މިނިސްޓަރު އަމީން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ގިނަ ފިޔަވަޅުތަކެއް އަޅައި ނަތީޖާ ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި. --ފޮޓޯ/މިހާރު
07 އެޕްރީލް 2020 - 20:07
ކޮވިޑް-19ގެ ބިރުވެރިކަން ދުނިޔޭގެ އެކި ގައުމުތަކުން އަންދާޒާކުރާ ގޮތާއި ލަފާކުރާ ގޮތާ ތަފާތުކޮށް، މި ނުރައްކަލުން ދިވެހިންނަށް ސަލާމަތްވެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށާއި އެ ނަތީޖާއާ ގުޅިފައި އޮތީ އެކުވެރިކަމާއި އެއްބައިވަންތަ ގުޅުމަކުން މަސައްކަތް ކުރުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގައި މިއަދު ފާހަގަކުރާ ސިއްހަތު ދުވަހާ ގުޅިގެން ދެއްވި ޚިތޯބުގައި، މިނިސްޓަރު ވިދާޅުވީ ކޮވިޑް-19 އިން ދިވެހި ރައްޔިތުން ސަލާމަތް ކުރަން، ގައުމީ ފެންވަރުގައި މެދުކެނޑުމެއް ނެތި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ކޮންމެ ދުވަހަކު ހެނދުނު ގައުމީ ޓާސްކް ފޯހުން ފަށާ އެ މަސައްކަތް ރޭގަނޑު ނިންމަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިރުޝާދަށް ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ފުރަތަމަ މީހަކު ޕޮޒިޓިވްވިތާ ވެސް މިއަދަކީ މަހެއް ފުރުނު ދުވަސްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ރައްޔިތުންނަށް ނުރައްކަލެއް ކުރިމަތިވިޔަނުދީ މި ހާލަތުން އަރައިގަތުމަށް ވަރުބަލިކަމެއް ނެތި ކުރާ ބުރަ މަސައްކަތްތަކުގެ ފަހަތުގައި އެތައް ސަތޭކަ ބަޔަކު އެބަތިބި ކަމަށެވެ.
ސަރުކާރުގެ އެންމެ މަތީ މަގާމްގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ އިން ފެށިގެން އަޅުގަނޑުމެންގެ ޓާސްކް ފޯހުގައި މަސައްކަތް ކުރައްވާ ކޮންމެ މީހަކު ރެއާ ދުވާލު މަސައްކަތް ކުރަމުން މިގެންދަނީ ރެއާ ދުވާލު މުޅި އާބާދީގެ ރައްކަލަކަށް. މި ނުރައްކަލުން އަޅުގަނޑުމެން މިންޖުވާ ދުވަސް އަންނާނެ. --އަމީން
މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އޮތީ މި ވައިރަހުން ސަލާމަތްވުމަށް ބަޔަކު ކުރާ މަސައްކަތުގެ މައްޗަށެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ޚިދުމަތްތެރިންނާއި އާއްމު ސިއްހަތުގައި މަސައްކަތް ކުރާ މަސައްކަތްތެރިންނާއި ސިފައިންނާއި ފުލުހުންނާއި ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންނާއި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރާ އެތައް ސަތޭކަ ބަޔަކު މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މި މަސައްކަތުގެ ނަތީޖާ އަޅުގަނޑުމެންނަށް ފެންނާނީ މިއަދު ދެމުންދާ އިރުޝާދުތަކާއި ދޭ މެސެޖްތައް އަޑުއަހައި ލޮބޮވެތި ރައްޔިތުން ގޭގައި މަޑުކޮށްގެން.
ސިއްހަތު ދުވަހުގެ ޝިއާރާ ގުޅުވައި އަމީން ވިދާޅުވީ ޚިދުމަތުގެ ގޮތުން ވަކިން ޚާއްސަކޮށް ފާހަގަކުރަން ޖެހޭ ޚިދުމަތްތެރިންގެ ތެރޭގައި ނަރުހުންނާއި ފޫޅުމައިން ހިމެނޭ ކަމަށެވެ. ކޮވިޑް-19 ގެ މި ހާލަތުގައި ވެސް ނަރުހުންނަކީ އެންމެ ކުރީ ސަފުގައި ތިބި އޯގާތެރިން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ސިއްހީ އެންމެހާ ޚިދުމަތްތެރިންނަކީ، އެ ޚިދުމަތްތެރިންގެ އަގު މުޅި ގައުމުގެ ދުލުން ގޮވަމުންދާނެ ޚިދުމަތްތެރިން ކަން އަޅުގަނޑު ބަލައިގަންނަން،" މިނިސްޓަރު ވިދާޅުވި އެވެ.
