ޖޭޕީގެ ކެމްޕޭން ފަށަން ވެސް ކާނިވަލުގައި ޖަލްސާއެއް ބާއްވަނީ

އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެމްބަރުން ހޮވަން ބާއްވާ އިންތިހާބަށް، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކެމްޕެއިން ފެށުމުގެ ގޮތުން ކާނިވާ ސަރަހައްދުގައި ޖަލްސާއެއް ބާއްވަން އެ ޕާޓީން ނިންމައިފި އެވެ.


މި ޖަލްސާ މި ބާއްވަނީ، ކައުންސިލް އިންތިހާބު ކެމްޕޭން ފެށުމަށް، ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާ އަށް ދިޔަ މީހުންގެ އަދަދަށް ވުރެ އެތައް ގުނައެއް އިތުރަށް، އިދިކޮޅު ޕީޕީއެމުން މީހުން ޖަމާކޮށް ކާނިވަލުގައި ޖަލްސާއެއް ބާއްވާފައި ވަނިކޮށެވެ.

ޖުމްހޫރީ ޕާޓީގެ އޮފީސް ހިންގާ މ. ކުނޫޒުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ސްޓްރެޓީޖިކް ޕްލޭނިން ކޮމިޓީގެ މެމްބަރު އަދި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވީ، ޖަލްސާ ބާއްވާނީ މި މަހުގެ 13 ވަނަ ދުވަހު ކަމަށެވެ. ޕީޕީއެމްގައި ވަރަށް އިސްކޮށް މަސައްކަތްކުރެއްވުމަށް ފަހި ޖޭޕީ އަށް ސޮއިކުރައްވާފައިވާ ނިހާން ވިދާޅުވީ އެ ޖަލްސާގައި ލޯކަލް ކައުންސިލް އިންތިހާބުގެ ކެންޑިޑޭޓުންނާއި އަންހެނުންގެ ޕާޓީގެ ކެނޑިޑޭޓުން ލޯންޗުކުރާނެ ކަމަށެވެ.

ޖޭޕީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަނީ 127 ކެނޑިޑޭޓުންނެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އެ ޕާޓީގެ 56 މެމްބަރުން ވާދަކުރެ އެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަހަމްދު ސައުދު މި ބައްދަލުވުމުގައި ވިދާޅުވީ މި އިންތިހާބަށް ކެނޑިޑޭޓުން ނެރުނީ، އެ ޕާޓީއަށް ކާމިޔާބުކުރެވޭނެ ގޮނޑިތަކަށް ވިސްނައިގެން އެ ސަރަހައްދުތަކަށް ބަލައިގެން ކަމަށެވެ.

"އަޅުގަނޑުމެން ބެލީ، އަޅުގަނޑުމެންނަށް ވީހާ ވެސް ބޮޑަކަށް ކާމިޔާބު ކުރެވޭނެ ސަރަހައްދުތަކަަށް އިންތިހާބުގައި އަޅުގަނޑުމެން ފޯކަސް ކުރަން،" ސައުދު ވިދާޅުވި އެވެ.

ނަމަވެސް އޭނާ ވިދާޅުވީ މިއީ އެ ޕާޓީގެ ތާރީހުގައި ވެސް ނުބާއްވާ ފަދަ ޖަލްސާއެއް ބޭއްވުމުގެ މަގްސަދުގައި ބާއްވާ ޖަލްސާއެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ބާއްވަން އުޅޭ ޖަލްސާ އަކީ، ހަގީގަތަށް ބަލާ އިރު، ޖުމްހޫރީ ޕާޓީގެ ތާރީހުގައި ވެސް ނުބާއްވާ ވަރުގެ ޖަލްސާއެއް ބާއްވާކަށް، އެ ގޮތަކަށް ޕްލޭންކޮށްގެން ކުރާ ކަމެއް ނޫން. މީގެ ބޭނުމަކީ މިހާރު މި ހިނގަމުން ދާ ކަންތައްތަކުގައި އަޅުގަނޑުމެންގެ ޕާޓީ އަކީ ވެސް އެއް ސަފެއްގައި މިހާރު ރާއްޖޭގައި މިތިބި ދެ ޕާޓީއާ އެކީ އެއްގޮތަށް، އަޅުގަނޑުމެންނަކީ ވެސް ފުރިހަމަ ޕާޓީއެއް ކަމަށް ދެއްކުން،" ސައުދު ވިދާޅުވި އެވެ.

ވެލިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު މި ބައްދަލުވުމުގައި ވިދާޅުވީ މި ޖަލްސާގެ ޝިއާރަކަށް ޖޭޕީން ކަނޑައެޅީ "ދީނާއި ގައުމުގެ ދިފާއުގައި" ކަމަށެވެ. މި ޝިއާރު ކަނޑައެޅީ ދީނާ ދެކޮޅު އެކި މަންޒަރުތައް ރާއްޖޭގެ އެކި ރަށްރަށުން ފެންނާތީ ކަމަށާއި މިއީ ދިވެހިން ބަލައިިގަންނާނެ ކަމެއް ނޫންކަން އެ ޕާޓީއަށް އެނގޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖޭޕީން ބުނީ އިންތިހާބަށް ކެމްޕެއިން ކުރުމުގެ ހަރަކާތްތައް، އެކި ކެނޑިޑޭޓުން މިހާރު ވެސް ކުރިއަށް ގެންދާ ކަމަށެވެ.