ޕާކިސްތާންގައި މެޑިސިން ކިޔަވާ ހަ ދަރިވަރަކު ރާއްޖެ ގެންނަނީ

ޕާކިސްތާނުގައި މެޑިސިން ކިޔަވާ ދިވެހި ހަ ދަރިވަރަކު ރާއްޖެ ގެންނަން ނިންމައިފި އެވެ.


ފޮރިން މިނިސްޓްރީން ބުނީ ހަ ދަރިވަރަކު ރޭ އެ ޕާކިސްތާނުން ފުރުވާލާފައިވާ ކަމަށެވެ. މިނިސްޓްރީން ބުނީ އެ އެންމެން ދޯހާ މަގުން މިރޭ ރާއްޖެ އަންނާނެ ކަމަށެވެ.

އެ ދިވެހިންނަކީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެ އަށް އެހީތެރިކަން ދިނުމަށް ވޮލެންޓިއަ ކުރި ބައެކެވެ. ސަރުކާރުން މީގެ ކުރިން ވަނީ ޓާސްކް ފޯހަށް އެހީތެރިކަން ދިނުމަށް، ނޭޕާލުގައި ޑޮކްޓަރުކަން ކިޔަވާ 33 ދަރިވަރަކު ވެސް ރާއްޖެ ގެނެސްފަ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކެއްގައި މިހާރު ފެތުރެމުންދާ ކޮވިޑް-19ގެ ބިރުވެރިކަން ޕާކިސްތާނުގައި ވެސް މިހާރު ވަނީ ބޮޑުވެފަ އެވެ. އެ ގައުމުން 800 އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ހަ ވަނަ މީހާ ވަނީ މިއަދު މަރުވެފަ އެވެ. ބަލި ކޮންޓްރޯލް ކުރުމަށް، ޕާކިސްތާނުގެ ޕަންޖާބު ވަނީ މިހާރު ލޮކްޑައުން ކޮށްފަ އެވެ.

ރާއްޖެއިން 13 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން ފަސް މީހަކު ވަނީ ރަނގަޅުވެފަ އެވެ. މިހާރު ފަރުވާ ދެމުން އަންނަ އަށް މީހުންގެ ހާލު ވެސް ރަނގަޅެވެ.