ކުޑަކުދިންގެ ހިޔާ ހިންގުން މިނިސްޓްރީގެ ޑިރެކްޓަރަކާ ހަވާލުކޮށްފި

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓާ މަރުކަޒު، ކުޑަކުދިންގެ ހިޔާ ހިންގުން ޖެންޑާ މިނިސްޓްރީގެ ޑިރެކްޓަރަކާ ވަގުތީ ގޮތުން ހަވާލުކޮށްފި އެވެ.


ޖެންޑާ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑައިރެކްޓަރު، އިބްރާހިމް މުހައްމަދު މިއަދު ވިދާޅުވީ އެތަން މިހާރު ހިންގަނީ މިނިސްޓްރީގެ ޑިރެކްޓަރެއްގެ ބެލުމުގެ ދަށުން ކަމަށެވެ. މުވައްޒަފުންގެ ނަން އެތަނުން ހާމަނުކުރަން އޮންނަ އުސޫލުގެ ދަށުން ހިޔާއާ ހަވާލުވެ ހުންނެވި ބޭފުޅެއްގެ ނަމެއް ވިދާޅެއް ނުވި އެވެ.

ހިޔާގެ އިސްވެރިއަކަށް ކުރިން ހުންނެވީ އަބްދުއްޝުކޫރު އަބްދުލް ހަކީމެވެ. ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން އެތަނުން އަންގައިގެން އޭނާ ވަނީ މިދިޔަ ހަފުތާގައި މަސައްކަތުން އެކަހަރިކޮށްފަ އެވެ.

ނަމަވެސް އެޗްއާރުސީއެމުން ބަލާ މައްސަލައިގެ އެއްވެސް ތަފްސީލެއް އެ ތަނުން ހާމައެއް ނުކުރެ އެވެ.

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ބައިތިއްބަނީ 13 އަހަރުން މަތީގެ ކުދިންނެވެ. އެ އުމުރުން ދަށުގެ ކުދިން ބަލަހައްޓަނީ ހުޅުމާލޭގައި ހުންނަ ފިޔަވަތީގަ އެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ނަގަނީ، މައިންބަފައިންނާއި އާއިލާގެ ތެރެއިން ވެސް ރައްކާތެރި މާހައުލެއް އެ ކުއްޖަކަށް ކަށަވަރުވާނެ ކަމުގެ ޔަގީންކަމާ މެދު ސުވާލު އުފެދި، އެ ނޫން ގޮތެއް ނެތުމުންނެވެ.