ބާޒާރުގައި އަގު ބޮޑުވެފައިވާ ފިޔާ އާއި ބިސް ހިފައިގެން ރާއްޖެ ދަތުރު ކުރަމުން އަންނަ ބޯޓެއްގެ އިންޖީނުގައި ރޯވެ އަލިފާނުގެ ހާދިސާއެއް ރޭ ހިނގައިފި އެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި އިންޖީނުގައި ރޯވެގެން ރޭ ރިޕޯޓް ކޮށްފައިވަނީ އެމްވީ ވީބީ ޕްރޮގްރެސް ކިޔާ މުދާ އުފުލާ ބޯޓެއްގަ އެވެ. އަލިފާނުގެ ހާދިސާ ހިނގިއިރު އެ ބޯޓް އޮތީ ރާއްޖޭގެ ބޭރު ކަނޑުގައި ކަމަށާއި މައްސަލަ ހައްލު ކުރީ ބޯޓްގެ ފަޅުވެރިން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
"ބޯޓް މިހާރު މަޑުމަޑުން ދަތުރު ކުރަމުން އަންނަނީ ރާއްޖެއާ ދިމާލަށް،" އެމްއެންޑީއެފުން ބުންޏެވެ.
އެ ބޯޓްގައި ތިބީ އިންޑިއާގެ 11 ފަޅުވެރިން ކަމަށާއި އެމީހުންގެ ހާލު ރަނގަޅު ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ. އަދި މުދަލަށް ވެސް ގެއްލުން ލިބުނު ކަމުގެ ރިޕޯޓެއް ނުލިބެ އެވެ.
ބާޒާރުގައި ފިޔާ އާއި އަލުވި އަދި ބިހުގެ އަގު ބޮޑުވުމުން އެސްޓީއޯ އިން ވަނީ އަގު ކޮންޓްރޯލްކޮށް އެ ތަކެތި ވިއްކަން ފަށައިފަ އެވެ.