11 މާޗް 2020 - 15:06
އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް ވޯޓް ލާން ރަޖިސްޓްރީ ކޮށްފައިވާ ގޮތުން 5،808 މީހެއްގެ ވޯޓް ސިއްރު ނުވާތީ އެ މީހުން ބޭނުންވާ ނަމަ ވޯޓްލާ ތަން ބަދަލުކުރުމުގެ ފުރުސަތު މިއަދު ދީފި އެވެ.
އަންނަ މަހުގެ ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅޭ ކަންކަމުގައި ލަފާ ދިނުމަށް އުފައްދާފައިވާ ގައުމީ ކޮމިޓީގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ވޯޓް ސިއްރު ނުވާ މީހުން އެހެން ތަނެއްގައި ރަޖިސްޓްރީކުރަން ބޭނުން ނަމަ މާދަމާގެ 3:00 އާ ހަމަ އަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ.
ވޯޓްގެ ސިއްރުކަން ގެއްލެނީ އެ މީހަކު ނިސްބަތްވާ ދާއިރާއަކުން އެ ފޮއްޓަކަށް އެމީހާ އެކަނި ވޯޓްލާ ނަމަ އެވެ.
ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ރަޖިސްޓަރީ އާންމުކޮށް އެ ކަމާ ގުޅޭގޮތުން ޝަކުވާއެއް އޮތް ނަމަ މާދަމާ 3:00 ގެ ކުރިން ހުށަހެޅުމަށްވެސް އީސީން ވަނީ މިއަދު ވަނީ އިއުލާން ކޮށްފަ އެވެ.
ޝަރީފް ވިދާޅުވީ ފައިނަލް ވޯޓާސް ލިސްޓް ހޮނިހިރު ދުވަހު އާއްމު ކުރާނެ ކަމަށެވެ. އެ ލިސްޓަށް ކޯޓު އަމުރެއްނެތި ބަދަލު ނުގެނެވޭނެ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ މިހާރު ވަމުން ދަނީ އިންތިޚާބުގެ އެންމެ ފަހުގެ ތައްޔާރީތައް ކަމަށެވެ. އެގޮތުން ވޯޓް ކަރުދާސް ޕްރިންޓް ކުރަން މިއަދު ހަވާލު ކުރާނެ ކަމަށާއި އަންނަ އާދިއްތަ ދުވަހު ޕްރިންޓިންގެ މަސައްކަތް ފެށޭނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. އެ މަސައްކަތް ހަވާލުކުރަނީ ކޮން ބަޔަކާ ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.
ޝަރީފް ވިދާޅުވީ އިންތިޚާބުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީން ކުރާ އޮފިޝަލުންގެ ތަމްރީންތައް މާދަމާ ނިމޭނެ ކަމަށެވެ. އަންނަ އާދިއްތަ ދުވަހު ހުރިހާ އަތޮޅުތަކެއްގައި އޮފިޝަލުން ތަމްރީން ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކ. މާފުށި ފިޔަވާ އަތޮޅުތެރޭ ހުރިހާ ރަށެއްގެ ވޯޓް ފޮށިތައް ކައިރީ ތިބޭނެ އޮފިޝަލުން ހަމަޖެހިފައިވާ ކަމަށެވެ. މާފުއްޓާއި މާލެއާ ކައިރިވުމުން މާލެއިން މީހުން ގެންގޮސްގެން އެރަށުގައި ވޯޓްގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
މާލޭގައި ބަހައްޓާ އަތޮޅުތެރޭ ރަށްތަކުގެ ފޮށިތައް ކައިރި ތިބެން އެކަށީގެންވާ ވަރަށް އޮފިޝަލުން ލިބިފައިނުވާތީ އޮފިޝަލުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy