ކައުންސިލްތަކަކީ މުސްތަގުބަލުގައި ކުދިކުދި ސަރުކާރުތަކެއް: ނިޒާރު

މިހާރުގެ ސަރުކާރު ވެރިކަމަށް އައުމަށް ލާމަރުކަޒީ ގާނޫނަށް ގެނައި ބޮޑެތި އިސްލާހުތަކާ އެކު، ކުރިއަށް އޮތް ތަނުގައި ކައުންސިލްތައްވެގެން ދާނީ ބޮޑެތި ބާރުތަކެއް ލިބިދީފައިވާ ކުދިކުދި ސަރުކާރުތަކަކަށް ކަމަށް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި އައްޑޫގެ މޭޔަރު ކަމަށް ވާދަކުރައްވާ އަލީ ނިޒާރު ރޭ ވިދާޅުވެއްޖެ އެވެ.


އެމްޑީޕީގެ ޕްރައިމަރީން އޭނާ އަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ހިތަދޫގެ އަންހެން ސަޕޯޓަރުން އިންތިޒާމުކޮށްގެން އެ އަވަށުގައި ރޭ ބޭއްވި ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާފައިވާ ނިޒާރު ވިދާޅުވީ ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން މިހާރު ބަޖެޓެއް ވެސް ދޭ ކަމަށެވެ.

"ހަގީގަތުގައި މިހާރު މި ހޮވޭ ކައުންސިލްތައް މުސްތަގުބަލުގައި ވެގެން ދާނީ ކުދިކުދި ސަރުކާރުތަކަކަށް. ކައުންސިލްތަކަށް ބޮޑެތި ބާރުތަކުގެ ދޫދިނުމާ އެއްކޮށް ދައުލަތުގެ ބަޖެޓުން ބޮޑު ޕަސެންޓެއް ކައުންސިލްތަކަށް ފޯރުކޮށް ދެވޭނެ."

އޭނާ ވިދާޅުވި ގޮތުގައި މި ސަބަބާ ހުރެ ކައުންސިލްތަކަށް ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭން މަގުފަހިވެގެން ދާނެ އެވެ.

ނިޒާރު ވިދާޅުވި ގޮތުގައި އައްޑޫ ކައުންސިލަށް މި އަހަރަށް 73 މިލިއަން ރުފިޔާގެ ބަޖެޓެއް އޮތް އިރު، ސަރުކާރުން މިިހާރު ވެސް އައްޑޫގައި 523 މިލިއަން ރުފިޔާ ކަންކަން އަންނަނީ ކުރަމުންނެވެ.

"ކުރަމުން އަންނަ ބައެއް ކަންކަން އަޅުގަނޑުމެންނަށް ނުފެނުނަސް އެކަންކަން އަންނަނީ ހިނގަމުން،" އޭނާ ވިދާޅުވި އެވެ. "އަދި ހަމައެއާ އެކު ގަބޫލު ވެސް ކުރަން ޖެހޭ ސަރުކާރަށް އަހަރަކަށް ވުރެ ގިނަ ދުވަސްވީ އަރު އަޅުގަނޑުމެންނަށް [އައްޑު އަށް] ހާސިލުނުވެ ހުރި ކަންކަމުގެ ދަތިކަން ތަޖުރިބާކުރަމުން ރައްޔިތުން ޖެހިފައިވާކަން."

އެހެން ވިޔަސް އެކަންކަން އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ދިއުމުގެ ކުރިން ހައްލުކޮށް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"ގަބޫލު ވެސް ކުރަން ޖެހޭ ސަރުކާރަށް އަހަރަކަށް ވުރެ ގިނަ ދުވަސްވީ އަރު އަޅުގަނޑުމެންނަށް [އައްޑު އަށް] ހާސިލުނުވެ ހުރި ކަންކަމުގެ ދަތިކަން ތަޖުރިބާކުރަމުން ރައްޔިތުން ޖެހިފައިވާކަން."

"އެއީ ޝައްކެއް އޮތް ކަމެއް ނޫން." ނިޒާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ލާމަރުކަޒު ކުރުމުގެ ހަގީގީ ބޭނުމަކީ ރައްޔިތުންނާ ވީހާ ވެސް ގާތުން ހިދުމަތްތައް ދިނުން ކަމަށްވާތީ އާއި ވެރިންގެ ފިކުރާއި ރައްޔިތުންނާ ގުޅުމަކީ ވެސް މުހިއްމު ކަމެކެވެ. އަދި އެ ވިސްނުން އެންމެ ބޮޑަށް އޮތީ އެމްޑީޕީގައި ކަމަށް ވިދާޅުވި އެވެ.

"އެމްޑީޕީ ނޫން ބަޔަކަށް ރައްޔިތުންނާ ގުޅުން ހުރި އަސާސީ ކަންކަމުގެ ވާހަކަ އާއި ސީދާ ރައްޔިތުންނާ ގުޅުން ހުރި އެހެން ކަންކަމުގެ ވާހަކަ ވެސް ދައްކާ ވެރިން ތިބި ސިޔާސީ ޕާޓީއެއް ރާއްޖޭގައި ނެތް،" ނިޒާރު ވިދާޅުވި އެވެ.

"ކައުންސިލްތައް މިހާރު މިހިނގާ 19 ވަނަ މަޖިލީހުން ބާރުތައް ދޭން މަސައްކަތްކުރުމަކީ އޭގެ ހެއްކެއް. އެހެންވީމާ ބުނަން އޮތީ އެމްޑީޕީގެ ޕްލެޓްފޯމަކީ ރައްޔިތުންގެ ވިންދާއި އިހުސާސްތަކާ ގުޅިފައިވާ ކެންޑިޑޭޓުން ވެސް އިންތިހާބުގައި ވާދަކުރާނެ ޕާޓީއޭ،" އޭނާ ވިދާޅުވި އެވެ. "ވޯޓް ދޭން ޖެހޭނީ އެ މީހުންނަށް ކަމަށް ވަކާލާތުކުރަމުން މި އަންނަނީ މި ސަބަބުތަކާ ހުރެ. އެހެންވީމާ މި ކެންޑިޑޭޓުންނަށް ވޯޓް ދިނީމަ ރައްޔިތުންނަށް އިހުމާލެއް ނުވާނެ. އެ މީހުން ރައްޔިތުންނާ ގުޅުން ހުރި ކަންކަން ގާތުން ކޮށްދޭނެ."

ނިޒާރު ވިދާޅުވި ގޮތުގައި ކޯލިޝަނުގައި އިސްކޮށް އެމްޑީޕީ އޮތުމާއި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތުމުން ކައުންސިލްތަކަށް ވެސް އެމްޑޕީގެ ކެންޑިޑޭޓުން ހޮވުމަކީ ތަރައްގީގެ ކަންކަން ކުރިއަށް ގެންދަން ފަސޭހަ ވާނެ ކަމެކެވެ. އެހެންވެ އައްޑޫ ސިޓީ ކައުންސިލަށް އެމްޑީޕީގެ ކެންޑިޑޭޓުން ހޮވަން ގޮވާލެއްވި އެވެ.

"އޭރުން އަރައިރުންވުމަކާ ނުލައި ރައްޔިތުން ބޭނުންވާ ކަންކަން ފަސޭހައިން ކުރުމުގެ ފުރުސަތު އޮންނާނެ،" އޭނާ ވިދާޅުވި އެވެ. "އަދި ތަފާތު ފިކުރުގެ ވިސްނުންތަކާ އެކު ކަންކަން ކުރަން ޖެހޭ ގޮތް ވެއްޖެ ނަމަ އާހިރުގައި ރައްޔިތުން ބޭނުންވާ ކަންކަމެއް ނުކުރެވޭނެ."