ދީބާޖާގެ ހުކުމް ރިވިއުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ފެރީގެ ޚިދުމަތް ދޭން ދީބާޖާ އިންވެސްޓްމެންޓާ އެކު ހެދި އެއްބަސްވުން ބާތިލްކުރުމުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް ރިވިއުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.


ސުޕްރީމް ކޯޓުގެ ނިންމުން ރިވިއުކޮށްދޭން އެ ކޯޓަށް މި ހުށަހެޅީ، ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދީބާޖާ އަށް 174 މިލިއަން ރުފިޔާ ދޭން ނިންމުމަށް ފަހު އެވެ. ސެޓްލްމެންޓް ކޮމިޓީގެ ލަފައާ އެކު ނިންމި ނިންމުން ބަދަލުކުރީ، ދީބާޖާ އަށް ބަދަލުދޭން ސުޕްރީމް ކޯޓުން ދެމެހެއްޓި ހުކުމާ މެދު އާއްމުންގެ ކަންބޮޑުވުން އޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާތީ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް 2010 ވަނަ އަހަރު ސަރުކާރުން ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލާގައި ގެއްލުމުގެ ބަދަލަށް އެ ކުންފުނިން 2.4 ބިލިއަން ރުފިޔާ ހޯދަން ދައުވާ ކުރުމުން ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދައްކަން ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ. އެ ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓީ މިދިޔަ އަހަރެވެ.

ދީބާޖާ އަށް ލިބުނު ގެއްލުމުގެ ބަދަލަށް ދައުލަތުން 348 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ކުރި ހުކުމާ ގުޅޭ ތަންފީޒުގެ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ދަނިކޮށް، ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން ނިންމީ އެ ކުންފުނިން ބުނެފައިވާ ގޮތުގައި ސަރުކާރުން ބޭނުންވެގެންނެވެ. އެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ފަހު، ސަރުކާރުގެ ވިސްނުން ބަދަލުކުރުމުން ދީބާޖާ އިން ދަނީ ނުރުހުންފާޅުކުރަމުންނެވެ.

ދީބާޖާގެ ޗެއާމަން ޝާހީން މުހައްމަދު "މިހާރު" އަށް ވިދާޅުވެފައި ވަނީ އެ މައްސަލައިގައި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވެސް ބަހާއި އަމަލާ ދިމާނުވެ ކުންފުންޏަށް ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ. ދީބާޖާ އަށް ލިބުނު ގެއްލުމުގެ ބަދަލަށް 348 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓާފައިވާ ކަން ފާހަގަކުރައްވައި ޝާހީން ވިދާޅުވީ އެ ހުކުމަށް ވެސް ސަރުކާރުން އިހްތިރާމް ނުކުރާ ކަމަށެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި ދީބާޖާ އަށް ބަދަލު ދޭން ސުޕްރީމް ކޯޓުގެ ހުކުމެއް އޮއްވައި ސެޓްލްމެންޓް ކޮމިޓިއާ އެކު މަޝްވަރާކޮށް، ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް، އެއްބަސްވުމަކަށް ދިޔައީ ސަރުކާރުން ބޭނުންވެގެންނެވެ. ބޮޑު އަދަދެއް ސަރުކާރުން ދައްކަން ޖެހުމަކީ މާލީ ބުރައަކަށް ވާނެތީ، 348 މިލިއަންގެ ދެބައިކުޅަ އެއްބަޔަށް ދީބާޖާގެ ބޯޑުން ސެޓްލްމެންޓް ކޮމިޓީއާ އެކު އެއްބަސްވީ ސަރުކާރުން ދިން ޔަގީން ކަމެއްގެ މައްޗަށް ކަމަށް ޝާހީން ވިދާޅުވި އެވެ.