ކޭސް ވޯކަރުންނަށް ނުކަތާވަރަށް މައްސަލަ!

މުޅި ރާއްޖޭގެ ހާލަތު ބިރުވެރި އެވެ؛ ކޮންމެ ދުވަހަކު، އެކި ސަރަހައްދުތަކުން ރިޕޯޓްކުރަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ އެންމެ މައްސަލައެއް، ދެ މައްސަލައެއް ނޫނެވެ. ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ފެންނަން އޮތީ ޖިންސީ ގޯނާގެ ޝިކާރައަކަށް ވެ ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންގެ އަދަދު އިތުރުވަމުން އަންނަ ކަމެވެ. މި ފަހުން ފެންމަތިވި ދެ އަހަރު ނުފުރޭ ކުއްޖާގެ ރޭޕާ ގުޅިގެން، މައްސަލަތައް ރިޕޯޓްކުރާ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ.


އެކަމަކު މި ހުރިހާ މައްސަލަތައް ބެލުމުގެ ގާބިލްކަން އެބަހުރި ހެއްޔެވެ؟

ބިދޭސީންނާ އެކު ރާއްޖޭގެ އާބާދީ 500،000 އަށް އަރާފައިވާ އިރު، މި ބޮޑު އާބާދީގެ ތެރޭގައި ހިނގާ މައްސަލަތަކުގައި ރައްކާތެރިކަން ހޯދައިދޭން ސޯޝަލް ސާވިސަސްގައި ތިބީ އެންމެ 80 މުވައްޒަފުންނެވެ. ދެ އަހަރު ނުފުރޭ ކުއްޖާ އަށް ދިމާވި ހާދިސާ އިން، ފެންނަން އޮތީ އެ ދާއިރާ ބަލިކަށި މިންވަރެވެ.

ކުދިންތަކެއް މަގުމަތީގައި ކުޅެނީ. ހުށަހަޅާ މައްސަލަތައް ނުބެލި ލަސްވާ ސަބަބުތައް ގިނަ. --ފޮޓޯ: ނިޝާން އަލީ/މިހާރު

މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ނުބެލެ އެވެ. ފިޔަވަޅު އެޅުން ލަހެވެ. އަނިޔާ ލިބި އަތޮޅުތަކުގައި ނުރައްކަލަށް ހުށަހެޅިފައިވާ ކުދިން މޮނިޓަކުރުމާއި ސައިކޯ ސޯޝަލް ސަޕޯޓް ދިނުން އެހާ ދަށެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގައި ވެސް އިންސާފު ހޯދައިދިނުމުގެ ބޮޑު ޒިންމާއެއް އޮތް ސޯޝަލް ވޯކަރުންނަށް ތުހުމަތުގެ އިނގިލި ދިއްކުރާއިރު، އެކަމަކު އެ މީހުންނަށް ކުރިމަތިވެފައިވާ އުނދަގޫ ހާލަތާ މެދު އެއްވެސް މުއައްސަސާއެއްގެ ވިސްނުމެއް ނެތް ހެއްޔެވެ؟ އެ މީހުންގެ ޝަކުވާތަކާއި ކަންބޮޑުވުން އެބަ ހުއްޓެވެ.

މީހެއްގެ އަތުގައި 75 މައްސަލަ!

މާލެ އާއި އަތޮޅުތަކުގައި މަސައްކަތްކުރާ 80 ކޭސް ވޯކަރުންގެ ތެރެއިން މާލޭގައި 30 ވޯކަރުން ތިބޭއިރު، އަނެއް 50 މީހުން ތިބެނީ އަތޮޅުތަކުގައި ހުންނަ ސެންޓަރުތަކުގަ އެވެ. އެ މީހުން ބަލަނީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް އެކަންޏެއް ވެސް ނޫނެވެ. ގެވެށި އަނިޔާ އާއި ކުދިންނަށް ކުރާ ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ބެލުމާއި އުމުރުން ދުވަސްވީ މީހުންނަށް ކުރިމަތިވާ މައްސަލަތަކުގައި ވެސް މީގެތެރޭގައި ހިމެނޭނެ އެވެ.

ކޮންމެ މުވައްޒަފަކާ އެއްފަހަރާ ކުރިން ހަވާލުކުރަނީ ގިނަވެގެން 35 މައްސަލަ އެވެ. އެކަމަކު މި އަދަދު ދެ ގުނަވެ، ކޮންމެ މީހެއްގެ އަތުގައި މިހާރު މަދުވެގެން 75 މައްސަލަ އެބަ އޮތެވެ. ކޭސް ވޯކަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި މީހަކު ބުނިގޮތުގައި މިއީ އިންސާނަކަށް ކުޅަދާނަވަރެއް ނޫނެވެ.

