ހިޝާންގެ ޕާސްޕޯޓް ހިފަހައްޓައިފި

ނިކަމެތިންނަށް އެހީވުމުގައި މަޝްހޫރުކަން ހޯދާފައިވާ އަހުމަދު ހިޝާން އަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފައިވަނިކޮށް އޭނާގެ ޕާސްޕޯޓް ވެސް ހިފަހައްޓައިފި އެވެ.


ރާއްޖޭން ބޭރަށް ދާން ސްރީ ލަންކަންގެ މަތިންދާބޯޓެއްގައި އިންދާ ފުލުހުން މިދިޔަ ހުކުރު ދުވަހު ވަނީ އޭނާ ހުއްޓުވައި، ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. އަދި އޭނާއާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

"މިހާރު" އަށް އެނގިފައިވާގޮތުގައި ހިޝާންގެ މައްސަލަތަކެއް ތަހުގީގުކުރަން ފެށުމާ އެކު ފުލުހުންގެ އެދުމަށް މިހާރު ވަނީ އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފަ އެވެ.

ފުލުސް އޮފީހަށް ހާޒިރު ކުރުމުން ހިޝާން ކުރި ޓްވީޓެއްގައި ބުނީ "ފުލުހުންގެ ފަަރާތުން އަޅުގަނޑަށް ފުރިހަމަ އަށް އެއްބާރުލުން އެބަ ލިބޭ" ކަމަށެވެ. އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން އެއްޗެއް ނުބުނެ އެވެ.

އޭނާގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން ދާއިރު އޭނާ އަށް ގިނަ ތުހުމަތުތަކެއްކޮށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރަމުންނެވެ. މުޖުތަމައުއަށް އެހީތެރިވުމުގެ ދާއިރާ އިން ގައުމީ އިނާމު ވެސް ލިބިފައިވާ ހިޝާނާ ބެހޭ ގޮތުން، ސޯޝަލް މީޑިއާގައި ބައެއް މީހުން ކުރި އެއް ތުހުމަތަކީ ފުރާވަރުގެ ފިރިހެން ކުދިންނަށް ޖިންސީ ގޯނާކުރުމެވެ.

ބައެއް މީހުން ވަނީ އެ މީހުންނަށް ދިމާވި ބައެއް ކަންކަން ވެސް، ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. އަދި ހިޝާންއާ ދެކޮޅަށް ބައެއް މީހުން ބަޔާން ވެސް ދީފައިވާ ކަމަށްވެ އެވެ.

ހިޝާނަށް ބިރު ދައްކައި އިންޒާރު ދޭ ކަމަށް ބުނެ އޭނާ މި ފަހުން އަންނަނީ ޓްވީޓްކުރަމުންނެވެ. އެ ޓްވީޓްތަކާ ގުޅިގެން ފުލުހުން ބުނެފައި ވަނީ އެ މައްސަލަ ވެސް ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އިންޒާރު ދިން އިރު އޭނާ ހުރި ތަނަކާއި ބިރުދެއްކީ ކޮން ބަޔަކުކަން ވެސް ކިޔައިދީފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.