އަމީން ވިދާޅުވި ގޮތުގައި ވޭތުވެދިޔަ މަހެއްހާ ދުވަހަކީ ރާއްޖޭގެ ތާރީޚު ނުދެކޭ ފަދަ ބޮޑެތި ބަދަލުތަކަކާއި ގޮންޖެހުންތަކެއް އާއްމު ސިއްހަތު ރައްކާތެރިކުރުމުގައި ދިމާވި ދުވަސްތަކެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރަށް މިިދިޔަ މަހު ކުރެއްވި ޒިޔާރަތެއްގައި ސިއްހީ ދާއިރާގެ ބައެއް އޮފިޝަލުންނާ ވާހަކަފުޅު ދައްކަވާއިރު، އަރިހުގައި ހެލްތު މިނިސްޓަރު އަމީން.---ފޮޓޯ: ރައީސް އޮފީސް
މިނިސްޓަރު ވިދާޅުވީ މި ނުތަނަވަސްކަމާއި ހިތްދަތިކަމުގައި އޮތީ ރާއްޖެ އެކަނި ނޫން ކަމަށާއި ދުނިޔޭގެ ހަތަރު ބިތުން ވެސް އަޑުއިވެނީ ނުތަނަވަސްކަމާއި އުދާސްކަމުގެ އަޑު ކަމަށެވެ. ދުނިޔޭގެ އެކި ގައުމުތަކުން ގިނަ އަދަދެއްގެ ބަޔަކު މަރުވި ވައިރަހުގެ ނުރައްކަލުން ރާއްޖެ އަށް ވެސް ވެރިވެފައި ވަނީ ހާސްކަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ހިސާބުކުރުމާއި އަންދާޒާ ކުރުމުގެ ނަތީޖާ ތަފާތުކޮށް، މިއަދު ރާއްޖޭގެ ހާލަތު އޮތް ކަމުގައި ވިޔަސް އެނގުމެއް ނެތި ދިވެހި އާބާދީ އަށް ބަލި ފެތުރިގެން ހިނގައިދާނެ ކަމުގެ ނުރައްކާ އިންތިހާ އަށް އޮތް ކަމަށް ދެކި ސަރުކާރުން މިދަނީ ހަރުދަނާ މުހިއްމު ފިޔަވަޅުތަކެއް އަޅަމުން،" މިނިސްޓަރު ވިދާޅުވި އެވެ.
"ސަރުކާރުގެ ފިޔަވަޅުތަކުގެ އަމާޒު ހިފާފައި މިވަނީ، ރާއްޖެ އަށް މިފަދަ ނުރައްކަލެއް އަތުވެއްޖެ ހިނދެއްގައި މިކަމުން އާބާދީ ސަލާމަތް ކުރުމުގައި ކުރަން ޖެހޭ މަސައްކަތްތަކުގައި."
ދުނިޔޭގެ ހުރިހާ ހިސާބުތަކަކުން ވެސް މި ބަލީގެ ނުރައްކާ ފެންނަމުންދާ އަޑުތަކާއި މަންޒަރުތަކާއި ދުނިޔެ ކުރަމުންދާ ތަޖުރިބާ އިން ދިވެހިންނަށް އެނގި އިހްސާސްވަމުންދާ ކަމަށް ވިދާޅުވި އެވެ. މިކަމުން އަރައިގަނެވޭނީ އަދިވެސް ގިނަ މަސައްކަތްތަކެއް ކޮށްގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ވައިރަހުގެ ނުރައްކާ އާއްމުންގެ އަސްކަނިތަކާ ހަަމައަށް އަދި ނުފޯރިއަސް އެ ބިރު އެބައޮތް ކަމަށާއި އެކަމުން އަރައިގަނެވޭނީ އެންމެންގެ އެއްބާރުލުމާ އެކުގައި ކަމަށެވެ.
ހެލްތު މިނިސްޓަރު އަމީނާއި ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ މަޝްވަރާއެއްގައި.
ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރާއިރު، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާންކޮށްފައި ވަނީ މުޅިން އަލަށް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. މި ހާލަތު ކުރަމުން އަންނަ މުހިއްމު މަސައްކަތުން ދޭހަކޮށްދެނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، އާބާދީގެ ނާޒުކު ކަމެވެ.
އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ދެމުން އަންނަ އިރުޝާދުތަކަށް ތަބާވެ، ޚިދުމަތް ހޯދުމާއި އިޖުތިމާއީ ބައްދަލުވުންތަކުގައި ވެސް އެކަކު އަނެކަކާ އެކަށީގެންވާ ދުރުމިން ބެހެއްޓުމަށް މިނިސްޓަރު ހަނދާންކޮށްދެއްވި އެވެ.
"މިއީ، ނުރައްކާތެރި ބައްޔެއް، މިއީ ބިރުވެރި ބައްޔެއް، މުޅި އާބާދީ ނެތިދިއުމުގެ ނުރައްކާ މުޅި ދުނިޔެ އަށް ކުރިމަތިވެފައި އޮތް ބައްޔެއް،" އަމީން ވިދާޅުވި އެވެ.
އެހެންކަމުން ހުރިހާ ރައްޔިތުން ވެސް އެކުވެރިކަމާއި އެއްބާރުލުމާ އެކު މިކަމުން އަރައިގަތުމަށް މަސައްކަތް ކުރަން މިނިސްޓަރު ގޮވާލެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންރަހާގެ މުހައްމަދު
08 April 2020
ރާއްޖެއިން ރަނގަޅުވެގެން ފޮނުވާލާމީހުން އެހެންތަނަކުން ޓެސްޓުކުރާއިރު ޕޮޒިޓިވް މިވަނީ ކިހިނެތްތޯ...؟؟؟
ޢައިނާ
08 April 2020
ތީ ކޮންވާހަކައެއް
މަތީނު
08 April 2020
ރާއްޖޭ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް މިނިސްޓަރު އަމީންއާއި ޓީމުން ތިޔަ އުފުއްލަމުން ގެންދަވާ ބުރަޔަކީ ދުލަކުން ޝުކުރު އަދާކޮށް ނުނިމޭނެ ކަންކަން އަގުހުރި މަސައްކަތްތަކެއް. ދުއާއަކީ ތިބޭފުޅުންނަށް ތި ކަމުގައި އިތުރު ކުރިއެރުން މިންވަރު ކުރެއްވުން.
ގެދާނޯމޮސް
07 April 2020
ޓްރަމްޕްޓް ގެ ފިކުރުގެ ވެރިޔާ ގައުމުގެ ވެރިކަމުގަ ނުހުރިކަން ނަސީބެކެވެ. ނޫންނަމަ އިގްތިސާދަކާއިހެދި އުޅޭނެއެވެ.
ނަދުވާ
07 April 2020
ގަބޫލުކުރަން ފުރަތަމަ ކޭސް ފެނުމުގެ ކުރިންވެސް ވަރަށް ބުރަ މަސައްކަތް ކުރެވިފައިވާތީކަން ފުރަތަމަ 3 މަސްވަންދެން ޕޮޒިޓިވްކޭސް އެއް ނުފެނި ހިފަހައްޓާލެވުނީ. އަދި ހަމަ އެ ގޮތަށް ގަބޫލުކުރަން ފުރަތަމަ ކޭސްގެ ކޮންޓެކްޓް ޓްރޭސިން ވަރަށް ރަނގަޅަށް ހެދުނީމަކަން ކޮމިއުނިޓީ ސްޕްރެޑަކަށް ނުގޮސް މިއަދި މިކަން ކޮންޓްރޯލް ކުރެވިފައި މި އޮތީ. މިނިސްޓަރު އަމީންއާއި ޓީމުގެ މަސައްކަތްތަށް ވަރަށް ފުރިހަމަ. ގައުމައިގެން ކުރިއަށް !
ގައުމީ ލޯބީގާ
07 April 2020
ހެލްތު މިނިސްޓަރު އަމީން އަދި ޓީމުގައި ހިމެނޭ މިނިސްޓްރީ މުވައްޒަފުން، އެޗްޕީއޭ މުވައްޒަފުން، ޑޮކްޓަރުން، ނަރުހުން، ޕަބްލިކް ހެލްތު އޮފިސަރުން، ލެބޯރަޓަރީ ސްޓާފުން، އެންމެހައި ސިއްހީ ހިދުމަތްތެރީން އަދި މިނޫންވެސް އެކި ގޮތް ގޮތުން މިކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތަކަށް ފަށް ފަށުން ޝުކުރިއްޔާ. ތިބޭފުޅުން ތިހާ ބުރަކޮށް މަސައްކަތްކުރައްވަންޏާ އިރާދަކުރެއްވިއްޔާ ރާއްޖެއަށް ދެރަގޮތެއް ނުވާނެ. ތި ގޮތުގައި ހިފަހައްޓާލާ މިކަމެއް ނިމެންދެން.
