ކިޔަވަން ހޭދަކުރި ފައިސާ ނުދެއްކިޔަސް ކޯޓަކަށް ނުދާނަން: ގާސިމް

ވިލާ ފައުންޑޭޝަންގެ އެހީގައި މަތީ ތައުލީމް ހާސިލްކުރި ދަރިވަރުން، އެގްރިމެންޓްގައި ބުނާ ފައިސާ އަނބުރާ ނުދެއްކިޔަސް މައްސަލަ ކޯޓަށް ނުފޮނުއްވާނެ ކަމަށް، އެ ފައުންޑޭޝަންގެ ބާނީ އަދި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.


ވިލާ ފައުންޑޭޝަންގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ސްކޮލަޝިޕާއި ލޯނު ސްކީމް މެދުވެރިކޮށް ގިނަ ބަޔަކަށް މަތީ ތައުލީމުގެ ފުރުސަތު ދެއްވާފައިވާނެ ކަމަށެވެ. އެކަމަކު އަނބުރާ ދައްކަން ޖެހޭ ފައިސާ ނުދިން ނަމަވެސް ކޯޓަކަށް ނުވަތަ އެނޫން ތަނަކަށް ވެސް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި ވިލާ ފައުންޑޭޝަނުން ވަނީ 7،000 އަށް ވުރެ ގިނަ ދިވެހިންނަށް މަތީ ތައުލީމުގެ ފުރުސަތު ދީފަ އެވެ.

އޭނާ ދެއްކެވި ވާހަކަތަކަށް ބަލާއިރު ދަރިވަރުންނާ އެކު ވިލާ ފައުންޑޭޝަނުން ހެދި އެގްރިމެންޓްތައް ވެސް އޮންނަނީ ވަރަށް ލުއި ގޮތަކަށެވެ. އޭގެ ތަފްސީލު ވެސް ދެއްވި އެވެ.

"އެގްރިމެންޓް ކުރެވިފައި އޮތް ގޮތުން ވެސް އެ ކުއްޖަކަށް ޕޭމަންޓް ނުދެއްކިއްޖެ އެއްވެސް ހާލަތެއް އަތުވެއްޖެ ނަމަ އަމިއްލައަށް މައާފަށް އެދިދާނެ. އަދި އެހެން ހުއްޓައި އެ ކުއްޖަކު މަރުވެއްޖިއްޔާ ވެސް އޭނާގެ އާއިލާއަކަށް ވެސް [ލޯނު ދައްކަން ނުޖެހޭނެކަން] އެ އެއްބަސްވުމުގައި [އޮންނާނީ] ލިޔެފައި،" ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި ގާސިމް ވިދާޅުވި އެވެ.

އެހާ ގިނަ އަދަދެއްގެ ބަޔަކަށް ކިޔަވައިދިން އިރު، އޭގެ ތެރެއިން އަނބުރާ ފައިސާ ނުދައްކަނީ ކިިތައް ދަރިވަރުންކަމެއް ވިދާޅެއްނުވެ އެވެ. އެކަމަކު ވަަރަށް ގިނަ އަދަދެއްގެ މީހުން، އެއްވެސް ފައިސާއެއް ނުދައްކާކަން "މިހާރު"އަށް އެނގިފައިވެ އެވެ.

ވިލާ ފައުންޑޭޝަންގެ އެހީގައި ކިޔެވި އެތައް ބަޔަކު، ސަރުކާރާއި އަމިއްލަ ކުންފުނިތަކުގެ ވެރިންގެ ގޮތުގައި މިވަގުތު އެބަ ތިއްބެވެ.

"އަޅުގަނޑު ގާތްގަނޑަކަށް 7،000 އަށް ވުރެ ގިނަ ކުދިންނަށް އެކިއެކި ފެންވަރުގައި ތައުލީމް ހާސިލްކުރުމަށްޓަކައި އެކި ޕަސެންޓުގައި ހިއްސާ ވެދީފައިވަނީ،" ގާސިމް ވިދާޅުވި އެވެ.

"ވިލާސަންދަ" ހުހެއް ނުވާނެ

ވިލާ ފައުންޑޭޝަނަކީ ކުރިން ދިވެހިންގެ ބޭސްފަރުވާއަށް ވެސް ވަރަށް ބޮޑު ހޭދައެއް ކުރި ބައެކެވެ. މިހާރު އެކަން ނުކުރިޔަސް ގާސިމް ވަނީ، އެ ދުވަސްވަރު ވިލާ ފައުންޑޭޝަނުން ބޭސްފަރުވާގެ ކަންކަން ކުރިއަށް ގެންދިޔަ ގޮތުގެ ހަނދާންތައް ވެސް އާކުރަައްވައިފަ އެވެ.

އާސަންދަ އައުމުގެ ކުރިން ގާސިމްގެ އެހީތެރިކަމުގައި ރާއްޖެ އިން ބޭރުުން ގިނަ އަދަދެއްގެ ބަޔަކު ބޭސްފަރުވާ ކުރި އެވެ. އަދި ބޭރަށް ދާން ޖެހޭ މީީހުން ގިނަވެގެން، ޓްރިވަންޑްރަމްގައި، ވިލާގެ މުވައްޒަފުން ބައިތިއްބައިގެން ވެސް، ބޭހުގެ ކަންކަން ކުރިއަށް ގެންދިޔަ އެވެ. އޭރު ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދަން ޖެހޭ މީހުންނަށް ސަަރުކާރުން ދޭ އެހީގެ ބަޖެޓަށް ވުރެ ގާސިމް ކޮންމެ އަހަރަކު ދެއްވި އެހީގެ މިންވަރު މައްޗެވެ.

ގާސިމް ވިލާ ފައުންޑޭޝަންގެ ހިލޭ ބޭސްފަރުުވާގެ ދާއިރާ ސިފަކުރެއްވީ "ވިލާސަންދަ"އިެ ގޮތުގަ އެވެ.

އޭނާ ވިދާޅުވީ އޭރު ވިލާސަންދަ ހުހެއް ނުވާނެ ކަމަށެވެ. ފަރުވާ ހޯދާ މީހާއަށް އެއްވެސް ހުއްޓުމެއް ނެތި އެހީ ދެއްވި ކަން ފާހަގަކުރެއްވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި އާސަންދައިގެ އެހީ އިތުރަށް ރަނގަޅުކުރަން ޖެހެ އެވެ. ބަލިމީހުންގެ ކެއުމާއި ހުރުމަށް އާސަންދައިން ފައިސާ ނުދިނުމަކީ މައްސަލަައެއްގެ ގޮތުގައި އޭނާ ނެންގެވި އެވެ.

"އަޅުގަނޑު ހިތާމަކުރަން އާސަންދައިން ފަރުވާކޮށްދެމުން ދާއިރު، ރާއްޖޭގެ ރަށްރަށުން އަންނަ އަދި މާލޭގައި ދިރިއުޅޭ މީހަކަށް އާސަންދައިގެ އެހީ ލިބިގެންދާއިރު، އަޅުގަނޑު އެއްގޮތަކަށް ވެސް ސަރުކާރަށް ފާޑުކިޔާކަށް ނޫން، ނަމަވެސް އިމްޕްރޫވްކޮށް އަޕްގްރޭޑުކުރަން ޖެހޭ ކަންކަން ހުރީތީ އެ ވާހަކަ ދަންނަވާލަން ބޭނުންވަނީ،" ގާސިމް ވިދާޅުވި އެވެ

"އާދޭސްކޮށް އެހީއެއް ލިބުނީމަ އުޅެވޭނެ ގޮތަކާއި ކެވޭނެ ގޮތެއް ހޯދަން ޖެހޭ. އެކަމަށް ހަރަދު ހޯދަން ޖެހޭ."

އެކަމަކު ގާސިމް ވިދާޅުވި ގޮތުގައި "އާސަންދަ ހޯދަން ހިނގާ ފަދައިން ހިނގަހިނގާ ހުއްޓައި ވަރަށް ގިނަ މީހުން މަރުވެ" އެވެ.

"ބަލި ހާލުގައި ޖެހިފައި ހުރި މީހަކަށް ތަކުލީފު ނުޖައްސައި އެމީހުންނަށް އެކަން ކުރެވޭނެ ގޮތެއް ހަދައިދިނުން އެއީ އަޅުގަނޑު ވަރަށް ބޭނުންވާ ކަމެއް،" ގާސިމް ވިދާޅުވި އެވެ.

ގާސިމްގެ އެހީތެރިކަން އެންމެ ބޮޑުވި އިރު އަދި އާސަންދައިގެ ހިދުމަތް ނުފެށޭ އިރު، އިންޑިއާގެ ޓްރިވެންޑްރަމަށް އެއްފަހަރާ 300 ދިވެހިން ފޮނުވައިގެން އެ މީހުންގެ ބޭހުގެ ކަންކަން ވިލާ އިން ބެލެހެއްޓި އެވެ. އެކަމަށްޓަކައި 15 ވަރަކަށް މުވައްޒަފުންނާއި ހަތަރު ވެހިކަލް ބޭނުންކުރި ކަމަށް ގާސިމް ވިދާޅުވި އެވެ.

އެ ހިދުމަތަށް ހުރަސްއެޅުނީ، ރާއްޖޭގެ ސިޔާސީ ވާދަވެރިން އިންޑިއާ ސަރުކާރަށް އަންގައިގެން ކުރިމަތިވި މައްސަލަތަކެއްގައިކަން ދޭހަވާ ގޮތަށް ވެސް އޭނާ ވާހަކަ ދެއްކެވި އެވެ. އެގޮތުން ވިދާޅުވީ ޓްރިވެންޑްރަމްގައި ތިބި މުވައްޒަފުން ރާއްޖެ ގެންނަން ޖެހުނީ "ނިއު ދިއްލީން އަންގައިގެން" ކަމަށެވެ.

"ވަރަށް ގިނަ ހުރަސްތަކެއް ހުރޭ. ބޯދާ ވިސްނުންތަކެއް ހުރޭ. ގައުމަށް އިޖުތިމާއީ މަސައްކަތަށް ނުކުންނަ މީހުންނަށް ސަރުކާރުތަކުން އަބަދުވެސް އެއްބާރުލުން ދޭ ނަމަ އަޅުގަނޑުމެން ވަރަށް ކުރީގައޭ ތިބޭނީ މިހާރަށް ވުރެ،" ގާސިމް ވިދާޅުވި އެވެ.

"ނަމަވެސް އަބަދުވެސް ފެންނަނީ ދަމައި މުށިޖަހާތަން."

އޭނާ ވިދާޅުވި ގޮތުގައި ދިވެހިންގެ ސިއްހަތަށާއި މަތީ ތައުލީމަށް ކުރެއްވި ހޭދަ އޭނާ ވިޔަފާރި ފައްޓަވަން ކުރެއްވި އިންވެސްޓްމަންޓަށް ވުރެ ބޮޑެވެ. ގާސިމަކީ 1970ގެ އަހަރުތަކުގައި ތެޔޮ ވިއްކަވަން ކުޑަކުޑަ ފިހާރައެއް ހުޅުއްވައިގެން ވިޔަފާރި ފެއްޓެވި ބޭފުޅެކެވެ. އެކަމަކު ފަހުން އަމިއްލައަށް ތެލާއި އެހެން ބާވަތްތަައް އެތެރެކުރެއްވުމުގެ އިތުރުން 1980ގެ އަހަރުތަކުގެ މެދު ތެރޭގައި ޓޫރިޒަމް ދާއިރާއަށް ވެސް ވެންނެވި އެވެ.