ނުރައްކަލަށް ހުށަހެޅޭނެ އާއިލާތަކާއި ކުޑަކުދިން ދެނެގަންނާނެ މިންގަނޑު އެކުލަވާލުމަށް ފަހު ޖެންޑާ މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
އުމުރުން ދެ އަހަރު ނުވާ ކުޑަ ކުއްޖަކަށް، އެ ކުއްޖާގެ 62 އަހަރުގެ ކާފަ އާއި 82 އަހަރުގެ މުނި ކާފަ ޖިންސީ ގޯނާ ކޮށްފައިވާކަން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފެންމަތިވެފަ އެވެ. މިކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީގެ އިތުރުން ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓާއި ކަނޑުހުޅުދޫ ކައުންސިލާއި ކްރިމިނަލް ކޯޓު އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ވަނީ މިދިޔަ ހޮނިހިރު ދުވަހު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އަށް ހާޒިރުކޮށްފަ އެވެ. އަދި އެ ކޮމިޓީން ނިންމި ކަންތައްތައް ތަންފީޒު ކުރަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖެންޑާ މިނިސްޓަރަށް ވަނީ އަންގަވައިފަ އެވެ.
އޭގެ ތެރޭގައި ނުރައްކަލަށް ހުށަހެޅޭނެ އާއިލާތަކާއި ކުޑަކުދިން ދެނެގަންނާނެ މިންގަނޑެއް ދެ ދުވަހުގެ ތެރޭގައި އެކުލަވާލުން ހިމެނެ އެވެ. ޖެންޑާ މިނިސްޓްރީން ވަނީ އެ ނިންމުމާ އެއްގޮތަށް، އެ މިންގަނޑު މިއަދު މަޖިލީހަށް ހުށަހަޅައިފަ އެވެ.
މީގެ އިތުރުން އެހެން ހަ ކަމެއް ތަންފީޒުކުރަން ވެސް މަޖިލީހުގެ ރައީސް ޖެންޑާ މިނިސްޓަރަށް އެންގި އެވެ.
ކޮމިޓީގެ ނިންމުމާ އެއްގޮތަށް ޖެންޑާ މިނިސްޓްރީން ކުރަންޖެހޭ ކަންތައްތައް
1. ނުރައްކަލަށް ހުށަހެޅޭނެ ކުދިންނާއި އާއިލާތަށް ދަފްތަރުކޮށް، މޮނިޓަ ކުރުމުގެ މަސައްކަތް ހަތް ދުވަސް ތެރޭގައި ފެށުން
2. ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ރަށު ކައުންސިލްތަކުންނާއި އަތޮޅު ކައުންސިލްތަކުން ކަމާ ބެހޭ އިދާރާތަކަށް ހުށަނާޅާ ހުރި މައުލޫމާތު ދެނެގަނެ، 30 ދުވަހުގެ ތެރޭގައި އެ މައުލޫމާތު ދަފްތަރުގައި ހިމެނުން
3. ޖިންސީ ގޯނާގެ ތުހުމަތުގައި ދައުވާ އުފުލުމަށް ފަހު ބަންދުން ދޫކޮށްލާފައިވާ މީހުން ދެނެގަނެ، އެ މީހުން ދޫކޮށްލި ސަބަބުތައް އަލުން ދެނެގަތުމަށާއި އެ މީހުން މޮނިޓަ ކުރެވޭނެ ނިޒާމެއް 30 ދުވަހުގެ ތެރޭގައި ގާއިމުކުރުން
4. އެ ފަދަ މައްސަލަތައް ކޯޓުން އަވަހަށް ނިންމުމާ ގުޅޭ ރިޕޯޓެއް 30 ދުވަހުގެ ތެރޭގައި މަޖިލިހަށް ފޮނުވުން
5. ކުޑަކުދިންނަށް ރައްކާތެރިކަން ދިނުމުގެ ޒިންމާ އޮތް މުއައްސަސާތަކުގެ އޮޑިޓެއް ހެދުމަށް ފަހު މަޖިލީހާ ހިއްސާ ކުރުން
6. ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާ ބޭސް 30 ދުވަހުގެ ތެރޭގައި އަލުން ބޭނުން ކުރަން ފެށުން
ކަނޑުހުޅުދޫގައި ހިނގި ހާދިސާގައި އެ ކުއްޖާ އަށް އަނިޔާކުރި ކާފަ އާއި މުނި ކާފަ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ކުއްޖާގެ ބައްޕަ ވެސް ވަނީ މި މައްސަލާގައި ހައްޔަރުކޮށް ތަހުގީގު ފަށައިފަ އެވެ.