ރަށް ގިރުމުގެ މައްސަލައަށް މި ވަގުތު ކުރެވޭނެ ކަމަކީ ވެލި ބަސްތާ ޖެހުން: މިނިސްޓަރު

ރަށް ގިރުމުގެ މައްސަލަ އަށް މިވަގުތު ކުރެވޭނެ ކަމަކީ ވެލި ބަސްތާ ޖެހުން ކަމަށް އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.


ރާއްޖޭގެ ބައެއް ރަށްރަށް އާދަޔާ ހިލާފަށް ގިރަމުން ދިއުމުގެ މައްސަލައާ ގުޅިގެން މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ، ކޮންމެ އަހަރަކު ވެސް ހުޅަނގާއި އިރުވައިގައި، އެއް ފަރާތުގައި އޮންނަ ވެލިގަނޑު އަނެއް ފަރާތަށް ބަދަލުވުމުގެ ކަންކަން ހިނގާ ކަމަށެވެ. އެއީ އާއްމުކޮށް ފެންނަ ވެލިގަނޑު ބަދަލުވެ، ވޮޑުވުމުގެ ކަންކަން ހިނގާ ގޮތް ކަމަށް ވިއަސް މިފަހަރު މާ ބޮޑަށް ރަށް ގިރުމުގެ މައްސަލަ ދިމާވެފައިވާ ކަމަށް ވިދާޅުވި އެވެ.

ރަށް ގިރައި އަތިރިމަތީގައި ހުރި ރުއްތަކާއި ގަސްތައް ވެއްޓުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

"މިވަގުތު، ވަގުތީގޮތުން ކުރެވޭނެ މުހިއްމު ކަމަކީ ވެލިގޯނި ޖެއްސުން ނޫނީ ޖިއޯ ބޭގް ޖެއްސުން. މި މަސައްކަތުގައި އަޅުގަނޑުމެންގެ މެންޑޭޓު އޮތް ގޮތުން އަޅުގަނޑުމެންގެ ދައުރަކަށް މި އޮތީ މިކަންކަން ބަލާފައި ފެންނަ އެއްޗެއް އެޑްވައިޒްކުރުން ސަރުކާރަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާދަޔާ ހިލާފަށް ރަށްގިރުން ކުރިމަތިވީ، މިިދިޔަ ސެޕްޓެމްބަރު-އޮކްޓޯބަރު ހިސާބުގައި އިންޑިއާ ކަނޑުގައި އުފެދުނު އިންޑިއަން އޯޝަން ޑައިޕޯލްގެ ސަބަބުން ކަމަށެވެ. ދުނިޔެ އަށް އަންނަ ބައެއް ބަދަލުތަކުގެ ސަބަބުން ކޮންމެ ފަސް އަހަރަކާއި 10 އަހަރަކު މޫސުމަށް އެ ބަދަލުތައް އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ބަދަލުތަކުގެ ސަބަބުން ރަށް ގިރުމުގެ މައްސަލަ މިފަހަރު މާ ބޮޑަށް ދިމާވީ ކަމަށާއި ރަށްތައް ރައްކާތެރިކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.

ރަށްތައް ސަލާމަތްކުރުމަށްޓަކައި ޕްލޭނިން މިނިސްޓްރީން އަދި ރަށްރަށުން އަމިއްލަ އަށް ވެސް ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

މިފަހުން ރަށް ގިރައިގެން 20 ރަށަކުން ހުށަހަޅާފައިވާ ކަމަށް މިނިސްޓަރު ކުރިން ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ދަނީ ވަރަށް ގާތުން ރަށްތައް ގިރަމުންދާ މިންވަރު ބަލަމުން. ކާރިސާ ލެވެލްއަށް ދިޔައީމަ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ރަސްމީކޮށް އެމީހުން އެކަން އިއުލާން ކުރާނެ. މިވަގުތު [ވެލި ބަސްތާ ޖެހުމުގެ] މަސައްކަތް ކުރަނީ ޕްލޭނިން މިނިސްޓްރީ މެދުވެރިކޮށް،" އޭނާ ވިދާޅުވި އެވެ.

ހުސެއިން ވިދާޅުވީ ރަށް ހިމާޔަތްކުރުމަށް ވެލި ބަސްތާ ޖެހުން ފިޔަވައި އެހެން ކަމެއް ކޮށްފިނަމަ ގިރައިގެން ދިޔަ ވެލިގަނޑަށް، އެހެން މޫސުމެއްގައި އެނބުރި ނާދެވޭ ގޮތް ވެދާނެ އެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ރާއްޖެއަށް ކުރާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މިހާރު ވެސް މުރަކަތައް މަރުވެ ކަނޑުގެ ލޮނުގަނޑު ހޫނުވާ ކަމަށެވެ.

"މި ހުރިހާ ކަމެއްގެ ސަބަބުން ވެސް މި ދެންނެވި ބަދަލުތައް އެބަ ކުރޭ މިހާރު. ފަރުތައް އޭގެ ޒާތުގައި ވެސް ވަރަށް ބޮޑަށް ހަލާކުވެފައި މި ހުރީ ކުރީ ޒަމާނުގައި މީހުން ގާތައް ވެސް ނަގައިގެން ފަރުން،" ހުސައިން ވިދާޅުވި އެވެ.

ކުއްލި ހާލަތްތަކުގައި އެންވަޔަރްމަންޓަލް އިމްޕެކްޓް އެސެސްމަންޓް ނުހަދައި ވެސް ފިޔަވަޅު އެޅޭނެ ކަމަށް ވިދާޅުވެ، މިނިސްޓަރު ވިދާޅުވީ މިއީ އެފަދަ ހާލަތެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.