ޓެސްޓުތައް ހަދަން ޔާމީން އަދިވެސް އެޑްމިޓްކޮށްފައި

މާފުށީ ޖަލުގައި ހުކުމްތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެޑްމިޓްކުރީ ޓެސްޓުތަކެއް ހަދަން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނެފި އެވެ.


ހިތުގެ އާލާސްކަންފުޅަކަށް ޔާމީނަށް އައިޖީއެމްއެޗުގައި ފަރުވާދޭން ފެށީ މިދިޔަ ބުދަ ދުވަހެވެ.

ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ޔާމީންގެ ހާލުކޮޅު ސީރިއަސް ނޫން ކަމަށެވެ. އެޑްމިޓްކޮށްފައި އޮތީ ޓެސްޓްތައް ހަދަން ކަމަށް އޭނާ ވިދާޅުވި އެވެ.

ޔާމީން، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވަނީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ދައުލަތުން އެމަނިކުފާނުގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެންނެވެ. އެ މައްސަަލައިގެ ތަހުގީގަށް ހައްޔަރުކޮށްފައި ހުރި އިރު ވެސް އަދި ކުށް ސާބިތުވެ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ޖަލަށް ހުކުމް ކުރި ފަހުން ވެސް ޔާމީން އައިޖީއެމްއެޗަށް ގެންގޮސް ޓެސްޓްތައް ހަދައި ފަރުވާ ދީފައިވެ އެވެ.

ޔާމީނަށް އިއްވާފައިވާ ހުކުމުގެ އިސްތިއުނާފް މަރުހަލާގައި އެމަނިކުފާނު ވަނީ ސިއްހީ މައްސަލަތަކެއްގެ ވާހަކަ ވިދާޅުވެފަ އެވެ. ރާއްޖެ އިން ފަރުވާ ލިބެން ނެތް ސިއްހީ މައްސަލަތަކެއް ހުރި ކަމަށް އެ މަނިކުފާނުގެ ފަރާތްޕުޅުން ކޯޓުގައި ފާހަގަކޮށްފައިވީ ނަމަވެސް އެ ކަންކަމުގައި އަމަލުކުރަންޖެހޭ އިޖްރާއާތުތައް ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ހުރި ގަވާއިދުތަކުގައި އެބަހުރި ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ ވިދާޅުވި އެވެ.

ސިއްހީ ސަބަބަކަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވާ ނަމަ ނުވަތަ ޖަލުން ދޫކޮށްލާ ނަމަ އެކަމާ ބެހޭ އިޖްރާއާތު އެ ގަވާއިދުތަކުގެ ދަށުން ފުރިހަމަ ކުރުމުގެ ފުރުސަތު އެބަ އޮތްކަމަށް ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ.

ޔާމީން، ކަފާލާތުގެ ދަށުން މިނިވަން ކުރަން ވެސް އެމަނިކުފާނުގެ ވަކީލުން ހައި ކޯޓުގައި އެދުނެވެ. އެކަމަކު، އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ހައި ކޯޓުން ނިންމީ ޔާމީނަށް ކަފާލާތު ދެވެން ނެތް ކަމަށެވެ.