އައިޖީއެމްއެޗްގެ ފަރާތުން ރާއްޖޭގައި މިހާތަނަށް އިމާރާތްކުރެވޭ އެންމެ އުސް އިމާރާތްކަމަށްވާ ދަރުމަވަންތަ ހޮސްޕިޓަލުގެ 25 ވަނަ ބުރީގެ މަތިން ފެންނަ ހިތްގައިމު މަންޒަރުތަކުގެ ތެރެއިން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
30 މާޗް 2020 - 13:00
ކޮވިޑް-19ގެ ސަބަބުން އުފެދިފައިވާ ހާސްކަމުގެ ތެރޭގައި ފޮޓޯގްރާފަރު ނިޝާން އަލީ (ހަސޯ) އަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އޭނާ އަށް އެޕާޓްމެންޓްގެ ވެރިފަރާތުން ފޮނުވި މެސެޖެވެ. މީގެ ހަތަރު ދުވަސް ކުރިން ލިބުނު އެ މެސެޖްގައި އޮތީ އޭނާ ކޮންމެ މަހަކު ދައްކާ ކުލި 21،000ރ. އިން 11،000ރ. އަށް ކުޑަކުރި ވާހަކަ އެވެ. އެހެންވެ ދެން އޭނާ ކުރިއަށް އޮތް ހަ މަސް ވަންދެން ކުލި ދައްކަން ޖެހޭނީ މިހާރު ދައްކަމުން އަންނަ ވަރަށް ވުރެ ދެބައިކުޅަ އެއްބަޔަށް ވުރެ ކުޑަކޮށެވެ.
"އަސްލު ވަރަށް ބޮޑު ލުޔެއް މިއީ. މިކަހަލަ ދަނޑިވަޅެއްގައި އެ ލިބުނީ ވަރަށް ބޮޑު އެހީތެރި ކަމެއް،" މައްޗަންގޯޅީގައި ހުންނަ 10 ބުރީގެ ގެއެއްގެ ތިން ކޮޓަރީގެ އެޕާޓްމެންޓެއްގައި ކުއްޔަށް އުޅޭ ނިޝާން ބުންޏެވެ.
ކުލި ކުޑަކޮށް ނިޝާންއަށް ގޭގެ ވެރި މީހާ ފޮނުވި މެސެޖް---
ނިޝާން އެކަންޏެއް ނޫނެވެ. ކުއްޔަށް އުޅޭ ވަރަށް ގިނަ މީހުންނަށް އެ އުފާވެރިކަން މި ވަނީ ލިބިފަ އެވެ. ބައެއް މީހުން އެ މީހުންގެ ހިފެހެއްޓުމެއް ނެތް އިހުސާސްތައް ސޯޝަލް މީޑިއާގައި ވަނީ ޝުކުރާ އެކު ބަންޑުންކޮށްލައިފަ އެވެ. ބައެއް މީހުން ބުނެފައިވާ ގޮތުގައި ކުލިން ކޮންމެ މަހަކަށް 2،000ރ. ކަނޑާލަދިނެވެ. އަދި އެހެން ބައެއް މީހުންނަށް 4،000ރ. އަދި އެހެން ބައެއް މީހުން ބުނާ ގޮތުގައި ކުލިން 20 ޕަސެންޓް ކަނޑައިދޭން ގޭގެ ވެރިފަރާތުން ވަނީ އެއްބަސްވެފަ އެވެ.
"ރޭ ގޭގެ ވެރިމީހާ ގުޅާފައި ބުނީ ކުލި ޖަމާ ކުރާއިރު 4،000ރ. އުނިކޮށްފައި ފޮނުވާށޭ. [އޭނާ ބުނީ] މިދަނޑިވަޅު އެހީއެއް ވެދޭށޭ މިހެން މިހެދީ،" ހުޅުމާލޭ ގެއެއްގައި 16،000ރ. އަށް ކުއްޔަށް އުޅޭ މީހަކު ނަން ނުޖަހަން ޝަރުތުކޮށް ބުންޏެވެ.
