އެމްއެންޔޫގެ ދަނާލުތަކުގެ ފީ މާފުކޮށްދީފި

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަނާލުތަކުގައި ތިބި ދަރިވަރުންގެ ފީ މާފުކޮށްދޭން ނިންމައިފި އެވެ.


އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފު މިއަދު ވިދާޅުވީ ހދ. ކުޅުދުއްފުއްޓާއި މާލެ އާއި ގދ. ތިނަދޫ އަދި ސ. ހިތަދޫގައި ހުންނަ ދަނާލުގައި އުޅޭ ދަރިވަރުންގެ މި މަހާއި އަންނަ މަހުގެ ފީ މާފުކޮށްދޭން ނިންމާފައިވާ ކަމަށެވެ.

އެ ދަނާލުތަކުގައި މި ވަގުތު 168 ދަރިވަރުން އެބަތިއްބެވެ.

ރަށްރަށުގެ ދަނާލުތަކުން ދަރިވަރެއްގެ އަތުން ނަގަނީ މަހެއްގެ މައްޗަށް 500ރ. އެވެ. މާލޭ ދަނާލުގައި، އެއް ދަރިވަރަށް ވުރެ ގިނައިން ތިބޭ ކޮޓަރިތަކުން ކުއްޖެއްގެ އަތުން ކޮންމެ މަހަކު 900ރ. އަދި އެކަނި ހުންނަ ކޮޓަރިއަކަށް 1،200ރ. އެވެ.

ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ މާލީ ދަތިތަކަށް ހައްލެއް ހޯދައިދޭން ގިނަ ކުންފުނިތަކާއި އާއްމުން އަންނަނީ ލުއިތަކެއް ދެމުންނެވެ. އެގޮތުން ބައެއް ތަންތަނުގެ ކުލި ހެޔޮކޮށްދީ ފެނާއި ކަރަންޓުގެ އަގު ވެސް ސަރުކާރުން ވަނީ ހެޔޮކޮށްފަ އެވެ.