އިނގިރޭސި ވިލާތުގައި ކޮވިޑް-19 ރޯގާ ޖެހޭ މީހުން ގިނަވެ އެ ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވާން ފެށުމާ އެކު ސްކޫލްތައް ބަންދުކުރަން ނިންމައިފި އެވެ.
މި ނިންމުމާ އެކު މެއި އަދި ޖޫން މަހުގެ އެއްވެސް އިމްތިހާނެއް ނޯންނާނެ އެވެ. އޭގެ ތެރޭގައި ޖީސީއެސްއީ އޭލެވެލް އާއި. އޯ ލެވެލް ވެސް ހިމެނެ އެވެ.
"މެއި އަދި ޖޫންގައި އިމްތިހާނުތަކެއް ނޯންނާނެ،" ސްކޫލްތައް ބަންދުކުރިކަން އިއުލާނުކުރައްވަމުން ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިމްތިހާނު ނުދިން ނަމަވެސް ދަރިވަރުންގެ ކެރިއަރަށް ބޭނުންވާ ކޮލިފިކޭޝަން ލިބޭނެކަން ސަރުކާރުން ކަށަވަރުކުރާނެ ކަމަށެވެ.
އިމްތިހާނަށް ތައްޔާރުވާން އުމުރުން 16-18 އަހަރާ ދެމެދުގެ ދަރިވަރުން ދެ އަހަރު މަސައްކަތްކޮށްފައި ވަނިކޮށް އިމްތިހާނު ނުބާއްވަން ނިންމުމުން ވާނެ ގެއްލުމާއި މި ނިންމުމާ ބެހޭ ތަފްސީލަށް ނޫސްވެރިން އެދެން ފެށުމުން ބޮޑުވަޒީރު ވިދާޅުވީ މި ނިންމުމާ މެދު ހިތްހަމަނުޖެހުންތައް ހުންނާނެ ވަރު އެނގިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެން ޔަގީންކުރާނަން އަޅުގަނޑުމެންގެ ނިންމުމެއްގެ ސަބަބުން އެ ދަރިވަރުންނަށް ހުރަހެއް ކުރިމަތިނުވާނެކަން،" ބޮޑުވަޒީރު ވިދާޅުވި އެވެ.
ސްކޫލްތައް ބަންދުކުރީ ރޯގާގެ ހާލަތު ރަނގަޅުވުމުން ނޫނީ ނުހުޅުވާ ގޮތަށް، ވަކި މުއްދަތެއް ނެތް ގޮތަށެވެ. މި ނިންމުމާ އެކު، އިންގްލެންޑާއި ވޭލްސް އަދި ސްކޮޓްލެންޑުގެ ސްކޫލްތައް ހުކުރު ދުވަހުން ފެށިގެން ބަންދުވާނެ އެވެ. އަދި ނޮދަން އަޔަލެންޑުގެ ސްކޫލްތައް ހޯމަ ދުވަހުން ފެށިގެން ބަންދުވާނެ އެވެ.
ސްކޫލްތައް ބަންދުކޮށް އިމްތިހާނުތައް ނުބާއްވަން ނިންމީ ގައުމުގެ ހާލަތު އޮތް ގޮތުން އެގޮތަށް ހެދުމަށް އެތައް ބަޔަކު ގޮވާލަމުން އަންނަނިކޮށެވެ.
މުޅި ދުނިޔެ އަށް ފެތުރިފައިވާ ކޮވިޑް-19 ރޯގާ ޔޫކޭގެ 2،600 އަށް ވުރެ ގިނަ މީހުންނަށް ޖެހި 104 މީހަކު ވަނީ މަރުވެފަ އެވެ.