12 މާޗް 2020 - 17:37
ކޮވިޑް-19 ބަލީގެ އަށް މީހަކު ފެނި، ސިއްހީ ނުރައްކަލުގެ ހާލަތު ރާއްޖޭގައި މިއަދު އިއުލާން ކުރުމާ އެކު، އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އެ މަހުގެ 18 އަށް ދެންމެ ފަސްކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިޚާބު ފަސް ކުރަން ނިންމެވީ ކޮވިޑް-19 އާ ގުޅިގެން މިހާރު ގައުމުގައި އޮތް ހާލަތު ބެލުމަށް ފަހު ކަމަށެވެ.
އެކަމަކު، އެ ކޮމިޝަންގެ ނިންމުން މިގޮތަށް އައުމުގެ ކުރިން ވެސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ސިޔާސީ ބައެއް އެހެން ބޭފުޅުން މާކުރިއްސުރެ ގެންދެވީ އިންތިޚާބު ފަސްކުރުމަށް ބާރު އަޅުއްވަމުންނެވެ. ނަމަވެސް، އެއިން އެއްވެސް ބޭފުޅެއްގެ އަޑު މިހާތަނަށް ނާހައި އިލެކްޝަންސް ކޮމިޝަނުން ގެންދިޔައީ އިންތިޚާބު ފަސްކުރުމަށް ތަފާތު އުޒުރު ދައްކަމުންނެވެ.
އެ ކޮމިޝަން އަމަލު މިހާތަނަށް އެގޮތް ހުރި އިރު، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ގެންދެވީ އިންތިޚާބު ފަސް ނުކުރުމަށް ގޮވާލައި ތަފާތު ހުއްޖަތްތައް ދައްކަވަމުންނެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް މީހުންގެ ފާޑުކިޔުން އަމާޒުވި އެއް ކަމަކީ، މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް އެތައް ގައުމަކަށް ފެތުރި، ރާއްޖެ އިން ވެސް އެ ބަލީގެ ބަޔަކު ފެނުމުން ވެސް އެއީ އިންތިޚާބު ނުބޭއްވޭ ވަރުގެ ނުރައްކާތެރި ކަމެއް ނޫން ކަމަށް ދެއްކުމަށް ނަޝީދާއި އެމްޑީޕީގެ ބައެއް މެމްބަރުން ދެއްކެވި ވާހަކަތަކަށެވެ.
މިއަދުގެ ނިއުސް ބްރީފިންގައި ޝަރީފް ވިދާޅުވި ގޮތުގައި، އިންތިޚާބު ބާއްވަން ކަނޑައެޅި އަންނަ މަހުގެ 18 އަކީ ގާނޫނުގެ ތެރެއިން އެކަން ކުރަން ލިބޭ އެންމެ ފަހު ދުވަހެވެ. އެ ތާރީޚުގެ ފަހުން އިންތިޚާބު ބާއްވާ ނަމަ އެކަން ކުރެވޭނީ ހައި ކޯޓުން ނެރޭ އަމުރަކުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ސިއްހީ ނުރައްކަލުގެ މުއްދަތު މިހާރު އިއުލާން ކޮށްފައިވާ މުއްދަތަށް ވުރެ އިތުރުކޮށްފި ނަމަ ކޮމިޝަނުން އެ ކަމަށް ހައްލު ހޯދަން ކޯޓަށް ދާނަން،" ކޮމިޝަންގެ ފަސް މެމްބަރުން ބައިވެރިވެވަޑައިގެންނެވި ނިއުސް ބްރީފިންގައި ޝަރީފް ވިދާޅުވި އެވެ.
ސިއްހީ ނުރައްކަލުގެ ހާލަތު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިއުލާން ކުރެއްވީ މިއަދުން ފެށިގެން 30 ދުވަހަށެވެ.
އިންތިޚާބު ބާއްވާ ތާރީޚު ފަސް ކުރުމާއެކު، އެ މުއްދަތުގެ ތެރޭގައި އުމުރުން 18 އަހަރު ފުރޭ ކުދިންނާއި ވޯޓުލާ ތަން ބަދަލު ކުރަން އެދޭ މީހުންނަށް އެ ފުރުސަތު އަލުން ހުޅުވައިލާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
އިންތިޚާބު ފަސް ކުރަން ޖެހޭނަމަ އިތުރަށް 30 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އިއްޔެ ޝަރީފް ވަނީ ވިދާޅުވި އެވެ.
އެކަމަކު، އެކަމާ ގުޅޭ ގޮތުން "މިހާރު" ން މިއަދު ސުވާލު ކުރުމުން ޝަރީފް ވިދާޅުވީ، އެ ޚަރަދު ކުރަން ޖެހޭނީ އަލުން އިންތިޚާބެއް ބާއްވަން ޖެހޭ ނަމަ ކަމަށެވެ. މިހާރު ކުރި ގޮތަށް އިންތިޚާބު ފަސްކޮށްގެން ބޮޑު ޚަރަދެއް ކުރަން ނުޖެހޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ، އިންތިޚާބު ފަސްކުރިއިރު، ނުނިމި ހުރި ހަމައެކަނި ކަމަކީ ވޯޓު ކަރުދާސް ޗާޕްކުރުމާއި ވޯޓުލާ މަރުކަޒުތަކަށް ފޮނުވަންޖެހޭ ތަކެތި ޑިސްޕެޗް ކުރުމެވެ.
ކޮވިޑް-19 އަށް 8 މީހަކު ރާއްޖޭން ޕޮޒިޓިވް ވެފައިވާއިރު ސިއްހީ ތަޖުރިބާކާރުންނާއި ބައެއް އާއްމުންވެސް އަންނަނީ އިންތިޚާބު ފަސް ކުރުމަށް ގޮވާލަމުންނެވެ. އަދި އިންތިޚާބު ބޭއްވިޔަސް ވޯޓް ލާން ނުދާނެ ކަމަށްވެސް ބައެއް މީހުން އަންނަނީ ބުނަމުންނެވެ.
އިންތިޚާބު ފަސް ކުރުމަކީ ރާއްޖެއަށް އާ ކަމެއް ނޫނެވެ. އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުވެސް ވަނީ ގާނޫނު ބުނާ މުއްދަތައްވުރެ ފަސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންނަ ކަނޑިިކި
26 January 2021
އަންނަ މަހަކީ ފެބުރުވަރީ
ކުޑޭ
12 March 2020
އިންތިހާބު ފަސްކުރަން ތާއިދެއް ނުކުރަން، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުން ހުއްޓާލާ! ބިރުވެރިކަން އުފެއްދުމުގައި ޑޮކްޓަރުންނޢި މީޑިއާގ ދައުރު ބޮޑު
ފޫހި
12 March 2020
ތިޔަ އިންތިހާބު ދެއަހަރަށް ފަސްކޮށްބަލަ. އެއީ ކީއްކުރާބައެއްތަ. ދައުލަތުގެ ހަރަދުކުޑަވާނެ.
ބޮޑުމީހާ
12 March 2020
ތީ އިންތިހާބު ލަސްކުރީތަ ނޫނީ ކެމްޕެއިނަށް އިތުރު ވަގުތު ދިނީތި.
އީޡީ
12 March 2020
އީސީ ޝަރީފު ބޭނުންވެލެއްވީމަ ދެއިރު ފެންވަރަންވެސް ސެނެޓައިޒާ ލިބިލައްވާ! ޢެކަމު ނިކަމެތި އަޅުގަނޑު މިއުޅެނީ މުޅި ގައުމު ފުނާއަޅާއިގެންވެސް 30 އެމްއެލްވެސް ނުލިބިގެން!
ސޫލާސިރާޒު
12 March 2020
ޢެއްދުވަސް ލަސްކުރިޔަސް ބަހުގެ ގޮތުން ކިޔާނީ ލަސްކުރު މޭ އެކަ މަކު 4 އިން 18 އަށް ލަސްކުރުން އެއީ ލަސްކުރު މަކަށް ނުވާނެ
ކޮރަލް
12 March 2020
މިފަދަ ނާޒުކު ވަގުތެއް ގަ 14 ދުވަސް ލަސް ކުރުން ތިޔައީ މަލާމާތެކެވެ. އިންތިހާބު ބޭއްވިއަސް ވ ބޮޑު ހޭދައެއް މުސާރަ އަށް ދާނެ އެވެ. މިވަގުތު ކެންސަލް ކުރަން ވީއެވެ.
ނަޑާލް
12 March 2020
މީ އަޅެ ކުރާ ޖެއްސުމެއްތަ؟ ޕީޕީއެމް އަށް ޓަކާވެސް ދެމަސް ދިން.. ބޮޑު ރޯގާ އަކަށް މިވަރު މަދު.. މަށެއް ނޫޅެން އަމުދުން ތި ލާކަށެއް
ރެޓޭ
12 March 2020
އީސީ ޝަރީފުގެ ޖީބުން 30 މިިލިިޔަންް ތި ގެއްްލުނީ! ތިިޔަ ތާރީޚަކީވެސްް އިންްތިޚާބު ބޭއްްވޭނެ ތާރީޚެއްް ނޫންް. ދުނިޔޭގައިި މިިހާރު ތި ބަލި ފެތުރެ މުންް އަންްނަގޮތަށް ބަލާއިިރު.
ލަބީބު
12 March 2020
ލަސްކުރާ ވަރަކަށް މިކަން ދާނީ ގޯހުން ގޯހަށް. ކޮރޯނާވައިރަސްގެ ކަންތައް އިތުރަށް ގޯސްވެފައި ނޫނީ އެއްވެސް ގައުމެއްގައި ރަގަޅު ވެފައެއް ނެތް. ތިއީ މޮޔަ ކަމެއް. އިންތިޚާބުވީ އަވަސްކުރަން.