ބޭންކުލޯނުތައް ދެއްކުމަށް ލިބޭނެކަމަށް ބުނާ ލުއި، އެއްވެސް އިސްތިސްނާއެއް ނެތި އެ ބޭންކުން ލޯނު ނަގާފައިވާ އެންމެންނަށް މިދަނޑިވަޅުގައި ލިބެންޖެހޭނެ ކަމަށް ދެކެން. އަދި ކުއްޔަށް އުޅޭ މީހުންނަށް އެމީހުންގެ ކުލިވެސް ބޮޑުތަނުން ލުއިވާންޖެހޭ.
— Ali Hussain (@AleeVoice) March 27, 2020
ގޭގެ ކުއްޔާ ބެހޭ ގޮތުން މެމްބަރު އަލީ ހުސެއިން ކުރެއްވި ޓްވީޓް
މި ބަދަލު މި ގެންނަނީ ކުލި ކުޑަކޮށްދޭން ވަރަށް ގިނަ ބަޔަކު އެދެމުން ވެސް ދަނިކޮށެވެ. ބައެއް ގޭގޭގެ ވެރިފަރާތުންް ވެސް ގަބޫލު ކުރާ ގޮތުގައި ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ ހާލަތަކީ އެންމެންނަށް ވެސް ކުރިމަތިވެފައިވާ ވަރަށް ބޮޑު މާލީ ދަތި ހާލަތެކެވެ. އަދި އެކި އޮފީސްތަކުން މުސާރަތައް ކުޑަކުރަމުން ދާނެ ކަމާއި ލިބޭ މުސާރައިގެ ބޮޑު ބައެއް ކުއްޔަށް ހޭދަކުރާކަން އެންމެން ވެސް ގަބޫލު ކުރާ ހަގީގަތެކެވެ.
ކުލި ކުޑަ ކޮށްދީފައިވާ ބައެއް ގޭގެ ވެރިން ބުނާގޮތުގައި މިކަހަލަ ދަނޑިވަޅެއްގައި މިއީ ފައިދާ ހޯދަންވީ ވަގުތެއް ނޫނެވެ. މިއީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ވަގުތު ކަމަށް އެ މީހުން ގަބޫލު ކުރެ އެވެ. އެނގިފައިވާ ގޮތުން ބައެއް ގޭގެ ވެރިން ވަނީ އަންނަ މަހުގެ ކުލި އެއްކޮށް ވެސް މާފުކޮށްދީފަ އެވެ. އެހެން ބައެއް މީސްމީހުން އެ މީހުންނަށް ހެދެން އޮތް އެންމެ ރަނގަޅު ގޮތެއް އަންނަނީ ހަދައިދެމުންނެވެ.
މިހާރުވެސް ގުޅަން ފައްޓައިފި ކުލި ބޭނުންވަނީ އެއްކޮށްކިޔާފަ.😏 https://t.co/NfmkqBWMxv
— Ahumadhu (@Dhonkolhu) March 24, 2020
ގާކޮށީ ފްލެޓެއްގެ ވެރިއަކު ނަން ނުޖަހަން ޝަރުތުކޮށް ބުނިގޮތުގައި އޭނާ 26،000ރ. އަށް ކުއްޔަށް ދީފައިވާ ތިން ކޮޓަރީގެ އެ ޕާޓްމަންޓުން ކުރިއަށް އޮތް ދެ މަހު، މަހަކު 11،000ރ. އުނިކޮށްދީފައިވާ ކަމަށެވެ. މިހާރު ކުލީގެ ގޮތުގައި ނަގާ 15،000ރ. އަކީ ބެންކަށް ލޯންގެ ގޮތުގައި ދައްކަން ޖެހޭ ވަރު އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުއްޔަށް ހިފައިގެން އުޅެނީ ވިޔަފާރި ކުރާ މީހެއް. މިހާރު ވިޔަފާރި ވެސް ވަރަށް ދަށްވާނެތާ. ދެން ކިހާ ދަތިވާނެ ތިން ކުދިންނާއި އަންބަކާ ގޮވައިގެން އުޅެން. އެހެންވެ އެހީއެއްވާން ނިންމީ،" އޭނާ ބުންޏެވެ.
