އާރަށުގައި ރައީސަށް ހާއްސަކޮށް ހަދާފައިވާ ގަނޑުވަރު
02 ފެބުރުއަރީ 2020 - 11:41
ރައީސަށް ހާއްސަކޮށްފައިވާ ކ.އާރަށް ވެސް، ކޮރޯނާވައިރަހަށް ޝައްކުވާ މީހުން ކަރަންޓީނުކުރާ ތަނެއްގެ ގޮތުގައި ބޭނުންކުރަން ހަމަޖައްސާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވިދާޅުވީ އާރަށް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރުމަށް ހުށަހެޅުއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އާރަށަކީ މީހުން ކަރަންޓީންކުރަން ޖެހިއްޖެ ނަމަ މިހާރުވެސް އެކަމަށް ބޭނުންކުރެވޭ ގޮތަށް ހުރި ތަނެކެވެ.
"އިތުރު ކަރަންޓީނު ފެސިލިޓީތަކާ ގުޅޭ ގޮތުން ރައީސުލް ޖުމްހޫރިއްޔާ އިސްނަންގަވައި، ރައީސުލް ޖުމްހޫރިއްޔާ ވަނީ އެ ޓާސްކްފޯހަށް އޮފާ ކުރައްވާފައި އާރަށް ބޭނުން ކުރައްވަން. އެހެންވީމާ އާރަށް އެހެރީ ފުލީ ތައްޔާރުވެފައި،" އަލީ ވަހީދު ވިދާޅުވި އެވެ.
މީހުން އެކަހެރިކުރަން ތިން ތަނެއް ކަނޑައެޅީ ރާއްޖޭގެ ކޮންކޮން ސަރަހައްދަކުންތޯ ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ ބަލީގައި މީހަކު ސީރިއަސް ހާލަތަކަށް ގޮސްފި ނަމަ ގެންދަން ޖެހޭނީ އައިޖީއެމްއެޗަށް ކަމަށް ވާތީ، މީހުން ކަރަންޓީނުކުރާ ތިން ތަން ވެސް ހުންނާނީ މާލެއާ ކައިރީގައި ކަމަށެވެ.
ނޮވެލް ކޮރޯނާވައިރަސް، ހަލުވިކޮށް ފެތުރޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ މީހުން އެކަހެރި ކުރަން ސަރުކާރުން ތިން ރަށެއް ކަނޑައަޅާފައިވާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ. އެއީ ތެޔޮ ރައްކާކުރާ ކ. ފުނަދު އާއި ފަރުކޮޅުފުއްޓެވެ. ފަރުކޮޅުފުށީގައި ތައްޔާކުރަމުން އަންނަ ކޮޓަރިތަކުގެ މަސައްކަތް މިރޭ ނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަދި އޭގެ އިތުރުން ޓޯޓަލް އައުޓްބްރޭކަކަށް ގޮސްދާނެ ހާލަތަކަށް ޓަކައި، ޓޯޓަލް އައިސޮލޭޝަން ރަށެއް ތައްޔާރުކުރުމުގެ މަސައްކަތް ވެސް އަޅުގަނޑުމެން އެބަކުރަން. އެހެންވީމާ އަޅުގަނޑު ހަމަ ތަކުރާރުކޮށް ދަންނަވާލަން ބޭނުން ދުނިޔޭގައި މި ކޮރޯނާ ވައިރަސް ފެތުރެމުން މިދާ ބާރުމިނަށް ބަލާފައި، ދިވެހިރާއްޖެ ތައްޔާރުވާން ޖެހޭ ހުރިހާ ހާލަތަކަށް ސަރުކާރު މިއޮތީ ތައްޔަރުވެފައޭ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭން މިހާތަނަށް މި ބައްޔަށް ޝައްކުވި ހަމައެކަނި މީހާ ކަރަންޓީންކޮށްފައި ހުރީ ފުނަދޫގަ އެވެ. އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ޓެސްޓްތައް ހެދުމަށް އިންޑިއާގެ ޕޫނޭ އަށް ފޮނުވާފައި ވާއިރު އަދި ޓެސްޓްތަކުގެ ނަތީޖާއެއް ނުލިބެ އެވެ.
މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން ވޫހާންގައި ފެތުރެން ފެށި ކޮރޯނާވައިރަސް އެހެން ގައުމުތަކަށް ވެސް ފެތުރި މިހާތަނަށް ވަނީ 14،300 އަށް ވުރެ ގިނަ މީހުންގެ ހަށިގަނޑުން ވައިރަސް ފެނިފަ އެވެ. މީގެ ތެރެއިން މިހާތަނަށް 304 މީހަކު ވަނީ މަރުވެފަ އެވެ. މިހާތަނަށް 328 މީހަކު ބަލިން ފަސޭހަވެފައިވާ ކަމަށް ޗައިނާ އިން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙްމަދު
02 February 2020
ސުވާލަކީ އާ ވައިރަސް އެއްވީމަ އެހެން ބައެއް ގައުމުތަކުގަ ޓެސްޓް ތައް އެ ކުރަނީ އާ މެޝިން ތަކެއް ހަދައިގެންތޯ, ރާއްޖޭގައި ތިކަމަށް ޓެސްޓް ކޮށްލެވޭ ވަރު ނުވާނެ ތޯ, ފެތުރޭ ސްޕީޑް ވަރަށް ބާރު ޓެސްޓެއްގެ ރިޕޯޓެއް ލިބެން 3 ދުވަސް ވީމަ ވަރައް ދެރަ
އަރުވާލި އާދަނުގެ ސިޔާސީހާސަރު
02 February 2020
އޯކޭ ވާނޭ. އެމެރިކާގަވެސް " ކޮރޯނާ " އެކެހެރިން ބައިތިއްބަނީ ( ކޭމްޕް ޑޭވިޑްގަ ) ތޯއް ޗެށް.
ގާސިމް
02 February 2020
އެއްފަހަރު ބުނާނެ ހުޅުމާލެ އޭ އަނެއްފަހަރު ފުނަދޫ އޭ, މިހާރު އާރަށޭ
ހިރުނދުމާ
02 February 2020
ވޯޓަށް ވަރަށް މަސައްކަތް ކުރައްވަން ވާނެ!
ޙަސަންދީ
02 February 2020
ދިވެހި ސަރުކާރާއި ޑަބްލިޔުއެޗްއޯ އާއި ގުޅިގެން މިހާރު ދުނިޔޭގައި ފެތުރެމުން މިދާ ނުރައްކާތެރި ރޯގާއާއިން ދިވެހި ޜަށްޔިތުންގެ ސަލާމަތައް އަޅަމުން މިގެން ފިޔަވަޅުތައް ކިތައްމެހާވެސް ރަގަޅު ސަރުކާރުން މި ބައްޔައް ޕޮސިޓިވު ވާމީހުން އެކަހެރި ކުރުމައްޓަކައި ވަމުންދާ ތައްޔާރު ތަކަކީ ވެސް ޝުކުޙައްޤު މަސައްކަތްތަކެއް
ބޮޑުމީހާ
02 February 2020
ރައްކާވެތިބިއްޔާ ދަތުރެއް، އެންމެ ފަހުން އާރަށް ހަދަންވީ ދިވިހެން ދަތުރުދާ ރަށަކަށް. ރައީސަކީ އެންމެ ފަރުދެއް. ގިނަ ފަހަރު ރައީސް ޗުއްޓީއަށް ދަނީ ލަންކާއަށް.
ނަން
02 February 2020
ކަރަންޓީން ކޮށްގެން މަޜުވަންދެން ޓެސްޓް ނަތީޖާ ލިބެންދެން. ފުރަތަމަ މިތާގަ ޓެސްޓް ހެދޭގޮތް ހަމަޖައްސަދީބަލަ.
ސަހަރޯއެމާފުދޭށޭ
02 February 2020
ސިންގަޕޯގައިވެސް އަދި ޓެސްޓެއް ނެހެދޯ ހެޔޮނުވާނެ މިއީ ދުނިޔެއަށް އަލަށް ފެނިގެން އުޅޭ ވައިރަހެއް ޓެސްޓު ކިޓެއް ނެތް
ގާސިމް
03 February 2020
ސިންގަޕޫރަށް އެވަރުގެ މެސިން ގަނޑެއް ނުގަނެވި އިންޑިޔާއަށް ގަނެވޭނޭ ބުނީމަ ގަބޫލު ކުރާނީ މޮޔައެއް
ޙުސައިންނާބިތު
02 February 2020
ކަރަންޓީނު ކުރަން ވީހާވެސްގިނަތަންތަން މީމާމޮޅުކަމެއްނޫން އިނގޭތީ. ކޮންމެ 2 ގެއަކުން 1ގެ އެކަމުގެ ފެސިލިޓީއަކަށް ހަދަންވީނު! ތީމުގެއާއި މިޖިލިސްކުރާގެ އާއި ވެލާނާގެއި ކޯޓުތައްވެސް. ޢޭރަށް ވަރަށް ހިތްހެޔޮވީ!!
ޅަބޭ
02 February 2020
އާރަށުގައި ބައިތިއްބާނީ ހުރަވީ ހާންދާނައް ނިސްބަތްވާ ބޭކަލުންނާއި ސަރުކާރާއި މާލޭގެ މަތީ އިއްޒަތްތެރިން.
ކަރަންޓު ޓިނު
02 February 2020
ތިޔަ ވިދާޅުވާ ތައްޔާރީތަކަކީ މާލެ އާއި މާލެ ކައިރީ ހުރިއްޔާ ހުރި ހުރިހާ ރަށަކާއި، ފަޅަކާއި ފަރެއް ކަރަންޓީނު ތަންތަނަށް ހެދުންތޯ. ކޮންމެވެސް އެއް ތަނެއް ފުރިހަމައަށް ތައްޔާރު ކުރުމަށްފަހު އެތަނުގައި އެކަށީގެންވާ ވަސީލަތް އެކަށީގެންވާ އަދަދަކަށް ޤާއިމު ކުރުން މާ ރަނގަޅު ނޫންތޯ؟ ފުނަދޫ، ހުޅުމާލެ، އާރަށް، އެއަރޕޯޓު.ހުސް ކަރަންޓީނު ފެސިލިޓީސް. ރައީސްވެސް ހިމެނޭގޮތަށް މުޅި ސަރުކާރު އަބަދުވެސް އުޅެނީ ޕީއާރް ޖައްސަން.
ބުޅާ
02 February 2020
މިއޮތްބޮޑު ގައުމުގަ މާލެކައިރީ އެކަނިތަ ކަރަންޓީނުކުރާ ތަން ހަދަންވީ.