ކޮވިޑް-19: އެޗްޑީއެފްސީގެ ހައުސިން ސްކީމްތަކަށް ފައިސާ ދެއްކުން ވެސް ހަ މަހަށް ފަސްކޮށްފި

ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ހައުސިން ސްކީމްތަކަށް ފައިސާ ދެއްކުން ވެސް ހަ މަހަށް ފަސްކޮށްފި އެވެ.


އެ ކުންފުނިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނި ގޮތުގައި ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ލޯނުތަކަށް ފައިސާ ދެއްކުމަށް ލުޔެއް ދިނީ، މިހާރު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން، ދިރިއުޅުމުގެ އާއްމު ހާލަތަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ރާވާފައިވާ އިކޮނޮމީ ރިކަވަރީ ޕްލޭންގެ ދަށުންނެވެ.

ފައިސާ ދެއްކުން ފަސް ކުރި ނަމަވެސް، ޝެޑިއުލާ އެއްގޮތަށް ފައިސާ ދައްކަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުންޏާ ގުޅުމަށް އެޗްޑީއެފްސީން ވަނީ އެދިފަ އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ވެސް ވަނީ ސަރުކާރުގެ އިކޮނޮމިކް ޕެކޭޖުގެ ތެރެއިން ޕާސަނަލް، ހައުސިން އަދި ވިޔަފާރި ލޯނުތައް ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދީފަ އެވެ.

ބީއެމްއެލުން ލޯނުތައް ފަސްކޮށްދިނީ އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. ލޯނު ފަސްކޮށްދިނުމަށް އޮތް ހަމައެކަނި ޝަރުތަކީ ލޯނަށް ދައްކަން ޖެހި އެކަމަކު ނުދައްކާ އެއްވެސް ފައިސާއެއް ނެތުމެވެ. އޭގެ މާނަ އަކީ ލޯނު ފަސްކުރުމުގެ ފުރުސަތަށް އެދުމުގެ ކުރިން އެއްވެސް ޕޭމަންޓެއް ނުދައްކާ އޮތް ނަމަ، އެބައި ހަލާސްކުރުމެވެ.

މިހާރު ކުރިމަތިވެފައިވާ ދަތިކަމުގައި ސަރުކާރުން ވަނީ ފެން ބިލާއި ކަރަންޓު ބިލުން ވެސް ބައެއް އުނިކޮށްދޭން ނިންމައިފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް، ވިޔަފާރިތަކާއި ވަޒީފާތައް ހިމާޔަތްކޮށް ދެމެހެއްޓުމަށް ޕެކޭޖްތައް އިއުލާނުކުރަމުންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.