މިހާލަތް
08 April 2020
ހެޔޮވާނީ ކިހިނެއް ތިވަރުގެ ލަޑެއް މަށައްދޭން . ކޮންމެ މީހަކުވެސް އަހަރެން ލިޔާނަންނަމުގަ ހާދަލިޔާހިތްވެއޭ . ދެމީހަކު ނުލިޔާނެ އެއްނަމެއްގަ ތިބުނަނީ އަހަރެން ތިނަމުގަ ލިޔުން ހުއްޓާލާށޭތަ ؟ނުވަތަ ކޮމެންޓްކުރުން ހުއްޓާލާށޭތަ ؟ތިމީހުން ނުކިޔާނެ ނަމެއް ގަ ލިޔަންހިތަށްވެސް އަރުވާނެ ކަމެއްނެތް ކިތަންމެ ހަޑިނަމެއް ނުވަތަ އެހެންމީހުން ބޭނުން ނުކުރާނެހެން ހީވާއަކުރެއް ބޭނުން ކުރިއަސް .އެއަކުރެއް އެނަމެއް ކައްވާލާ . ސޯސޭޑް .
ރަބަރު
07 April 2020
މިހާތަނަށް އައިއިރު ކަންތައް ގޮސްފައިވާ ގޮތުން ކުރެވޭ އުންމީދު ބޮޑު.
ގަޓް ބްރޯ
07 April 2020
މަގުމަތިންނާ އެހެނިހެން ދިމަދިމާލުން ފެންނަ މަންޒަރުތަކުން މިރޯގާގެ ބިރުވެރިކަން ގަބޫލު ނުކުރާ އެތައް ބަޔަކު މި ކުޑަކުޑަ މުޖުތަމައުން ރެއާދުވާލު ފެންނަމުން އެބަދޭ. ބިދޭސީން ހިންގާ ކުދިކުދި ޖޫގޯ ފިހާރަކުގަ ދިވެހިންވެސް ގޮސް ތޮއްޖެހިފަ ތިބޭލެއް މަދެއްނޫން. އެމީހުން މިހާރު ޓޯސްޓް އާ ސޭންޑްވިޗް އާ ފިހުނު ކުކުޅާ ސޮސެޖް ވެސް ވިއްކާ. މި ޚިދުމަތް 24 ގަޑިއިރުވެސް ނުސީދާކޮށް ދޭ ކިތަންމެ ތަނެއް މާލެ ސަރަހައްދުގަ އެބަހުރި.
ސައީދާ
07 April 2020
ފަހަރެއްގައި އަޅުގަނޑުމެން ގޭގައި މިހެން ތިބޭއިރު ތިބޭފުޅުން ރެއާ ދުވާލު މުޅި އާބާދީގެ ރައްކަލަކަށް ތި ކުރައްވަމުންގެންދަވާ މަސައްކަތްތަށް ތަސައްވަރުކުރަންވެސް ދަތިވެދާނެ. އަޅުގަނޑުގެ ދުއާއަކީވެސް އެހެން ގައުމުތައް މި ބަލިމަޑުކަމުގައި ޖެހި ހަލާކުވެ ނެތެމުން މިދާ ގޮތަށް ރާއްޖެއަށްނުވެ އަވަސް ފުރުސަތެއްގައި މިކަމުން ސަލާމަތްވުން. މިނިސްޓަރު އަމީންއާއި ޓާސްކު ފޯހުގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށް ޝުކުރިއްޔާ
ަލަބީބު
07 April 2020
ހީވާގި ހިންގުންތެރި މިނިސްޓަރު އަމީންއާއި އޭނާގެ ހިތްވަރުގަދަ ޓީމުގެ މަސައްކަތުގައި ﷲ ބަރަކާތް ލައްވައި އިތުރު ކުރިއެރުން މިންވަރު ކުރައްވާށި
މަލިކު
07 April 2020
އަލްހަމްދުލިއްﷲ. އިރާދަކުރެއްވިއްޔާ ތި ބޭފުޅުންގެ ހިވާގި މަސައްކަތުން ރާއްޖެ ސަލާމަތުގެ އައްސޭރިއަށް ގެންދެވޭނެ