އިންތިގާލީ އިންސާފުގެ ބިިލަށް އާއްމުންގެ ހިޔާލު ހޯދަނީ

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިންތިގާލީ އިންސާފުގެ ބިލަށް އާންމުންގެ ހިޔާލު ހޯދަން މާދަމާ ރޭ ޕެނަލް ޑިސްކަޝަނެއް ބާއްވަން ނިންމައިފި އެވެ.


މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިއާސަތުން އަންގާ އެންގުމެއްގެ ގޮތުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިންތިގާލީ އިންސާފުގެ ބިލު ރައްޔިތުންނާ ހިއްސާކުރަން ބާއްވާ ބައްދަލުވުމުން މާދަމާ ރޭ 8:30 ގައި މަޖިލީހުގައި އޮންނާނެ ކަަމެވެ. އެ މަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ހިޔާލު ހޯދަން މީގެ ކުރިން ބޭއްވި ބައްދަލުވުމުގެ ތަޖުރިބާއަށް ބަލައި، މާދަމާ ރޭގެ ބައްދަލުވުމުގައި ސުވާލުކުރުމަށާއި ޖަވާބު ދިނުމަށް ވެސް ވަކި ވަރަކަށް ވަގުތު ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން ސުވާލުކުރަން މީހަކަށް ދެ މިނެޓް ދޭނެ ކަމަށާއި، ޖަވާބު ދިނުމަށް ދޭނީ ތިން މިނެޓް ކަަމަށް ވިދާޅުވި އެވެ.

ބިލާ ބެހޭ ގޮތުން އާއްމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މާދަމާ ރޭގެ ބައްދަލުވުމުގައި ތިއްބަވާނީ އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަަތު، ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު އަދި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދެވެ. އަހުމަދު ރަޝީދަކީ އިންތިގާލީ އިންސާފުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މެމްބަރެެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި އިންތިގާލީ އިންސާފުގެ ބިލުގެ މަގްސަދުގެ ގޮތުގައި ވަނީ 2012 އިން ފެށިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމާ ހަމަ އަށް ނިޒާމީ ސިފައެއްގައި ރޭވިގެން ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ބޮޑެތި އަމަލުތައް ބަލައި އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ މީހުންނަށް އިންސާފު ހޯދައި ދިނުމެވެ.

އެމްޑީޕީގެ ވެރިކަން 2012 ވަނަ އަހަރު ވެއްޓުނުތާ އަށް އަހަރު ފުރުމާ ދިމާކޮށް، މިދިޔަ މަހު 7 ގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވެފައި ވަނީ އިންތިގާލީ އިންސާފުގެ ބިލު ފާސްކޮށް ގާނޫނަކަށް ހަދައި، އަނިޔާ ތަހައްމަލު ކޮށްފައިވާ ގިނަ ބަޔަކަށް އިންސާފު އަވަހަށް ލިބުމަކީ "މިއަދުގެ އުއްމީދު" ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް ސިފައިންނާއި ފުލުހުންގެ ތެރެއިން ބަޔަކާއި އަދި އާންމުންގެ ބަޔަކު ނުކުމެ އެ މަނިކުފާނުގެ އިސްތިއުފާ އަށް ގޮވައި ކުރިމަތިވި ފިއްތުންތަކާ ހެދި އިސްތިއުފާ ދެއްވި ދުވަހާ ގުޅުވައިގެން އެ ދުވަހު ކުރެއްވި ޓުވީޓެއްގައި އޭޖީ ރިފްއަތު ވިދާޅުވީ، އިންތިގާލީ އިންސާފުގެ ބިލުގެ ބޭނުމަކީ ތެދު ހާމަކޮށް، ތަކުރާރުކޮށް، ކުށްކުރުން ހުއްޓުވައި ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ބިނާކުރުން ކަަމަށެވެ.

އިންތިގާލީ އިންސާފުގެ ބިލަށް އާއްމުންގެ ހިޔާލު ހޯދަން ޕެނަލް ޑިސްކަޝަނެއް ބާއްވަން ނިންމާފައި މިވަނީ ލޯކަލް އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނާ ގުޅިގެން، ސިޔާސީ ވާދަވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.