އަލީ ވަހީދަށް ފިޔަވަޅު އަޅަން ޖޭޕީ ކައުންސިލްގައި އަޑުގަދަވެއްޖެ

މި ސަރުކާރުގެ ވަޒީރުންތަކަކަށް ނިސްބަތް ކުރައްވައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހަޑިހުތުރު ބަހުން ވާހަކަ ދެއްކެވުމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާއާ ގުޅޭ ގޮތުން ދެއްކެވި ދަށު ދަރަޖައިގެ ވާހަކަތަކަށް އޭނާ އަށް ފިޔަވަޅު އަޅަން ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައެއް މެމްބަރުން ގޮވާލައްވައިފި އެވެ.


ޓުވިޓާގައި އާއްމުކުރި އޯޑިއޯ ކްލިޕްތަކުގައި އިވޭ ގޮތުން، އަލީ ވަހީދު ވާހަކަ ދައްކަވަނީ އޭނާއާ ގާތް ގުޅުމެއް އޮންނަ، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ)އާ އެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މަގާމަށް ވަޑައިގެންނެވި އެ ޕާޓީގެ ރައީސް އަލީ ވަހީދުގެ އަޚުލާގާއި ދަށު ދަރަޖައިގެ އަމަލުތައް އޯޑިއޯއާ އެކު އާއްމުވެއްޖެ ކަމަށް ވިދާޅުވެ، އެ ޕާޓީގެ ކައުންސިލްގެ ބައެއް މެމްބަރުން ވަނީ ކައުންސިލްގެ ވަޓްސްއެޕް ގްރޫޕްގައި މައްސަލަ ހޫނުކޮށްލައިފަ އެވެ. ބައެއް މެމްބަރުން ގޮވައިލެއްވީ، އަލީ ވަހީދު ޕާޓީން ވަކިކުރާށެވެ.

އިންޒާރާ އެކު، ޓުވިޓާގައި އާއްކުރި އޯޑިއޯތައް ސައްހަ ނޫން ކަމަށާއި ބޭނުމަކީ ބަދުނާމު ކުރުން ކަމަށް ބުނެ ދިފާއުވެވަޑައިގަތުމަށް އަލީ ވަހީދު މިހާތަނަށް ވަނީ ދެ ޓުވީޓެއް ކުރައްވައިފަ އެވެ. އަލީ ވަހީދުގެ އެ ވާހަކަތަކަށް މާބޮޑު އަޅާލުމެއް ނުބަހައްޓައި ގިނަ މެމްބަރުން ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކިބައިން އެދިވަޑައިގަތީ އޭނާ މަގާމުން ވަކިކުރާށެވެ.

"އަލީ ވަހީދާއި އޭނާގެ ބައިވެރިން އިސްތިއުފާ ދިނުމަށް ގޮވާލަން. އަޚުލާގެއް ނެތް މީހުން ޖޭޕީން ބޭރުކުރަން ޖެހޭ. ލީޑަރު މިކަމުގައި އަވަސް ނިންމުމެއް ނިންމަވަން ޖެހޭ ކަމަށް އަޅުގަނޑު ދެކެން،" ޖޭޕީގެ ކައުންސިލް ގްރޫޕަށް މެމްބަރަކު ފޮނުއްވި މެސެޖެއްގައި ވިދާޅުވި އެވެ.

އަލީ ވަހީދުގެ މައްސަލަ ބެލުމަށް ޖޭޕީގެ ކައުންސިލްގެ ބައްދަލުވުމެއް ބާއްވަން އޭނާ ގޮވައިލެއްވި އެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް ފޮނުއްވި މެސެޖެއްގައި އެދިވަޑައިގަތީ، އަލީ ވަހީދާ ގުޅޭ ގޮތުން މީޑިއާގައި ދައުރުވާ ވާހަކަތަކުގެ ހަގީގަތް ބެލުމަށެވެ. އެއީ، ޖުމްހޫރީ ޕާޓީގެ ރައީސެއްގެ ގޮތުގައި ހުންނެވި އަލީ ވަހީދުގެ އަސްލު އޯޑިއޯއެއް ނަމަ ވަރަށް ދެރަ ކަމަށް އޭނާ ވިދާޅުވި އެވެ.

އޯޑިއޯގައި ދައްކާފައިވާ ވާހަކަތަކަކީ ޖޭޕީން ވަކާލާތުކުރާ އުސޫލްތަކާއި އަހުލާގާއި މިންގަނޑުތައް ފަހަނާޅާފައިވާ ވާހަކަތަކެއް ކަަމށް އަމީން ވިދާޅުވި އެވެ. މީގެ އިތުރުން ޕާޓީގެ ލީޑަރު ގާސިމްގެ އަނބިކަނބަލުން ނަހުލާގެ އަގު ވެއްޓޭގޮތަށް އަލީ ވަހީދު ދެއްކެވި ވާހަކަތައް ބަލައިނުގަނެވޭ ކަމަށް އަމީން ވިދާޅުވި އެވެ.

"އެކަމާ ގުޅިގެން ޕާޓީން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ދެކެން،" އަމީން ވިދާޅުވި އެވެ.

ޖޭޕީގެ ސްލޮޓުގައި މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އަލީ ވަހީދާ މެދު ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވީ ނަަމަވެސް ރަސްމީކޮށް ޖޭޕީން އަދި ވާހަކައެއް ނުދައްކަ އެވެ.

އެކި ކަންކަމާ ގުޅުވައި އަލީ ވަހީދު ވާހަކަ ދެއްކެވި އޯޑިއޯގައި އެންމެ ހުތުރުކޮށް، އެއްޗެހި ގޮވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނަށެވެ. އެ ދެ ބޭފުޅުން ވެސް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ ޖުމްހޫރީ ޕާޓީގެ ސްލޮޓުގަ އެވެ. ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅިއިރު ވެސް އަމީން ބެއްލެވީ މީޑިއާ ސްޓަންޓްތަކުން މަޝްހޫރުވެ، ކްރެޑިޓް ނެންގެވޭތޯ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. ހެލްތު މިނިސްޓަރެއްގެ ހަގީގީ މަސްއޫލިއްޔަތު އުފުއްލެވީ އަލީ ވަހީދު ކަމަށް ދޭހަވާ ގޮތަށް ފަޚުރުވެރިކަމާ އެކު އަލީ ވަހީދާއި ވާހަކަ ދައްކަވާ އަޑު އިވެ އެވެ.

އެންމެ ގިނަ ބައެއްގެ ހިތްހަމަނުޖެހުން އަމާޒުވީ މިނިސްޓަރު އައިޝަތު ނަހުލާ އަށް ގުޅުއްވައި ދެއްކެވި ވާހަކަތަކުންނެވެ. ނަހުލާ ގާތު އަލީ ވަހީދު ވިދާޅުވަނީ އޭނާ ގުޅުއްވީ "މިސްވެގެން" ކަމަށެވެ. އިރުއެރީ ކޮން ކޮޅަކުންތޯ ނަހުލާ އައްސަވަ އެވެ. އޭގެ ފަހުން އާއްމުކުރި އޯޑިއޯގައި ނަހުލާ ބަދުނާމުކުރައްވައި ވަރަށް ހުތުރުކޮށް އަލީ ވަހީދު ވާހަކަ ދައްކަވާ އަޑު އިވެ އެވެ.