ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު، މޫމިނާ އަބްދުލްގައްޔޫމް މިއަދު އަވަހާރަވެއްޖެ އެވެ.
އާއިލާގެ ބޭފުޅަކު "މިހާރު"އަށް ވިދާޅުވީ އުމުރުފުޅުން 80 އަހަރުގައި މޫމިނާ އަވަހާރަވީ ބޮޑު އާލާސްކަންފުޅެއްގައި އުޅުއްވާފައި ނޫން ކަމަށެވެ. މާލޭގައި ދިރިއުޅުއްވާ ގޭގައި މިއަދު ހެނދުނު ވެސް އުޅުއްވީ ހެޔޮހާލުކޮޅުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ހެނދުނު ސައި ބައްލަވައިގެން، އޮށޯވެވަޑައިގަތީ. ހޭފުޅު ލެއްވުން ލަސްވެގެން ހޮސްޕިޓަލަށް ގެންދިޔައިރު އޮތީ އަވަހާރަ ވެފައި. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ އަވަހާރަ ވެފައި ކަމަށް ޑޮކްޓަރު ބައްލަވާފައި ވިދާޅުވި،" އާއިލާގެ ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.
މައުމޫނާއި މޫމިނާ އަދި ކުރީގެ މިނިސްޓަރު އަބްދުﷲ ހަމީދަކީ އެއްބަނޑު އެއްބަފާ ތިން ބޭފުޅުންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި މޫމިނާ އަކީ އެއްބަފާ ދެ ބޭފުޅުންނެވެ. މޫމިނާ އަކީ ޔާމީންގެ ދައްތާފުޅެވެ.
އައިޖީއެމްއެޗުގެ އަންހެނުންގެ ޚާއްސަ ޑޮކްޓަރު އަސީލް ޖަލީލާއި ވެލެންސިއާގެ ކުރީގެ ހިންގުންތެރިޔާ އަަދީލް ޖަލީލަކީ މޫމިނާގެ ދެ ބޭފުޅުންނެވެ. އަދި މޫމިނާ އަކީ، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މާމަ އެވެ.
މޫމިނާ އަކީ ގަލޮޅު އަވަށު އޮފިސް ހިންގުމުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އަދި އެ އަވަށުގެ ތަރައްގީގައި އިސްކޮށް އުޅުއްވި ބޭކަނބަލެކެވެ. ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ގައުމީ މަރުކަޒުގައި ވެސް މަސައްކަތް ކުރެއްވި އެވެ.