މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނުނިމެނީސް ފްލެޓުތަކުގައި ދިރިއުޅެން ފެށޭނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި އިމާރާތްކުރާ 1،700 ހައުސިން ޔުނިޓުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވީ ކުރީގެ ސަރުކާރުން އަޅަން ފެށި އެއްވެސް ފްލެޓަކަށް، ދައުރު ނިމިގެން ދިޔައިރު މީހުންނަށް ވަދެވިފައިނުވާ ކަމަށެވެ. ވަރަށް އަވަހަށް 4،000 ހައުސިން ޔުނިޓުގެ ބިންގާ އަޅާނެ ކަމަށާއި އެ ތަންތަނަށް މި ދައުރު ހަމަވުމުގެ ކުރިން ވަދެވޭނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ފަސް އަހަރުގެ ތެރޭގައި މާލޭގެ ގިނަ އާއިލާތަކަކަށް، ގިނަ ރައްޔިތުންތަކަކަށް ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދޭނެ ކަމަށެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަޅަން ފެށި 6،860 ފްލެޓުތަކުގެ މަސައްކަތް އަދި ވެސް އަންނަނީ ކުރަމުންނެވެ. އެޗްޑީސީން ލަފާކޮށްފައިވާ ގޮތުގައި މީހުން ދިރިއުޅެވޭ ވަރަށް ފްލެޓްތައް ނިންމާލެވޭނީ މި އަހަރުގެ ފަހުކޮޅަށެވެ.
"އަޅުގަނޑަށް ހަމަ ޔަގީން މި ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރީގައި އަޅުގަނޑުމެން ހިންގާ، މި އަޅާ ގެދޮރަށް ރައްޔިތުން ދިރިއުޅެން ވަންނާނެކަން. ވޭތުވެދިޔަ ސަރުކާރުން އަޅަން ފެށި އެއްވެސް ތަނަކަށް، އެއްވެސް ގެއަކަށް ސަރުކާރުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ރައްޔިތުން ވަދެފައެއް ނުވޭ،" ވަޒީރުންނާއި މާލެ ސިޓީ ކައުންސިލްގެ މެމްބަރުންނާއި އަންނަ މަހު ބާއްވާ ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަދު ބިންގާ އެޅީ، ދިރިއުޅުމުގެ ހާލަތު ނިކަމެތިކޮށް ހުރި މީހުންނަށް ހާއްސަ ތަންތަނަށް ވިއަސް މުޅި މުޖުތަމައުގެ އެކި ފަންތީގެ ގިނަ މީހުންނަކީ ގެދޮރުގެ ބޭނުންޖެހިފައިވާ ބައެއްކަން ހަނދާން ނައްތާ ނުލާ ކަމަށެވެ.
ގެދޮރުގެ ދަތިކަން ދިމާވެފައިވަނީ ހަމައެކަނި އެންމެ ނިކަމެތިންނަށް ނޫން ކަމަށާއި އެ މައްސަލަ މެދު ފަންތީގެ އަދި ތަނަވަސް އާއިލާތަކަށް ވެސް ދިމާވެފައިވާ ކަން އަސްލަމް ފާހަގަކުރެއްވި އެވެ. ނަމަވެސް ތަނަވަސް އާއިލާތަކަށް، ގަންނަން ލިބޭގޮތަށް ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން ތަންތަން ހަދަމުން އަންނަކަމަށް ވިދާޅުވި އެވެ.
އެކަމުގެ ތެރެއިން މެދުފަންތީގެ އާއިލާތައް އެެއްވެސް ގޮތަކަށް ހަނދާން ނައްތާލެވެން ނެތްކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ މާލޭގެ އާބާދީ ބަހާލާފައިވާ ގޮތަށް ބަލާއިރު، ގެދޮރުގެ މައްސަލަތައް އެންމެ ގިނައީ މެދުފަންތީގެ އައިލާތަކުގެ މެދުގައި ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަޅުގނޑުމެން ދެން ފަށާ މަޝްރޫއު ވެގެންދާނީ މެދުފަންތީގެ އާއިލާތަކަށް އަމާޒުުކުރެވިގެންދާ މަޝްރޫއަކަށް. އަތްފޯރާ އަގުގައި އެ ފްލެޓުތަކުގެ އަގުތައް ހިފަހައްޓާނަން،" އަސްލަމް ވިދާޅުވި އެވެ.
އެންމެ ތަނަވަސް މީހުންނަށް އަމާޒުކޮށްގެން ހަދާ ފްލެޓުތަކުގެ އަގު ހުރީ، 3-5 މިލިއަން ރުފިޔާއާ ދެމެދުގެ އަގެއްގައި ކަމަށާއި އެއީ މަހެއްގެ މައްޗަށް ދޮޅުލައްކަ އާއި ދެ ލައްކަ ރުފިޔާގެ އާމްދަނީއެއް ލިބޭ އާއިލާތަކަށް ނޫނީ އެކަށީގެންވާނެ ތަންތަނެއް ނޫންކަމަށް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވިގޮތުގައި މާލޭގައި ގިނަ އާއިލާތަކަކީ އެ މިންވަރަށް އާމްދަނީ ލިބޭ ބައެއް ނޫނެވެ.
މާލޭގައި ދިރިއުޅޭ އާއިލާތަކުގެ ތެރެއިން 17،000 އާއިލާއަކަށް ލިބެނީ ޖުމްލަ 15،000-50،000ރ. އާ ދެމެދުގެ އާމްދަނީއެއްކަމަށާއި އޭގެ ތެރެއިން 8،000 އާއިލާއަކަށް 30،000-50،000ރ. އާ ދެމެދުގެ އާމްދަނީއެއް ކޮންމެ މަހަކު ލިބޭކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގެދޮރުގެ ހަރަދަށް، އާމްދަނީގެ 40 ޕަސެންޓަށްވުރެ ބޮޑު އަދަދެއް ހަރަދު ނުކުރެވޭނެ ކަމަށް ލޯނުދޭ ފަރާތްތަކުން ގަބޫލުކުރާ ކަމަށެވެ. އެހެންވެ 15،000ރ. ގެ އާމްދަނީއެއް ޖެހޭ އާއިލާއަކަށް އެންމެ ގިނަވެގެން ލިބޭނީ މަހަކު 6000ރ. ދައްކަންޖެހޭ ވަރުގެ ލޯނެއްބ ކަމަށާއި 50،000ރ. ލިބޭ އާއިލާއަކަށް 20،000ރ. ދައްކާވަރުގެ ލޯނެއް ލިބޭނެކަމަށް ވިދާޅުވި އެވެ.
އެ ސަބަބުތަކާ ހެދި އެ އާއިލާތަކަށް ގޮތެއް ހޯދައިދޭން ޖެހޭކަމަށް ވިދާޅުވި އެވެ. އެ މަސައްކަތް ކުރަނީ ދަނެތިބެ، މާލޭގެ ރައްޔިތުންގެ އާމްދަނީގެ ހާލަތު ވެސް އެނގިގެން ކަމަށް ވިދާޅުވި އެވެ.
ދެ އަހަރުގެ ތެރޭގައި ނިންމަން އަމާޒުކޮށް، 1،700 ހައުސިން ޔުނިޓު އިމާރާތްކުރަން ހަވާލުކުރީ ޗައިނާގެ ސައިނޯ ހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ. އެ މަސައްކަތަށް 133،237،000 ޑޮލަރު ހަރަދުވާއިރު، ފްލެޓުތައް އަޅަނީ 11 ޓަވަރުގެ މައްޗަށެވެ. އެތަންތަން ހަދަނީ 15 އަދި 16 ފްލޯއަށެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނާ ގުޅިގެން ހަދާ އެ ޓަވަރުތަކުގައި 900 އަކަ ފޫޓުގެ ތިން ކޮޓަރީގެ 1،020 އެޕާޓްމަންޓް ހިމެނޭއިރު ދެ ކޮޓަރީގެ 680 އެޕާޓްމަންޓުގައި 650 އަކަފޫޓު ހުންނާނެ އެވެ.
އެ ކޯޕަރޭޝަންގެ ކޯޕަރޭޓް ކޮނިއުނިކޭޝަން މެނޭޖަރު އައިޝަތު ނިހާ ވިދާޅުވީ އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދޭން އެކި ސްކީމްތައް ތައާރަފުކޮށް ހިންގަން ރާވާފައިވާ ކަމަށެވެ. މިއަދު ބިންގާ އެޅި ހައުސިން ޔުނިޓުތަކަކީ އޭގެ ފެށުމެއް ކަމަށް ނިހާ ވިދާޅުވި އެވެ.