހަފުލާގައި އަމްރު ވަނީ އެ ކުންފުނީގެ މުވައްޒަފުންގެ ވަޒީފާގެ އޮނޮގަނޑަށް ވެސް ކުރިއަށް އޮތްތާނގައި ރަނގަޅު ބަދަލެއް އަންނާނެ ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަަހްރީނާ
15 January 2020
ސްޓެލްކޯއިންވެސް އަހަރީ ޖަލްސާގައި މުވައްޒަފުންގެ ބޮލަށް ޗިޕްޖެހީ ތިގޮތައް..ހަމަ ދަޅަ ދައްކަނީ. މުވައްޒަފުންނަށް ރަނގަޅުގޮތްތައް ފުރތަމަ ހަދާ..އަންނަ އަހަރު ދެން އަންނަ އަހަރު ނުކިޔާ..