މާލެ، ވިލިމާލެ، ހުޅުމާލެ އަދި ރާއްޖޭގެ ހުރިހާ ރިސޯޓެއްގައި ޖަމާއަތުގައި ނަމާދު ކުރުމާއި ހުކުރު ނަމާދު ކުރުން މެދުކަނޑާލާފައިވާ މުއްދަތު އެޕްރީލް 4 ގެ އަސަރު ނަމާދާ ހަމައަށް ދިގުކުރަން އިސްލާމިކް މިނިސްޓްރީން މިއަދު ނިންމައިފި އެވެ.
އޭގެ އިތުރުން އެ މިނިސްޓްރީން ނިންމާފައި ވަނީ އެހެން ރަށަކަށް ވެސް އަރައިފޭބުން މަނާކޮށްފި ނަމަ (ލޮކްޑައުން) އެރަށެއްގައި ވެސް ޖަމާއަތުގައި ނަމާދާއި ހުކުރު ނުކުރެވޭނެ ކަމަށެވެ.
މިމަހުގެ 18 ވަނަ ދުވަހު މާލެ ސަރަހައްދާއި ރިސޯޓްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލީ ކޮވިޑް-19 އަށް ރައްކާތެރިވުމުގެ ގޮތުން މިއަދުގެ އަސަރު ނަމާދާ ހަމައަށެވެ.
ނަމަވެސް އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ނިންމުން "4 އެޕްރީލް 2020 ވާ ހޮނިހިރުދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައި ވާތީ އެގޮތަސް އަމަލްކުރެއްވުމަށް ދަންނަވާ" ކަމަށެވެ.
އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މުއްދަތު ހާމަކޮށް މިއަދު ނޫސް ބަޔާނެއް ނެރޭނެ ކަމަށެވެ.
ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލި ނަމަވެސް މާލޭގެ ހުރިހާ މިސްކިތެއްގައި ވެސް ފަސް ވަގުތު ބަންގި ގޮވަ އެވެ. އަދި ވަކިވަކިން ނަމާދު ކުރުމަށް މިސްކިތްތައް ވަނީ ހުޅުވާފަ އެވެ. މިހާރު ގޮވާ ބަންގީގައި އަންގަނީ ގޭގައި ތިބެ ނަމާދު ކުރުމަށެވެ.
ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލިކަން އިއުލާން ކުރުމަށް 18 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެފައި ވަނީ އެގޮތަށް ނިންމީ ކޮވިޑް-19 އަކީ ގައިންގަޔަށް އަރާ ބައްޔަކަށް ވާތީ، މީހުން އެއްތަނަކަށް ޖަމާވުމުގެ ސަބަބުން ބަލި ފެތުރުމުގެ ފުރުސަތު އޮތުމުން ކަމަށެވެ. ނަމަވެސް ގޭގައި ނަމާދުކޮށް މި ބަލިމަޑުކަމުން ސަލާމަތްވޭތޯ ގިނަގިނައިން ދުއާކުރުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.
އިސްލާމީ އެހެން ބައެއް ގައުމުތަކުގައި ވެސް އަންނަނީ އެފަދަ ފިޔަވަޅުތައް އަޅަމުންނެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ވެސް ރައްޔިތުންގެ ކިބައިން އެދުނީ ކަމާ ބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލްތައް ބެހެއްޓުމަށެވެ. އަދި ﷲގެ ރަހުމަތުން މާޔޫސްނުވެ، ﷲއަށް ވަކީލްކޮށް އުޅެން ވެސް ނަސޭހަތްތެރިވި އެވެ.