މެމްބަރުން ވަކިކުރެވޭނެ ނިޒާމެއް ގެނައުމުގެ ބިލަށް އުޝާމް ތާއީދު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި، މަގާމުން ދުރު ކުރުމުގެ ބާރު ރައްޔިތުންނަށް ލިބޭ ގޮތަށް ހެދުމަށް ތާއީދު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.


މެމްބަރުން މަގާމުން ވަކި ކުރުމުގެ ބާރު ރައްޔިތުންނަށް ލިބޭ ގޮތަށް ރިކޯލް ވޯޓުގެ ނިޒާމެއް ގެނައުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް އެކުލަވާލައި، އެކަމަށް ތާއީދު ހޯދަމުން ގެންދަނީ ވަކީލް ހަމްޒާ ޚަލީލެވެ. އެކަމަކު އެ ބިލަށް އާންމުންގެ ތާއީދު އެންމެ ރަނގަޅަށް މިހާތަނަށް ތާއީދު ނުލިބޭ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ކުރިން ޑެޕިއުޓީ އެޓާނީ ޖެނެރަލް ކަން ވެސް ކުރެއްވި އުޝާމް އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައިވަނީ މެމްބަރުން ވަކި ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމުގެ ބިލަށް ތާއީދު ކުރައްވާ ކަމަށާއި އެ ބިލް މަޖިލީހަށް ފޮނުވަން އެހީތެރިވާން ވެސް ތައްޔާރަށް ހުންނެވި ކަމަށެވެ. އެކަމަކު މިވަގުތު އިސްކަން ދޭންވީ ހަމްޒާ ނިސްބަތްވާ ދާއިރާގެ މެމްބަރު މެދުވެރިކޮށް ބިލް މަޖިލީހަށް ފޮނުވޭތޯ ބަލަން ކަމަށް ވެސް އުޝާމްގެ ޓްވީޓްގައިވެ އެވެ.

އުޝާމްގެ ޓްވީޓް

މިއީ މެމްބަރުން ވަކި ކުރުމުގެ ބާރު ރައްޔިތުންނަށް ދިނުމުގެ ބިލަކަށް މަޖިލީހުގެ މެމްބަރަކު ތާއީދު ކުރެއްވި ފުރަތަމަ ފަހަރެވެ.

ގާނޫނު އަސާސީ މިހާރު އޮންނަ ގޮތުން މެމްބަރުން މަގާމުން ވަކި ކުރެވެނީ ޖިނާއީ ކުށެއްގައި އެއް އަހަރަށް ވުރެ ދިގު ހުކުމެއް އައުމުން ނުވަތަ ހުކުމާ އެއްގޮތަށް ސާބިތު ދަރަނި ނުދައްކާ ނަމަ އެވެ.

އެހެން ބައެއް ގައުމުތަކުގައި މަޖިލީހުގެ މެމްބަރުން މަގާމުން ވަކިކުރަން ޖެހޭ ކަމަށް ފެނިއްޖެ ނަމަ، ވަކި އަދަދެއްގެ ރައްޔިތުންގެ ސޮޔާ އެކު ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް އެ މެމްބަރަކު މަގާމުގައި ބަހައްޓަން ފެނޭތޯ ބެލުމަށް ރިކޯލް ވޯޓު ނަގަން ޖެހެ އެވެ. ރިކޯލް ވޯޓުގައި އެ މެމްބަރަކު މަގާމުން ވަކިކުރަން ފާސްކޮށްފި ނަމަ، ދައުރު ހަމަ ނުވިޔަސް އެ މެމްބަރެއްގެ މަގާމު ގެއްލޭނެ އެވެ.