އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުކަމަށް ކުރިމަތިލާން ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
އެ މަގާމަށް ކުރިމަތިލާން ހުޅުވާލީ، ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު އަކްރަމްގެ ދައުރު ހަމަވާތީ އެވެ. ފާއިތުވި ތިން އިންތިޚާބުގައި ވެސް އީސީގެ ފަރާތުން އިސް ދައުރެއް އަދާކުރެއްވި އަކްރަމްގެ ފަސް އަހަރުގެ ދައުރު އަންނަ މާޗު 23 ވަނަ ދުވަހު ހަމަވާނެ އެވެ.
ރައީސް އޮފީހުން ބުނީ އީސީގެ މެމްބަރުކަމަށް އަންނަ ހަފުތާގެ ހޯމަ ދުވަހާ ހަމަ އަށް ކުރިމަތިލެވޭނެ ކަމަށެވެ.
އެކަމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުންނާއި އެ އޮފީހުގެ ވެބްސައިޓުން https://presidency.gov.mv/ އިން ޑައުންލޯޑުކުރެވޭނެ އެވެ.
އެ ކޮމީޝަންގެ މެމްބަރުންގެ ތެރެއިން އެންމެ ފަހުން ހަމަވީ، ނައިބު ރައީސަކަށް ކުރިން ހުންނެވި އަމްޖަދު މުސްތަފާގެ ދައުރެވެ. އެ މަގާމަށް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ، އީސީގެ ރައީސަކަށް ކުރިން ހުންނެވި ފުއާދު ތައުފީގު އައްޔަންކުރައްވައިފަ އެވެ.
ރާއްޖޭގައި ބާއްވާ އިންތިހާބުތައް ބެލެހެއްޓުމަށް މީގެ 12 އަހަރު ކުރިން އުފެއްދި އިލެކްޝަންސް ކޮމިޝަނުގައި ތިބެނީ ފަސް މެމްބަރުންނެވެ.