26 މާޗް 2020 - 17:50
ކޮވިޑް-19އާ ގުޅުވައިގެން ވަޒީފާ އިން ވަކިކުރުމާއި މުސާރަ ކުޑަކުރުން ފަދަ މައްސަލަތަކުގެ 104 ޝަކުވާއެއް މިހާތަނަށް ޖޮބް ސެންޓަރަށް ލިބިފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ކޮވިޑް-19އާ ބެހޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ނޯޕޭ ލީވް ނަގަން ޖެހުމާއި، މުސާރަ ބަދަލުކުރުމާއި، އެލަވަންސްތައް ކަނޑާލުމާއި، ބައި މުސާރަ ދިނުމުގެ އިތުރަށް، ވަކި މުއްދަތަކަށް ވަޒީފާ އިން ސަސްޕެންޑް ކުރުމުގެ މައްސަލަތަކެއް ވެސް ލިބިފައިވާކަމަށް މަބްރޫކް ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ އެފަދަ ކަންކަން ކުރާ ފަރާތްތަކަށް ސަރުކާރުގެ ސްޓިމިއުލަސް ފަދަ ފެސިލިޓީތަކުގައި އިސްކަން ނުދޭނެ ކަމަށެވެ. އަދި ވަކިވަކި ކޭސްތަކަށް ބަލައި ޝަކުވާތަކާ ގުޅިގެން ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ވެސް މަބްރޫކް ދެއްވި އެވެ.
ނަމަވެސް މި ދަނޑިވަޅުގައި ބައެއް ރިސޯޓުތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.
ކޮވިޑް-19އާ ގުޅިގެން އައިސްފައިވާ އިގްތިސާދީ ލޮޅުމުގައި ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖެއް ތައާރަފްކޮށްފަ އެވެ. މީގެ ދަށުން، ދަތިވެފައިވާ ކުންފުނިތަކަށް ލޯން ނެގުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މި ޕެކޭޖަކީ މުވައްޒަފުންގެ ވަޒީފާ ނުގެއްލޭނެކަން ކަށަވަރުކުރުމުގެ ގޮތުން ސަރުކާރުން އަޅާފައިވާ ފިޔަވަޅެކެވެ.
ކޮވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލުމާ މުސާރަ ކުޑަކުރުމުގެ ވާހަކަތައް ދެކެވެމުންދާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެކަން އެހެން ވިޔަ ނުދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އަދި އެފަދަ ކަންކަން ހިނގާ ނަމަ ރިޕޯޓު ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އެދިފައެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy