އއ. މަތިވެރި މޮނިޓަރިން ހާލަތަށް ގެނައީ އެ ރަށުން ދެ ބިދޭސީއެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނުމުން. --ފައިލް ފޮޓޯ
16 މާޗް 2020 - 21:53
ކޮރޯނާވައިރަހުން ޖައްސާ ކޮވިޑް-19 އަށް ޝައްކު ކުރެވޭ ދެ މީހަކު ފެނިގެން ގިލި ލަންކަންފުއްޓާއި އއ. މަތިވެރި މޮނިޓާރިން ހާލަތަށް މިއަދު މެންދުރު ފަހު ގެނެސްފި އެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ގިލި ލަންކަންފުށި މޮނިޓަރިން ހާލަތަށްލީ އެ ރަށުގެ މުވައްޒަފަކު މެލޭޝިއާ އަށް ގޮސް އައި ފަހުން ބަލީގެ އަލާމާތްތަކެއް ފެންނަން ފެށުމުން ކޮންޓެކްޓް ޓްރޭސިން އާއި ބަލަން ޖެހޭ އެހެން ކަންތައްތައް ބެލުމަށް ކަމަށެވެ. މަތިވެރި މޮނިޓަރިން ހާލަތަށް ގެންދިޔައީ އެ ރަށުން ދެ ބިދޭސީއެއްގެ ފަރާތުން ބަލީގެ އަލާމާތްތަކެއް ފެނިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
މަތިވެރިން ޝައްކު ކުރެވުނީ ޓޫރިސްޓް ކުޑަ ދެ ކުދިން ކަމަށް "މިހާރަ"ށް ވަނީ އެނގިފަ އެވެ. ބަލީގެ އަލާމާތްތައް ފެނުނީ މީގެ 12 ދުވަސް ކުރިން އެ ރަށު ގެސްޓް ހައުސްއަކަށް ދިޔަ ދެ ކުޑަކުދިންގެ ފަރާތުންނެވެ. އެ ކުދިން މިހާރު ތިބީ، ގެސްޓްހައުސްގައި އެކަހެރިކޮށްފަ އެވެ.
މަތިވެރި އަށް ޓޫރިސްޓުން ދަނީ، އެ އަތޮޅުގެ ހަތަރު ރަށަކަށް މީހުން އުފުލާ ލޯންޗެއްގަ އެވެ.
ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 ޖެހިފައި ވަނީ 13 މީހަކަށެވެ. އޭގެ ތެރެއިން ނުވަ މީހުންނަކީ އިޓަލީގެ ޓޫރިސްޓުންނެވެ. ބާކީ ހަތަރު މީހުން ނިސްބަތް ވަނީ އިނގިރޭސި ވިލާތް، ތުރުކީ، ސައުތު އެފްރިކާ އަދި ޖަރުމަނަށެވެ. މިހާތަނަށް އެއްވެސް ދިވެއްސެއްގެ ގައިން ކޮވިޑް ބަލި ނުފެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy