ރެހެންދި ފްލެޓް ހުސްނުކުރި މައްސަލައިގައި ޖިހާދަށް ދައުވާކޮށްފި

ނައިބު ރައީސްކަމުގެ މަގާމުގައި އަބްދުﷲ ޖިހާދު ހުންނެވި ދުވަސްވަރު، އެމަނިކުފާނު ދިރިއުޅުއްވަން ސަރުކާރުން ދޫކުރި ރެހެންދި ފްލެޓު ހުސްނުކުރެއްވި މައްސަލައިގައި އެމަނިކުފާނުގެ އަތުން އެއް މިލިއަން ރުފިޔާ ހޯދަން ދައުލަތުން ދައުވާކޮށްފި އެވެ.


ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ޖިހާދުގެ މައްޗަށް ދައުވާކުރީ، ދައުލަތުގެ މުދަލެއް ނުހައްގު ގޮތުގައި ބޭނުންކުރައްވައި، ނުހައްގު މުއްސަނދިކަން ހޯއްދަވާފައިވާތީ ކަމަށެވެ. ޖިހާދު އަތުން ދައުލަތުން ހޯދަނީ، މިދިޔަ ރިޔާސީ ދައުރު ހަމަވުމަށް ފަހު، އެމަނިކުފާނު ދިރިއުޅުއްވި އެޕާޓްމަންޓުގެ ކުއްޔާއި މެއިންޓަނެންސް ފީ އާއި ޔުޓިލިޓީ ފީ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނިގޮތުގައި، "ރެހެންދި 3" ގެ (2) ފްލެޓް ހުސްކުރަން ޖިހާދަށް އެންގި ނަމަވެސް، އެ އަށް އަމަލު ނުކުރައްވައި، އެއް އަހަރާއި ތިން މަސް ވަންދެން އެމަނިކުފާނު އެ ތަން ބޭނުންކުރެއްވި އެވެ. އެހެންވެ، ގާނޫނީ ހައިސިއްޔަތެއް ނެތި، ދައުލަތުގެ މުދަލެއް ބޭނުންކުރައްވާފައިވާ މުއްދަތަށް ޖިހާދުގެ ކިބައިން ކުލި ހޯދުމުގެ ހައްގު ދައުލަތަށް ލިބިދޭ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެ އެވެ.

ޖިހާދަށް ސަރުކާރުން ދޫކުރި ފްލެޓް ދޫކޮށްލެއްވީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އެމަނިކުފާނުގެ ނައިބަކަށް ޖިހާދު އައްޔަން ކުރެއްވީ ޖޫން 22، 2016 ގަ އެވެ. އޭގެ ފަހުން، ޔާމީންގެ ރިޔާސީ ދައުރު ނިމެންދެން ނައިބު ރައީސްގެ މަގާމުގައި ޖިހާދު ހުންނެވި އެވެ.

ޖިހާދަކީ، ނައިބު ރައީސްކަމުގެ އިތުރުން ފިނޭންސް މިނިސްޓަރުކަމާއި ރާއްޖޭގެ މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރުކަމާއި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.