އޭނާ ބުނިގޮތުގައި އެ އެޕާޓްމެންޓް ކުއްޔަށް ހިފައިގެން އެ މީހާ އެތާނގައި އުޅޭތާ ދެ އަހަރު ވީއިރު އޭނާގެ ފަރާތުން އެއްވެސް މައްސަލައެއް ކުރިމަތިވެފައެއް ނުވެ އެވެ. އެހެންވެ، އޭނާ އަށް ބޭނުމެއް ޖެހިފައިވާ ދަނޑިވަޅެއްގައި އެހީތެރިވުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ގަބޫލު ކުރެ އެވެ.
މާލޭގެ އިމާރާތްތަކެއް: ގިނަ ގެތަކަކުން ވަނީ ކުލި ކުޑަކޮށްދީފައި-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
އޭގެ އަނެއްކޮޅު ވެސް އެބައޮތެވެ؛ ކުލި ކުޑަކުރާ ވާހަކަތަކާ އެކު ބައެއް މީހުންނަށް އެ ލުއި ލިބޭތޯ ވެސް އެބަ އިންތިޒާރު ކުރެ އެވެ. ގޭގެ ވެރިފަރާތުގެ އިޝާރާތަކަށް އުންމީދު ކޮށްލަކޮށްލަ އެބަތިއްބެވެ.
"1،000ރ. ނަމަވެސް ކުޑަކޮށްދޭނަމައޭ ހިތަށް އަރާ. ގޭވެރި މީހާޔާ ދިމާވިޔަސް އެކަހަލަ ވާހަކައެއް ވެސް ނުދައްކާ،" 10،000ރ. އަށް ކުއްޔަށް އުޅޭ އަންހެނަކު ބުންޏެވެ.
"އެންމެ ފަހުން މެސެޖް ކުރިން މުސާރަ ވެސް ކުޑަކުރަނިއްޔޭ. ލުޔެއް ނެތްހޭ ވެސް ކިޔާފައި. ސީން އަރާފައި އެބަ އިން. އެކަމަކު ރިޕްލައިއެއް ނާދޭ."
މި ހާލަތާ ގުޅިގެން ގޭގޭ ކުލި ކުޑަކޮށްދިނުމަށް ގިނަ ބަޔަކު އެދުމުން ގޭގޭ ވެރިން ބުނަމުން އަންނަނީ އެ ގޭގޭ ހަދާފައިވަނީ ބެންކްތަކުން ބޮޑެތި ލޯނުތައް ނަގައިގެން ކަމަށްވާއިރު އެއަށް ލުޔެއް ނުލިބެނީސް ކުލި ކުޑަކުރެވެން ނެތް ކަމަށެވެ.
ބާކީ ދެ ދުވަސް. މަސް ނިމެންވާއިރަށް ސަރުކާރުން އެބަޖެހޭ ކުލި ދެއްކޭނެ ގޮތެއް ނެތް އާއިލާތަކަށް ކޮށްމެވެސް ގޮތެއް ހަމަޖައްސާ ދެއްވަން. ސަރުކާރުން އެކަން ކުރީމަ ކުރެވޭނެ. ރައްޔިތުން ތިބީ ސަރުކާރުން މިކަމަށް ގޮތެއް ރާވާ ދެއްވާނެ ކަމުގެ އުންމީދުގަ @ibusolih @presidencymv
— Ilham Ahmed (@ilhammaldives) March 29, 2020
ގޭގޭ ކުލި ކުޑަ ކޮށްދޭން ފަށާފައި މިވަނީ ބެންކްތަކުން ނަގާފައިވާ ލޯނުތައް ދެއްކުން ހަ މަސް ދުވަހަށް ފަސް ކޮށްދީފައިވަނިކޮށެވެ. ކޮވިޑް-19 އާ ގުޅިގެން އިގްތިސާދު ދަށްވަމުންދާތީ ސަރުކާރުން ބޭންކްތަކާ އެކު މަޝްވަރާ ކުރުމަށް ފަހު ބައެއް ބޭންކްތަކުން މިހާރު ވަނީ އެކި ފަރާތްތަކަށް ދޫކޮޮށްފައި ހުރި ލޯނުތައް އަނބުރާ ދެއްކުން ހަ މަހަށް ފަސްކޮށްދޭން ނިންމައިފަ އެވެ. އަދި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ވެސް ވަނީ ލޯނުތައް ހަ މަހަށް ފަސްކޮށްދޭން ނިންމައިފަ އެވެ.
