ޣިޔާސުއްދީންގައި ބޮޑު ދުވަހެއް: ދަރިވަރުން ޖައްވީ ސްޓޭޝަނާ ގުޅިފައި

ޣިޔާސުއްދީން ސްކޫލްގެ ހޯލުގައި 84 ދަރިވަރުން މިއަދު ތިބީ، އެކުދިން މިހާތަނަށް ކުރި ތަޖުރިބާތަކަށް ބަލާއިރު، އާދައިގެ ކަމެއް ކުރާކަށެއް ނޫނެވެ. ޖައްވުން ދުނިޔޭގެ އެކި ހިސާބުތަކުގެ ފޮޓޯ ނަގަން ކޮމާންޑް ކުރަމުން ދިޔައީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގެ ކެމެރާއަށެވެ.


މިއީ ދުނިޔެއާ 400 ކިލޯމީޓަރުގެ މަތީގައި އޮތް އައިއެސްއެސްގެ ކެމެރާ ބޭނުންކޮށްގެން، ނުވަތަ އެ ސްޓޭޝަނާ އެއްވެސް ކަހަލަ ގުޅުމެއް ރާއްޖޭގައި ތިބެގެން ދިވެހި ދަރިވަރުން ގާއިމްކުރި ފުރަތަމަ ފަހަރެވެ.

ޣިޔާސުއްދީނުގގެ 62 ދަރިވަރުންނާއި އެހެން ސްކޫލްތަކުން ހޮވާލި 22 ދަރިވަރުންނާ އެކު ޖުމްލަ 84 ކުދިން، އެކި ގްރޫޕްތަކަށް ބަހާލައިގެން އައިއެސްއެސްގެ ކެމެރާއަށް ކޮމާންޑްކުރަމުން ދިޔައީ ދުނިޔޭގެ އެކި ގައުމުތަކުގެ ފޮޓޯ، ޖައްވު ތެރެއިން ނެގުމަށެވެ. މިއީ ނާސާ އިން ދަރިވަރުންނަށް ފަހިކޮށްދޭ ފުރުސަތުތަކުގެ ތެރެއިން އެއް ފުރުސަތެވެ.

ހޯލްގެ އެކި ހިސާބުތަކުގައި ބަހައްޓާފައި ހުރި މޭޒުތައް މަތީގައި ލެޕްޓޮޕްތައް ހުއްޓެވެ. އެމެރިކާގެ ޖައްވީ އިދާރާ، ނާސާގެ ވެބްސައިޓަށް ލޮގިންވެ، ހާއްސަ ކޯޑުތަކެއް ބޭނުންކޮށްގެން އައިއެސްއެސްއަށް ކޮމާންޑް ކުރަމުން ދިޔައީ ރާއްޖެ ހިމެނޭ ގޮތަށް ދުނިޔޭގެ އެކި ހިސާބުތަކުން 200 ފޮޓޯ ނެގުމަށެވެ.

ޔުނިވާސިޓީ އޮފް ކެލިފޯނިއާ އާއި ނާސާގެ ޖޯންސަން ސްޕޭސް ސެންޓަރު ގުޅިގެން ކުރިއަށްގެންދާ ސްޕޭސް އެޑިއުކޭޝަން ޕްރޮގްރާމް ޣިޔާސުއްދީން ސްކޫލުގައި ހިންގަނީ ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށް ވާ އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސަސް (އައިޖީއެސް)އާ ގުޅިގެންނެވެ.

އައިއެސްއެސްގެ ކެމެރާ ބޭނުންކޮށްގެން ފޮޓޯ ނަގަން ދަރިވަރުންތަކެއް ކޮމާންޑް ކުރަނީ - ފޮޓޯ: ޣިޔާސުއްދީން ސްކޫލް

ޣިޔާސުއްދީނުން ބައިވެރިވީ ގްރޭޑް 6-9 ގެ ދަރިވަރުންނެވެ. އެހެން ސްކޫލްތަކުން އެހެން ގްރޭޑްތަކުގެ ދަރިވަރުން ވެސް ޕްރޮގްރާމްގައި ބައިވެރިވި އެވެ.

އެ ހުރިހާ ކުދިން ވެސް ތިބީ އުފަލުންނެވެ. ދުނިޔޭގެ އެންމެ ބޮޑު ޖައްވީ އިދާރާއާ ގުޅިގެން ބޭއްވި ހަރަކާތެއްގައި ބައިވެރިވެވުމަކީ، ކުޑަ ފުރުސަތެއް ނޫން ކަމަށް، ބައެއް ދަރިވަރުން ސިފަކުރި އެވެ.

ޣިޔާސުއްދީން ސްކޫލްގެ ސައިންސް ކުލަބް ލީޑަރު، މުހައްމަދު ޝައްމާން ބުނީ މިއަދު ލިބުނު ފުރުސަތަކީ ވަރަށް ބޮޑު އުފަލަކާއި ތަޖުރިބާއެއް ކަމަށެވެ. ނާސާއާ ގުޅިގެން ރާއްޖެއަށް ސްޕޭސް ސައިންސް ތައާރަފް ކުރެވޭނެ ދުވަހަކަށް ވަރަށް ބޮޑު އުއްމީދެއް ކުރި ކަމަށް ވެސް ބުންޏެވެ.

"ދިވެހި ރާއްޖެއަށް މުޅިން އާ ކަމެއް ސްޕޭސް ސައިންސަކީ. ހާއްސަކޮށް ޣިޔާސުއްދީން ސްކޫލް ކުއްޖަކަށް ހުރެ އަޅުގަނޑު ފަހުރުވެރިވަން މިފަދަ ފުރުސަތެއް ސްކޫލުން އަޅުގަނޑުމެންނަށް ފޯރުކޮށްދޭތީ،" ޝައްމާން ބުންޏެވެ.

