މިނިވަން 50 ދެ ފަހަރަށް ހޭވުމުން ވެސް ފެނުނީ ހުދު ވަލެއް: އުމަރު

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރަން ހިންގި މިނިވަން 50ގެ ހަރަކާތްތައް ކޮރަޕްޝަނާ ގުޅުވައި އޭނާ މަޅިއެއްގައި ބެއްދޭތޯ ދެ ސަރުކާރުން ބަލައި ހޭވުމުން ވެސް ފެނުނީ ހުދު ވަލެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.


ކޮރަޕްޝަނާ ގުޅުވައި އުމަރު އާއްމުކޮށް "ހުދު ވަލުން" މިސާލު ޖައްސަވަނީ، އޭނާގެ ފަސްބައި ސާފުކަމުގެ ޔަގީންކަން ދެއްވާށެވެ. ރައީސްކަމަށް ވާދަކުރައްވަން 2013 ގައި ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ނުކުންނަވައި ވިދާޅުވެފައި ވަނީ އޭނާ އަބަދުވެސް ހުންނަވާނީ ހުދު ވަލުގެ މަތީގައި ކަމަށެވެ.

ޕްރައިމަރީ ނާކާމިޔާބުވި އުމަރަކީ ކޮރަޕްޝަންގެ ބޮޑު ތުހުމަތުތައް އެޅުނު ޕީޕީއެމްގެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރެވެ. މަގާމުގައި ހުންނެވި އިރު ކޮރަޕްޝަންގެ އަމަލެއްގައި ޖެހިވަޑައިގެންފައި ނުވާނެ ކަމަށް އުމަރު މި ވިދާޅުވީ މިނިވަން 50އާ ގުޅޭ ގޮތުން ހުށަހެޅި 87 މައްސަލައިގެ ތެރެއިން އަދިވެސް ބައެއް މައްސަލަތައް ބަލަމުން އަންނަ ކަމަށް އޭސީސީން ބުނުމުންނެވެ. މިއީ، އެއް މަޝްރޫއާ ގުޅޭ ގޮތުން އޭސީސީ އަށް މިހާ ގިނަ އަދަދެއްގެ މައްސަލަ ހުށަހެޅި ފަހަރެވެ.

އޭސީސީއާ ހަވާލާދީ، "މިހާރު"ގައި ޖެހި ޚަބަރުގައި ހުރި މައުލޫމާތުތަކަށް ރައްދު ދެއްވައި އުމަރު ވިދާޅުވީ މިނިވަން 50ގެ އެއްވެސް ކަމެއްގައި ކޮރަޕްޝަން ނުހިމެނޭނެ ކަމަށެވެ. އެފަދަ އެއްވެސް ކަމެއް ހިނގި ނަމަ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ހެއްކެއް ފެނި، ދައުވާކޮށް މިހާރު އޮންނާނީ ހުކުމާ ހަމައިގައި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ގައިގައި ހިފޭވަރުގެ ކަމެއް އޮތްތޯ ދެ ސަރުކާރުން ބަލައި ހާވައިފި. ފެނުނީ ހަމަ ހުދު ވަލެއް. އިތުރަށް ހޭވިޔަސް ފެންނާނީ ހުދު ވާ،" ހޯމް މިނިސްޓްރީއާ ހަވާލުކޮށް، ރައީސް އޮފީހުގެ ޚާއްސަ ކޮމިޓީއެއްގެ ބެލުމުގެ ދަށުން ހިންގި މިނިވަން 50 ހަރަކާތްތަކާ ގުޅޭ ގޮތުން އުމަރު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ކުންފުންޏެއް، އަންބެއް، ދަރިއެއް، އެއްބަނޑު އެއްބަފާ މީހެއްގެ ހިއްސާ އޮންނަ ކުންފުންޏަކަށް އެއްވެސް މަސައްކަތެއް ދީފައެއް ނޯންނާނެ. މަސައްކަތްތައް ހަވާލުކުރީ އެންމެ ގާބިލް ފަރާތްތަކާ. ހުރިހާ ފަރާތްތަކުން ގަޑިއަށް މަސައްކަތްތައް ނިންމައި މުޅި ރާއްޖެ ފަޚުރުވެރިވާ ވަރުގެ އީދަކަށް މިނިވަން 50 ހެދިން."

އޭސީސީން ބަލާ މައްސަލަތަކާ ގުޅުވައި އޭނާ ވިދާޅުވި ގޮތުގައި، ތުހުމަތުކޮށް ސަރުކާރަށް ތާއީދުކުރާ މީޑިއާގައި ހެޑްލައިން ހެދިދާނެ އެވެ. އެކަމަކު ގާނޫނީ ކުށެއް ނުދެއްކޭނެ ކަމަށް ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ މިނިވަން 50ގެ ހުރިހާ މަސައްކަތެއް ކުރީ އޭސީސީ އާއި އޮޑިޓް އޮފީހުގެ ހުއްދައާ އެކު އެ ދެ މުއައްސަސާގެ ބޭފުޅުންގެ ބެއްލެވުމުގެ ދަށުން، ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިއުމުން ހޯދައިގެންނެވެ.

ފިނޭންސުން ލިއުމުން ހޯދި ހުއްދައާ ޚިލާފަށް ބައެއް މަސައްކަތްތަކަށް ޚަރަދުކޮށްފައިވާ ކަމަށް އޮޑިޓް އޮފީހުން ނެރުނު 2015 ވަނަ އަހަރުގެ ހޯމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައިވެ އެވެ.

މިނިވަން 50ގައި އޭނާ އަށް ތުހުމަތުކުރެވޭ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވިދާޅުވެ ވާހަކަ ނިންމާލެއްވީ 2023 ގައި ވެސް ވެރިކަމަށް ކުރިމަތިލައްވާނެ ކަމުގެ އިޝާރާތެއް ދެއްވަމުންނެވެ. ދެން އޮންނަ ރިޔާސީ އިންތިޚާބެއްގައި ރާއްޖޭގައި ތެދުވެރި، ނަޒާހާތްތެރި ސަރުކާރެއް ގާއިމްކުރައްވާނެ ކަމަށް ވިދާޅުވި އެވެ.