ކުލިތަކާ ގުޅޭގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދާދިފަހުން ވިދާޅުވެފައި ވަނީ ކުލި ކޮންޓްރޯލް ކުރުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށާއި އެކަމަކު މި ދަނޑިވަޅު ކުއްޔަށް ލުއިތަކެއް ހޯދައިދިނުމާ މެދު ސަރުކާރުން ވިސްނާނެ ކަމަށެވެ.
ކޮވިޑް-19 ގެ ސަބަބުން މުޅި އިގްތިސާދު ހުއްޓުމަކަށް އައިސް ގިނަ ބައެއްގެ މުސާރަތައް ވަނީ ކުޑަކޮށްފަ އެވެ. އަނެއް ބައެއްގެ ވަޒީފާ ވަނީ ގެއްލިފަ އެވެ. އެފަދަ ދަނޑިވަޅެއްގައި ގޭ ކުލި ކުޑަކޮށްދިނުމަކީ ލިބިގެން ދާނެ ބޮޑު ލުޔެކެވެ. ވަރަށް އުފާވެރި ހިނިތުންވުމަކަށް ވާނެކަން ކަށަވަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮވީޑް
01 April 2020
އެޗްޑީސީން ދެއްކި މިސާލު މޯޓިވަކަށް ހަދއިގެން ކުޑަ ނުކުތިމަށް ވަރަށް ބޮޑައް ރައްޔިތުންނަށް އެދެން....ޖަޒީރާގަ އުޅޭނީ ރައޔިތުން ސަލާން ޖަހައިގެން....އަސްލު ރައްޔިތު މީހާ ކެއްތެރިވޭ...
ވަގު ލާރި
01 April 2020
މީގެއިން އެގެނީ، މިމީހުން ބޮޑު ކުލި ނަގަނީ ހަމަ އެއް ލަމައެއް ނެތި ކަން. ކުޑަކޮށް ދީގެންވެސް އެއްވެސް ތަކްލީފެއް ނުޖެހޭ ތީ ތާ މި ދަނޑިވަޅުގަ ކުލި ކުޑަކުރަނީ...
ޑިމާންޑް..
01 April 2020
އިކޮނޮމިކްސް އިނގޭ ނަމަ ތިހެން ނުބުނާނެ.. ކުލި ބޮޑު ވަނީ މިސާލަކަށް ކުޑަކޮށް ކޮންމެސް ބަޔަކަށް ކުއްޔަށް ދޭއިރަށް އެހެން ބަޔަކު އައިސް ބުނާނެ އަހަރުމެންނަށް ދޭށޭ، އަހަރުމެން މިތިބީ ތިއަށްވުރެ ބޮޑު އަގުގަވެސް ތިތަން ކުއްޔަށް ހިފަން ތައްޔާރަށޭ.
Solah
31 March 2020
11000 އަކީ 21000 ގެ ދެބައިކުޅަ އެއްބަޔަށްވުރެ ކުޑަ އަދަދެކޭ؟ ސްކޫލްގައި އުޅުނުއިރު ހިސާބު ގަޑިއަށް ކްލާހަށް ގޮސް އުޅުނިންްތަ؟
ާޒައީ
31 March 2020
އެންމެ ރުފިޔާ އެއްވެސް ކުޑައެއް ނުކުރޭ???????????
އާޚް
31 March 2020
ހަރާމް ބަޅުމަސް. ބައިލާރިވެސް ކުަޑަނުކޮށްދޭ އަހަރެން އަތުން
ޣޣ
31 March 2020
ގޭގެ ވެރިންނަށް ރިކުއެސްޓް ކޮށްލާ... އަޅުގަނޑަށް ވެސް ރިކުއެސްޓް ކުރި ސަރުކާރު ބަންދުވުމުން.... ކުލި ކުޑަ ކޮށްދިނީން...