"ކޮންމެ ކޭސްއެއް ރިޕޯޓްކުރާ ހިސާބުން ވަރަށް އުނދަގޫ މަސައްކަތްތަކެއް ކުރަން ޖެހެއޭ. ކޮންމެ މައްސަލައެއް ތަފާތު. ރަނގަޅަށް މަސައްކަތްކުރާ ކޭސް ވޯކަރުންނަށް، މަސައްކަތުން އަތްދޫކޮށްލެވޭނެ އިރެއް ނުދާނެ. އަތޮޅުތަކުގައި ހުންނަ ސެންޓަރުތަކަށް ހުށަހަޅާ މައްސަލަތައް ބަލަން އެކި ރަށްތަކަށް ދަތުރުކުރަން ޖެހޭ،" ބުރަކަމުން ވަޒީފާ ދޫކޮށްލި މީހާ ކިޔައިދިނެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ހޭލުންތެރިކުރުވަން ހަދާފައިވާ ޕޯސްޓަރެއް---

އަތޮޅުތަކުގައި ހުންނަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ 19 ސެންޓަރެކެވެ. ކޮންމެ ސެންޓަރެއްގައި ގިނަވެގެން ތިބެނީ ދެ ކޭސް ވޯކަރުންނެވެ. މުޅި އަތޮޅު ނުވަތަ ދެ އަތޮޅުގެ ހުރިހާ ރަށްތަކެއްގެ މައްސަލަތައް ބަލަން ޖެހެނީ އެ ސެންޓަރެއްގައި ތިބޭ ދެ މުވައްޒަފުންނެވެ. އެ މީހުންނަށް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކަނޑު ހުރަސްކޮށްފައި ރަށްތަކަށް ދަތުރުކުރަން ޖެހުމެވެ. ޖެންޑާ މިނިސްޓްރީގެ ގިނަ ސެންޓަރުތަކުގައި ދަތުރުތައް ކުރެވޭނެ ގޮތެއް ނުހުންނާތީ ގިނަފަހަރަށް ދަތުރުކުރަން ޖެހެނީ ފުލުހުންގެ ލޯންޗްތަކުގަ އެވެ.

ދެ އަހަރު ނުފުރޭ ކުއްޖާ އަށް ޖިންސީގޯނާކުރި މައްސަލަ ރިޕޯޓްކުރުމުން ކަނޑު މަގުން ގއ. ކަނޑުހުޅުދު އަށް ދާން ޖެހުނީ ގދ. ތިނަދޫގައި ހުންނަ ސެންޓަރުގެ މުވައްޒަފެވެ. ތަކުރާރުކޮށް، އިއުލާންކޮށްގެން ވެސް ކޭސް ވޯކަރަކު ނުލިބި ގއ. ސެންޓަރު އެ ވަގުތު އޮތީ ހުސްކޮށެވެ. އެކަމަކު މިހާރު އެ ސެންޓަރަކަށް މީހަކު ހަމަޖެހިފައިވާ ކަން ޖެންޑާ މިނިސްޓްރީން ޔަގީންކޮށްދެ އެވެ.

ގިނަ ދަތުރުތައް ކުރަން ޖެހި، މައްސަލަތަކުން ސިކުނޑި ބަރުވެފައި ތިބޭ މުވައްޒަފުންގެ އަނެއް ޝަކުވާ އަކީ ކުރަން ޖެހޭ މަސައްކަތާ އަޅާބަލާއިރު މުސާރަ ނިސްބަތުން ކުޑަވުމެވެ.

ކޭސް ވޯކަރުންގެ އަސާސީ މުސާރަ

- އެސިސްޓެންޓް ސޯޝަލް ޕްރޮޓެކްޝަން އޮފިސަރަކަށް 5،020ރ.

- ސޯޝަލް ޕްރޮޓެކްޝަން އޮފިސަރު (ޑިޕްލޮމާ) 5،610ރ.

- ސޯޝަލް ޕްރޮޓެކްޝަން އޮފިސަރު (ޑިގްރީ) 6،250ރ.

މީގެ އިތުރުން ރިސްކް އެލަވަންސްގެ ގޮތުގައި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް 100ރ. ދެ އެވެ. ޑިއުޓީ އެލަވަންސާއި ޓެކްނިކަލް އެލަވަންސާއި ސާވިސް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ ވެސް ޕަސެންޓެއް ދެ އެވެ.

"އެންމެ ރަނގަޅަށް މަސައްކަތް ކުރާ ގިނަ ކޭސް ވޯކާއަކަށް ހުރިހާ އެލަވަންސްތަކާ އެކު މި ލިބެނީ 10،000ރ. އެލަވަންސްތަަކާ އެކުު 12،000ރ. ލިބޭ މީހުން ވެސް އުޅޭ. އެކަމަކު މި ދާއިރާގައި ކުރާ މަސައްކަތާ އަޅާބަލާއިރު މި މުސާރަ ކުޑަ،" އެކަކު ބުންޏެވެ.

ނަތީޖާއަކީ މި ދާއިރާއާ ބައެއް މުވައްޒަފުން ދުރުވުމެވެ. މަސައްކަތް ބުރަވެފައި އެކަށީގެންވާ މުސާރަ ނުލިބޭތީ ބައެއް މީހުން ވަޒީފާ އިން ވަކިވި ކަން މިނިސްޓްރީން ވެސް ބުންޏެވެ.

މުވައްޒަފުން ހޯދަން އުނދަގޫ!

ސޯޝަލް ވޯކަރުންގެ ދަތިކަން ކުރިމަތިވެ، މައްސަލަތައް އެންމެ އަވަސް މިނުގައި ބައެއް ފަހަރަށް ނުބެލި ލަސްވާ ކަން އެ މިނިސްޓްރީން އެއްބަސްވެ އެވެ. ކޭސްވޯކަރުންގެ ގޮތުގައި މަސައްކަތް ކުރެވޭނީ، ވަކި ޝަރުތުތަކެއް ހުރެ، ހެލްތު މިނިސްޓްރީގެ ލައިސަންސް އޮވެގެންނެވެ.

ޖިންސީ އަނިޔާ ލިބުނު ދެ އަހަރު ނުފުރޭ ކުއްޖާގެ ބައްޕަ ހައްޔަރުކުރަން ގޮވާލައި ހުޅުމާލޭ 108 ނަންބަރު ފްލެޓް އިމާރާތް ދޮށަށް އާންމުން އެއްވެފައި.

ޖެންޑާ މިނިސްޓްރީގެ ޑައިރެކްޓާ ކޮމިއުނިކޭޝަން، އިބްރާހިމް މުހައްމަދު ވިދާޅުވީ އެހެން ދާއިރާތަކުގައި މުވައްޒަފަކު ވަކިވުމުން، ކުއްލިއަކަށް މުވައްޒަފަކު ހަމަޖެއްސުނަސް ސޯޝަލް ސާވިސްގެ ވަޒީފާ އަށް މީހަކު ނަގަން އެހާ ފަސޭހަ ނޫން ކަމަށެވެ. އެންމެ ބޮޑު ގޮންޖެހުމަކީ އެ ދާއިރާ އަށް ޚާއްސަވެފައި ތިބި މީހުން ނުލިބުމުގެ ދަތިކަން ކަމަށް އޭނާ ވިދާޅުވި އެވެ.

"ސެންޓަރެއްގައި އެ ހުސްވާ ވަޒީފާއަކަށް މީހަކު ނުލިބި ގިނަ ދުވަސްތަކެއް ހޭދަވަނީ ވެސް މިކަހަލަ ސަބަބެއް މެދުވެރިވެގެން. އެހެން ދާއިރާތަކުގައި އޮންނަ ގޮތަށް ބޭރުން މީހަކު ވެސް ނުގެނެވޭނެ،" އޭނާ ވިދާޅުވި އެވެ.

އިބްރާހިމް ވިދާޅުވި ގޮތުގައި، ސޯޝަލް ސާވިސަސްގައި ހުރި ގޮންޖެހުންތަކަށް ލުޔެއް ހޯދަން މިނިސްޓަރު ޝިދާތާ ގެންދަވަނީ މަސައްކަތް ކުރަމުންނެވެ. ސޯޝަލް ވޯކަރުންނަށް މިދިޔަ އަހަރުގެ ތެރޭގައި އެލަވަންސް ހަމަޖައްސައިދިނުމަކީ ވެސް އެ މަސައްކަތާ ގުޅިފައިވާ ކަމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

މައްސަލަތައް ބަލަން އެކަށީގެންވާ އަދަދަށް، ސޯޝަލް ވޯކަރުން ނުލިބުމުގެ މައްސަލަ އަށް ހައްލު ހޯދަން ޖެހެ އެވެ. ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ފުލުފުލުގައި ހުށަހަޅާ މައްސަލަތައް އަވަހަށް ބެލި، އިންސާފުގެ ދޮރާ ހަމައަށް ވާސިލްވުމުގެ މަސައްކަތް ފަށަން އޮތީ އެ ހިސާބުންނެވެ.

ނުބެލި ފުނިޖެހިފައި ހުރި މައްސަލަތަކުގެ ފައިލް އަލުން ހުޅުވަން ޖެހެ އެވެ. އެ މައްސަލަތަކުގައި ހިމެނޭ، މުޖުތަމައަށް ދޫވެފައި ތިބި މީހުންނަކީ ކޮބައިތޯ ހޯދަން ޖެހެ އެވެ. މިނިވަންކަމުގައި ތިބެ ތަކުރާރުކޮށް ކުށަށް އަރައިގަތުން ހުއްޓުވަން، މައްސަލަތައް އަވަސް ކުރެވޭނެ ގޮތަކަށް ވިސްނަން ޖެހެ އެވެ. ފަށަން ޖެހިފައި މިއޮތީ ސޯޝަލް ސާވިސަސްގައި ހުރި ކަންބޮޑުވުންތަކާއި ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުންނެވެ.