އިންފޮމޭޝަން ކޮމިޝަނަރުގެ ޓްވީޓާ އެކު ޓޫރިޒަމް މިނިސްޓްރީ ކަންބޮޑުވެއްޖެ

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި މިއަދު އޮތް އަޑުއެހުމާ ގުޅޭގޮތުން އެ ކޮމިޝަނަރު ހުސެއިން ފިޔާޒު މޫސާ ކުރެއްވި ޓްވީޓާ މެދު ޓޫރިޒަމް މިނިސްޓްރީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.


މޯލްޑިވްސް ޓްރޭޑް ޔޫނިއަން އިން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް އާއްމުކޮށް ހުޅުވާލައިިގެން ބާއްވަން މިއަދަށް އޮތީ ތާވަލްކޮށްފަ އެވެ. އެ ޖަމިއްޔާއިން ހޯދަން އުޅުނީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އެއް ކޮރަޕްޝަން ކަމަށް ވާ އެމްއެމްޕީއާރުސީ އަށް ޓޫރިޒަމް މިނިސްޓްރީން ދޫކުރި ރަށްރަށުގެ ލިސްޓެކެވެ.

އެ އަޑުއެހުމަށް ޓޫރިޒަމް މިނިސްޓްރީ ހާޒިރުނުވުމުން، އައިކޮމް އިން ވަނީ ޓޫރިޒަމްގެ އިންފޮމޭޝަން އޮފިސަރު ޖޫރިމަނާކުރަން ނިންމައިފަ އެވެ.

އެއަށްފަހު އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިއަދުގެ އަޑުއެހުމަށް ޓޫރިޒަމް މިނިސްޓްރީން ހާޒިނުވުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށެވެ. ކޮމިޝަނަރު ވަނީ އެކަން ކުށްވެރި ކުރައްވައިފަ އެވެ.

އެ މައްސަލައާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ރައްޔިތުންގެ އިތުބާރާއި ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތުގައި އިންވެސްޓުކޮށްގެން ތިބި އިންވެސްޓަރުންގެ އިތުބާރު ނަގަހައްޓައި ދަމަހައްޓާނެކަމުގެ ޔަގީންކަން އަރުވައިފަ އެވެ.

ޓްރޭޑް ޔޫނިއަން އިން ފޮނުވި ސުވާލުތަކަށް ޖަވާބު ދީފައިވާނެ ކަމަށާއި އެކަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ވެސް އަންގާފައިވާނެ ކަމަށް ބުންޏެވެ.

"ނަމަވެސް މި މައްސަލައާ ގުޅޭގޮތުން އިންފޮމޭޝަން ކޮމިޝަނަރު، ޓްވިޓާގައި ހާމަކުރެއްވި ވާހަކަތަކާ މެދު މިނިސްޓްރީން ބަލައިނުގަންނާނެ ކަމަށް ވެސް ދެންނެވީމެވެ. ހަމައެއާއެކު މިނިސްޓްރީގެ ސިވިލް ސާވިސް އެއްވެސް މުވައްޒަފަކަށް ބިރުދެއްކުމުގެ ގޮތުން ކުރެވޭ އެއްވެސް އަމަލެއް މިނިސްޓްރީން ބަލައިނުގަންނާނެ ކަމަށް ވެސް ދެންނެވީމެވެ،" ބަޔާނުގައި ބުންޏެވެ.

އެ މިނިސްޓްރީގެ ޕޮލިސީ ލެވެލް ކަންކަމުގައި ޒިންމާވެ، ޖަވާބުދާރީވާނީ މިނިސްޓަރު އަދި މިނިސްޓްރީގެ ސިޔާސަތު ނިންމާ ޕޮލިސީ މުވައްޒަފުންކަން ބަޔާނުގައި ފާހަގަކުރި އެވެ.

މައުލޫމާތު ހޯދުމުގެ ހައްގާއި ރައްޔިތުންގެ ހައްގަކީ ކުޅޭކުޅޭ އެއްޗެއް ނޫންކަން ފާހަގަކޮށް ބަޔާނުގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން ދުވަހުން ފެށިގެން ހާމަކުރަމުން އަންނަ ހަރުދަނާ ދެފުށް ފެންނަ އުސޫލުން، މިނިސްޓްރީން ހާމަކުރަމުންގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވައިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ، ޓްރޭޑް ޔޫނިއަން ހުށަހެޅި ފޯމާއި އެ ޖަމިއްޔާއަށް ދިން ޖަވާބާއި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ފޮނުވި ލިޔުންތަކުގެ ކޮޕީ ވެސް އާއްމުކޮށްފަ އެވެ.

ޓްރޭޑް ޔޫނިއަން އަށް ޖުލައި 15، 2019 ގައި ފޮނުވި ސިޓީގައި ބުނެފައިވަނީ އެމްއެމްޕީއާރުސީއަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނާއި ޓޫރިޒަމް މިނިސްޓްރީން މިނިސްޓްރީން އެމްއެމްޕީއާރުސީއަށް ކުއްޔަށް ދޫކުރުމުން އެހެން ތިން ވަނަ ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ މައްސަލަ ރިޔާސީ ކޮމިޝަނުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

މައުލޫމާތު ހޯދުމުގެ ހައްގުގެ ގާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ދޫކުރަންޖެހޭ މައުލޫމާތަކީ، ގާނޫނީގޮތުން ހިންގާ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ނުވަތަ ހިނގަމުންދާ ޝަރީއަތެއްގެ މައްޗަށް ބިނާކޮށް ގާނޫނީ އިމްތިޔާޒު ލިބިގެންވާ މައުލޫމާތެއް ކަމުގައިވާނަމަ، އެ މައުލޫމާތު ދޫނުކުރުމުގެ އިހުތިޔާރު އެ އިދާރާއަކަށް ލިބިގެންވާ ކަމަށެވެ.

"ވީމާ، އެދިވަޑައިގެންފައިވާ މައުލޫމާތުތަކަކީ މި މިނިސްޓްރީން ދޫކުރާ ގޮތަށް ހަމަޖެހިފައިވާ މައުލޫމާތުތަކެއް ކަމުގައިނުވާތީ، އެ މައުލޫމާތުތައް އެރުވެން ނެތް ވާހަކަ ދެންނެވީމެވެ،" ޓްރޭޑް ޔޫނިއަނަށް ފޮނުވި ސިޓީގައި ވެ އެވެ.