މުލޭ
31 March 2020
އަޅުގަނޑުގެ އެޕާޓްމަންޓްގެ ވެރިފަރާތުން މިއަދު ގުޅާފައި ބުނީ 14500.00 ރުފިޔާގެ ބަދަލުގައި އޭޕްރީލް އަދި މެއި މަހު ކުލީގެ ގޮތުގައި 10000.00 ރުފިޔާ ޖަމާކޮށް ދޭށޭ. 4500.00 ރުފިޔާގެ ކުޑަވުމެއް. ގާތް ގަނޑަކަށް 1/3 ބައިގެ ހެޔޮވުމެއް. މާތް ﷲ މިފަދަ ފަރާތްތަކަށް ހެޔޮގޮތް މިންވަރު ކުރައްވާށި. އާމީން.
ހަބަރުތަށް
31 March 2020
ދުނިޔޭގެ ހަބަރުތަށް ބަލާބަލަ. ނިއުޔޯކް ސިޓީގެ ގަވަރނާ އެއަންގަނީ ޖޫން 20 ގެނިޔަލަށް ކުއްޔަށް ހިފާފައި ތިބި މީހުން ބޭރު ނުކުރެވޭނެޔޭ. ކޮބާ ރާއްޖޭގެ ސިޓީތަކުގެ އިސް މީހުން.
ހަސަނު1
31 March 2020
ނިއުޔޯކުން އެފަދަ ފަރާތްތަކަށް ދޭ ކޮމްޕެންސޭޝަންގެ ވާހަކަވެސް ބުނެލިނަމަ ފުރިހަމަވީސް. ރާއްޖެ ސިތީތަކުގެ އިސްމީހުންވެސް އެވަރުގެ ކޮމްޕެންސޭޝަނެއް ދޭނަމަ މީ އެއްވެސް ކަމެއް ނޫން.
ހަބީބާ
31 March 2020
މިތަނުގެ ބައެއް ކޮމެންޓްތަށް އޮޅޭގޮތަށް އެބަހުރި. ބީއެމްއެލްއިން ފަސްކުރި ލޯނުގެ އިންޓަރެސްއަރާ.. ކޮމްޕައުންޑް އިންޓަރެސްޓް (އިންޓަރެސް މައްޗައް އަރާ އިންޓަރެސްޓް) ނާރަނީ. ލޯނުވެސް ދައްކަން ޖެހޭ. ދައްކަން ޖެހޭ ފަހު ތާރީޚެއް ބަދަލެއްނުވޭ. އެހެންވީމައި މި ހަ މަސް ދުވަހު ރެންޓު ނުދެއްކިޔަށް 6 މަސް ފަހުން އެ ހުރިހާ ލާރިއެއް އަނބުރާ ދައްކަން ޖެހޭނެ. މާނައަކީ ދައްކަންޖެހޭ ކުލި މިއަދު ދަށް ކުރިއަސް 6 މަސް ފަހުން ކުރިއަށްވުރެވެސް ކުލި ބޮޑުވާނޭ.
އެކަނި ވެރިޔާ
31 March 2020
އެމްޑީޕީ އިން ހުޅުމާލެއިން ގޯތި ދޭންބޭނުން ވަނީވެސް ވަކިބަޔަކަށް! އަންނި ނުފޫޒުން މިކަން ކުރަނި މިކަންކަމާހެދި އެމްޑީޕީގެ ސަޕޯޓް ގެއްލިއްޖެ ހަމަހަމަ ނެތީމަ
ނާނު
31 March 2020
ކުލިން 11000 ރުފިޔާ އުނިކޮށްދިނުން ގަބޫލުކުރަން ދަތިވާހަކައެއް ފަހަރެއްގަ ތިމާގެ މީހެއްވީމަ ކަމަށް ވެދާނެ އެހާ ބޮޑު އަދަދެއް ކުޑަކޮށްދިނީ ހަމަ ހިޔެއް ނުވޭ ހިލޭމީހަކަށް އެހާބޮޑު ލުޔެއް ދީފާނެ އެކޭ