މީގެ ކުރިން އެ ދަރިވަރުންނަށް ޖައްވުގެ ތެރެއިން ދުނިޔެ ބަލައިލުމުގެ ފުރުސަތު ލިބެނީ ގޫގުލް މެޕް ބޭނުންކޮށްގެންނެވެ. އެއާ ހިލާފަށް އަދި ގޫގުލް މެޕްގެ ސެޓެލައިޓްތަކަށް ވުރެ ވެސް މާ މަތީގައި ދައުރުވަމުން ދާ އައިއެސްއެސްގެ ކެމެރާތައް މެދުވެރިކޮށް ނަގާ ފޮޓޯތައް ސާފުވެފައި މާ ރީއްޗެވެ.

"މިއަދު ދަސްވެގެން ދިޔަ ދުނިޔޭގެ އެކި ކަންކޮޅުތައް ހުންނަ ތަފާތު ގޮތްތައް. އަޅުގަނޑުމެންނަށް ދުނިޔެ ފެންނަ ގޮތަކަށް ނޫން ބޭރުން [މަތިން] ފެންނަނީއެއް،" ތާޖުއްދީން ސްކޫލްގެ ކެޕްޓަން އާލާ އާދިލް ބުންޏެވެ.

"ވަރަށް ބޮޑަށް ސަޕްރައިޒް، ވަރަށް ރީތި ދުނިޔެ ފެނުނު ގޮތް."

ޝައުގުވެރިކަން ބޮޑުވެއްޖެ

މިއަދުގެ ހަރަކާތާ އެކު ޖައްވީ ކަންކަމަށް ގިނަ ދަރިވަރުންގެ ޝައުގުވެރިކަން ކުރިއަށް ވުރެ މިހާރު ބޮޑުވެއްޖެ އެވެ. ޖައްވީ ދިރާސާތަކާއި އޭގެ އިލްމާ ބެހޭ މައުލޫމާތު އިތުރަށް ހޯދުމުގެ ނިޔަތް ވެސް ބައެއް ކުދިންގެ ހިތުގައި ބިންވަޅު ނެގުނެވެ.

"ދުވަހަކު ވެސް ދެން ނުލިބޭނެ މިކަހަލަ ފުރުސަތެއް. އަސްލު ވަރަށް އިންޓަރެސްޓިން ކަމެއް މިއީ،" އިސްކަންދަރު ސްކޫލްގެ ދަރިވަރަކު ބުންޏެވެ.

ސްޕޭސް ސައިންސް ޕޮރޮގްރާމްގައި ބައިވެރިވި ދަރިވަރުން ފޮޓޯއަކަށް ހުއްޓިގެން - ފޮޓޯ: ޣިޔާސުއްދީން

އެހެން ދަރިވަރަކު ބުނި ގޮތުގައި ޖައްވީ ދިރާސާތަކަށް ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ މޮޅުކަމާއި އެ އިލްމު ކުރިއަަރާފައިވާ ވަރު ވެސް މިއަދު ވަޒަންކޮށްލެވުނެވެ. އެހެންކަމުން މިއީ ރާއްޖެ ކަހަލަ ކުޑަ ގައުމެއްގައި ތިއްބަސް، ޝައުގުވެރިކަމާ އެކު ހާއްސަވެވިދާނެ ދާއިރާއެއް ކަމަށް ވެސް ބައެއް ކުދިން ދެކެ އެވެ.

ދަރިވަރުންގެ ކޮމާންޑަށް ނެގި 200 ފޮޓޯ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ލިބޭނެ އެވެ. އެއާ އެކު އެ ފޮޓޯތައް އެކި ގޮތްގޮތަށް ބޭނުން ކުރުމަށް ޣިޔާސުއްދީން ސްކޫލުން ވަނީ ނިންމާފަ އެވެ.

"އެ ފޮޓޯތައް ނާސާއިން އާކައިވް ކުރެވުނީމަ ފޮޓޯތައް ފެންނަން ހުންނާނެ. ކޮންމެ ފޮޓޯއަކީ ވެސް އެކުދިން ވަކި ކީ ވޯޑެއް ޖަހައިގެން ނަގާ ފޮޓޯއެއް. އެހެންވީމަ އެކުދިން އައިޑެންޓިފައި ކުރާނެ އެ ފޮޓޯއަކުން،" ޣިޔާސުއްދީންގެ އާ ޕްރިންސިޕަލް އަލީ މުސްތަފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ހަރަކާތުގައި ބައިވެރިވި ކުދިންގެ ފޮޓޯތައް ނާސާއަށް ފޮނުވާނެ ކަމަށެވެ.

ކުރިއަށް ދެން އޮތީ މިއަށް ވުރެ ވެސް ބޮޑު ހަރަކާތެކެވެ. އެއީ އައިއެސްއެސްގައި ހުރި އެސްޓްރޮނޯޓަކާ ވަގުތުން ވާހަކަ ދެއްކުމުގެ ފުރުސަތެވެ.

މުސްތަފާ ވިދާޅުވީ އެ ހަރަކާތްތައް ކުރިއަށް ދާނެ ދުވަސް އަދި ނުނިންމާ ކަމަށެވެ. ނަމަވެސް އެއީ ދަރިވަރުންނަށް ލިބޭނެ ވަރަށް ބޮޑު އުފަލަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.