ދައުރުވަމުންދަނީ ސައްހަ އޯޑިއޯތަކެއް ނޫން: އަލީ ވަހީދު

ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ އަށް ނިސްބަތްކޮށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހުތުރު ބަސްތައް ބޭނުންކުރާ އަޑު އިވޭ އޯޑިތަކަކީ ސައްހަ އެއްޗެއް ނޫން ކަމަށް އަލީ ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.


މި އޯޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ ލީކުކޮށްލައިފަ އެވެ. އޭގައި، އަލީ ވަހީދު ވަނީ އެހެން ދެ ވަޒީރަކަށް ހަޑިހުތުރު ބަހުން މުއާމަލާތް ކުރައްވާ އަޑު އިވެ އެވެ.

އެ އޯޑިއޯތަކާ ގުޅިގެން އަލީ ވަހީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ދައުރުކުރަމުން ދަނީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށެވެ. އަބުރު ކަތިލުމުގެ ގޮތުން ހިންގާ ޖަރީމާތަކަކުން އަޒުމެއް ނުގުޑާނެ ކަމަށާއި ހިތްވަރެއް ބައްޔެއް ވެސް ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ހައްގަށް އަބަދު ވެސް ނަސްރު ލިބޭނެ އިންޝާﷲ،" ޓްވީޓުގައި ވިދާޅުވި އެވެ.

އެންމެ ފުރަތަމަ ލީކުކޮށްލި އޯޑިއޯގައި އަލީ ވަހީދު ވިދާޅުވަނީ، ކޮވިޑް ވައިރަހާ ދެކޮޅަށް މަސައްކަތް ކުރުމަށް ކެމެރާ އާއި މާސްކް އަދި ކަރަންޓީން ފެސިލިޓީ ހެދީ އޭނާ ކަމަށެވެ. އަމީން ކުރެއްވި ކަމަކީ ހެދިކާ ކެއުން ކަމަށާއި އޭނާ ތަނަކަށް ވަޑައިގެންނެވިއަސް ފޮޓޯ ނަގަން ދެ ކެމެރާމަނުން ގެންދަވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

މިގޮތަށް ވާހަކަދެއްކެވުމުގެ ތެރޭގައި ވަރަށް ހުތުރު ބަސްތައް އަމީނަށް ނިސްބަތްކުރައްވައި، ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި މިނިސްޓަރުކަމަށް ވަޑައިގެންނެވި އަލީ ވަހީދު ވިދާޅުވެ އެވެ.

އޭގެ ފަހުން އައިޝަތު އަލީއާ ގުޅޭގޮތުން އާއްމުވި އޯޑިއޯގައި، އަލީ ވަހީދު ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީން ހަދާފައިވާ ދެ އުސޫލަކާ ގުޅޭގޮތުންނެވެ. އޭނާ ވިދާޅުވަނީ، ރާއްޖޭގެ އެއްވެސް ކުޑަކުއްޖަކު މިނިސްޓްރީގެ ދެ އުސޫލާ ހެދި މުބާރާތްތަކުގައި ނުކުޅެވުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. އެގޮތަށް މިނިސްޓްރީއަކަށް ނުނިންމޭނެ ކަމަށް ވިދާޅުވެ އެވެ.

އޭގައި ވެސް އެޑިއުކޭޝަން މިނިސްޓަރަށް ހުތުރުކޮށް ނިސްބަތްކުރެ އެވެ.